ads
ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތްކުރުމުގެ އިނާމު ލިބުނު މިފްކޯގެ މުވައްޒަފުން - ފޮޓޯ:މިފްކޯ
ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރުމުގެ އިނާމު މިފްކޯގެ 26 މުވައްޒަފަކަށް
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރުމުގެ އިނާމު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ 26 މުވައްޒަފަކަށް ދީފިއެވެ.

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރުމުގެ އިނާމު ދިނުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދައުލަތަށް ހިދުމަތް ކުރެއްވި 148 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވާފައެވެ.
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހުލާސްތެރިކަމާ އެކު ކޮށްފައިވާ ހިދުމަތްތަކަށާއި އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން 2021 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އިނާމެކެވެ.
މި އަހަރުގެ އިނާމު ލިބުނު 148 ފަރާތުގެ ތެރޭގައި 34 ކަނބަލުން ހިމެނެއެވެ. ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ލިބުނު ބޭފުޅުންގެ ތެރެއިން އަތޮޅުތަކުގެ ރަށްރަށުގައި ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިގެން 65 ބޭފުޅަކު އިނާމު ހާސިލު ކުރައްވާފައިވެއެވެ. އިނާމު ހާސިލު ކުރެއްވި ބޭފުޅުންގެ ތެރޭގައި ބައި ގަރުނަށްވުރެ ގިނަ ދުވަހު ދައުލަތަށް ހިދުމަތް ކުރެއްވި ތިން ބޭފުޅަކުވެސް ހިމެނެއެވެ.

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރި ކަމުގެ އިނާމު ލިބުނު މިފްކޯގެ 26 މުވައްޒަފުންގެ ތެރޭގައި ފެލިވަރާއި ކޫއްޑޫ އާއި ކަނޑުއޮތްގިރީގެ އިތުރުން މިފްކޯ ހެޑް އޮފީހުގައި މަސައްކަތްކޮށްފައިވާ އަދި މިހާރުވެސް މަސައްކަތް ކުރަމުން އަންނަ މުވައްޒަފުން ހިމެނެއެވެ.
އިނާމު ހާސިލުކުރި މުވައްޒަފުންނަށް މަރުހަބާ ކިޔައި މިފްކޯއިން ބުނެފަައިވަނީ މިއީ ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރުމުގެ އިނާމު ރާއްޖޭގެ އެއް ކުންފުންޏަކުން އެންމެ ގިނަ މުވައްޒަފުންނަށް ލިބުނު ފަހަރު ކަމަށެވެ.
މި އިނާމު ދޭން ފެށި ފަހުން މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި 309 ބޭފުޅަކަށް މި އިނާމު ދީފައިވެއެވެ. މި އަހަރުގެ ޖަލްސާގައި އިނާމު ދެވުނު ފަރާތްތަކާ އެކު، މިހާތަނަށް ޖުމްލަ 457 ބޭފުޅަކަށް ދިވެހި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރި ކަމުގެ އިނާމު ވަނީ ދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް