ގައުމަކަށް ހިދުމަތް ކުރުމުގައި ދެމިހުރެ ވަގުތުތައް ހުސްކޮށްލުމަކީ އެމީހެއްގެ ނަން ރަން އަކުރުން ފަވާލެވޭނެ ކަމެއްކަން ޔަގީނެވެ. 43 އަހަރުވަންދެން ދައުލަތަށް ހިދުމަތް ކުރުމަށްފަހު، ހިދުމަތާއި ވަކިވެފައިވާ އަބްދުލް ވާހިދު ހަސަން އަކީ ވެސް އެފަދަ ފަރާތެކެވެ.
ވާހިދު އަކީ ހއ. އުތީމްގެ ބޮޑު މުދީރެވެ. ބޮޑު ކަތީބެވެ. ބޮޑު މުދިމެވެ. މިިއީ އޭނާގެ ރަށް އުތީމަށް ކުރެއްވި މަސައްކަތުގެ ފޮނި ވާހަކަތަކުގެ ފެށުމެވެ.
އެގޮތުން އެނާ ހާސިލް ކޮށްފައިވާ ސަނަދު ތަކަކީ މިސްކިތުގެ މުދިމް ކަމުގެ ސަނަދާއި، ރާއްޖޭތެރެ ވެރިންތަމްރީން ކުރުމުގެ ސަނަދާއި، ހުކުރު ކުރުމުގެ ސަނަދާއި، ދީނިއްޔާތު މުދައްރިސް ކަމުގެ ސަނަދާއި، ދެ ނަމްބަރު ކާތިބު ކަމުގެ ސަނަދާއި، ހިސާބު މުދައްރިސު ކަމުގެ ސަނަދާއި، ޖަމާއަތްތެރި ކަމުގެ ސަނަދާއި، ގުރުއާން ކިޔަވައިދިނުމުގެ ސަނަދުގެ އިތިރުން އިމާމުވެ ހުކުރުކުރުމުގެ ސަނަދެވެ.
1963 ން 1968 އަށް މަހަކު 35 ރުފިޔާގެ ގެ އުޖޫރަޔަކަށް މަކުތަބު ތަކުރުފާނުލް އަޢުޡަމުގައި، ފުނަމާގެއާ އެނޫންވެސް ތަންތާގައި އޭނާ ވަނީ ކުދިންނަށް ކިޔަވައިދީފައެވެ. އަދި މެދުކެނޑުމަކަށް ފަހު މުދިމްކަމުގެ ވަޒީފާ ލިބުމުން ވަޒީފާގެ ހައިސިއްޔަތުން ހިލޭސާބަހަށް ކުދިންނަށް ކިޔަވައިދީފައިވާ ކަމަށާއި، 6 މޭ 1970 ން ފެށިގެން ދައުލަތަށް ޚިދުމަތް ކުރަންފެށީ އުތީމު ކަނދުވަލު މިސްކިތިގެ މުދިމް ކަމުން ކަމަށް ވާހިދު ވަނީ ކިޔައިދީފައެވެ. އުތީމުގައި ހުކުރު ކުރުމާ ޖަމާޢަތްތެރިކަން ކުރަމުން ދިޔައީވެސް ވާހިދު ކަމަށް އޭނާ ވަނީ ކިޔައިދީފައެވެ.
އުމުރުން 14 އަހަރުގައި އިޖްތިމާއީ ގޮތުން ރަށަށް ހިދުމަތް ކުރުމުގައި ވާހިދު ނުކުތީ އޭނާގެ ހުނަރާއި ތައުލީމާއި، ތަޖުރިބާގެ އަލީގައެވެ.
ވާހިދުވަނީ އުތީމަށް އަގުނުކުރެވޭ ހިދުމަތްތަކެއް ކޮށްދީފައެވެ. އުތީމުގެ މުޅި ތަރައްގީ އާއި ގުޅިފައިވަނީ ވާހިދުގެ ދުރުވިސްނޭ ވިސްނުމާއި، ހިންގުންތެރި ކަމެވެ. މުދިމް ކަމުގެ ވަޒީފާގައި 8 އަހަރާ 4 މަހާ 26 ދުވަހު ހޭދަކުރުމަށްފަހު 2 އޮކްޓޯބަރ 1978 ގައި ކުޑަކަތީބު ކަމުގެ ވަޒީފާއަށް ބަދަލު ކުރެއްވި ކަމަށެވެ.
މާލޭގެ ހާއްސަ ކުލާހަކުން ތައުލީމު އުނގެނިގެން ރަށަށް ގޮސް ފުރަތަމަވެސް އޭނާ ފެއްޓެވީ ކުދިންނަށް ގުރުއާން ކިޔަވައިދިނުމެވެ. އެއީ ވާހިދުގެ އުމުރުން 14 އަހަރުގައެވެ. މިއަދު އުތީމުގެ 40 އަހަރާއި 50 އަހަރުގެ ގިނަ މީހުންނަށް ގުރުއާން ކިޔަވައިދިން އެދުރަކީވެސް ވާހިދެވެ.
ނަވާރަ ސަތޭކަ ހަތްދިހަ ނުވައެއް ހާ ހިސާބުން ލިޔަން ކިޔަން ނުދަންނަ އަންހެން ފިރެހެން ބޮޑެތި ހުރިހާ މީހުންނަށް ކަތީބުގެ މަޝްވަރާޔާ އެއްބާރުލުމާ އެކު އަސާސީ ތަޢުލީމް ވަރަށް ފޯރީގައި ކިޔަވައި ދޭން ފަށާ ރަށުގައި ލިޔަންކިޔަން ނުދަންނަ ހުރިހާ މީހުން ލިސްޓުކޮށް ގުރޫޕު ތަކަކަށް ބަހާލައިގެން ގެނެސް ކިޔަން ދަސްކޮށްދީ އެނގޭކަމުގެ ކުޑަފޮތް ވެސް ހޯދައި ދިނެވެ. ރަށުގެ ކުދިބޮޑު އެންމެނަށް އަސާސީ ތައުލީމް ފޯރު ކޮށްދިން މީހަކީ އުތީމް ވާހިދެވެ.
ވާހިދު ކަތީބުކަން ކުރެއްވީ ޖުމްލަ 16 އަހަރު ވަންދެނެވެ. ކަތީބު ކަމުގައި ހޭދަވި ދުވަސްވަރު، ތަރައްގީ އަށް ކުރެއްވި ތަފާތު ކަންތައްތަކާއި، ހޭދަވި މަރުހަލާތައް "ސީއެންއެމް" އަށް ވާހިދު ވަނީ ކިޔައިދީފައެވެ. ކަތީބުކަމުގައި ހުރެގެން ގަނޑުވަރު ޚާދިމްކަމާ ހަނދާނީމަރުކަޒުގެ މުދީރުގެ ބަދަލުގެ އެހީތެރިޔާގެ މަޤާމްވެސް، ދިވެހިބަހާ ތާރީހަށް ހުދުމަތްކުރާ މަރުކަޒުން ހަވާލު ކުރުމުން އެމަސްއޫލިއްޔަތު ވެސް އަދާކުރި މީހަކީ ވާހިދެވެ.
ކުޑަކަތީބު ކަމުގައި 2 އަހަރާ 7 މަހާ 17 ދުވަސް ހޭދަކުރެއްވި އިރު، ދަތިތަކާވެސް ކުރިމަތިލާން ޖެހުނު ކަމަށާއި، އެގޮތުން 1980 ގެ އަހަރު ތަކުގެ ތެރޭ ރާޖެއަށް ކުރިމަތިވި ނުރައްކާތެރި ރޯގާއެއް ކަމަށްވާ ސިގައްލާ ނަމަކަށް ކިޔާ ބޭރަށްހިންގާ ރޯގާއެއް އަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ.
އެރޯގާ އާއި ކުރިމަތިލާން ޖެހުނީ މާލެއިން ރަށަށްއައި އޮޑިއަކުން އައިގިނަ ބަޔަކަށް ރޯގާޖެހިފައި ތިބުމުން ކަމަަށެވެ. އެހާ ހިސާބުން އެމީހުންނާ އާއިލާ ކައިރިއަށް ނުފޮނުވާ އަވަށާދުރުގައި ފުނަމާގެއަށް ހުރިހާމީހުން ގެނެސް އެއްވެސް މީހަކިއާއި ހަމަޔަށް ނުގޮސް އެކަން ކުރި ހިކުމަތްތެރި ކަމަކީވެސް ވާހިދު ހަދާނުން ފިލައިގެން ނުދާ ހާދާނެއް ކަމަށް ފާހަގަކުރިއެވެ.
އަމިއްލަ ގެއިން ކާންގެންނަ ކާތަށިވެސް އެތަނަށް ނުވައްދާ އިންވަކިކޮށް ދަމާފަހުންނަ ރޯނާހަމައިން ތަނުގައި ހުންނަ ތައްޓަށް ބަދަލުކޮށް ހަމައެކަނި ކޮންމެ ބަލިމީހަކަށް މީހަކު ބަހައްޓައިގެން 24 ގަޑިއިރު ހޭލާ ތިބެގެންވީ ބޮޑު ގުރުބާނީއަކީ އޭނާގެ ވެރިކަމުގައި ކުރެވުނު ހިތްދަތި އެހެނަސް މިހާރު އުފާވެރި އިހުސާސް ތަކެވެ.
އޭގެ ސަބަބުން މީހެއްގެ ފުރާނަ ނުގެއްލި އިތުރު މީހަކަށް ރޯގާނުޖެހި މާތްﷲގެ އިރާދަފުޅުން ރޯގާ ކޮންޓުރޯލު ކުރެވުނު ކަންވެސް ވާހިދު ފާހަގަ ކުރެއްވިއެވެ.
ވާހިދުގެ ކަތީބު ކަމުގައި އެރަށުގެ މީހުންނަށް ފަސޭހައިން ނަމާދު ކުރެވޭނެ ގޮތެއް ހެދުމަށް ސަރުކާރުގައި ވާހަކަދައްކައިގެން މިސްކިތެއް އަޅުއްވައި، އާ އޮފީހެއްވެސް އެޅުއްވިއެވެ. ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ ނަމުގައި މަރުކަޒުވެސް ބިނާ ކުރެއްވުމުގެ މަސައްކަތުގެ އިތުރުން ރަށުގެ މަގު ހެދުމާއި، ކަރަންޓަކީވެސް ވާހިދު އުތީމަށް ފޯރު ކޮށްދިން ހިދުމަތެވެ.
މިހުރިހާ ކަމެއް ކުރެވުނު އިރު ހަގީގަތުގައިވެސް ވަރަށް އުފާވާ އެތައް ކަމެއް ކުރެވިފައިވާ ކަމަށާއި، އުތީމުގައި ކުރިން ހުރި "ކަދުވަލު މިސްކިތަކީ" ރަށުގެ މީހުން އުޅޭ ސަރަހައްދާއި ވަރަށް ދުރުގައި ހުރި މިސްކިތެއް ކަމުން މީހުން އުޅޭ ސަރަހައްދުގައި މިސްކިތެއްވެސް ބިނާ ކުރެއްވިއެވެ. އެ މިސްކިތުން ނަމާދު ކުރަން ފެށުމާއެކު، އުފާވާ ކަމެއް ކަމަށް ވާހިދު ކިޔައިދިނެވެ.
މިސްކިތު މަސައްކަތައް ކުރި ދުވަސް ތަކުގައި ގޭގެއިން ކެއުމާ ސަޔާ ޖޫސް ހުސްނުކޮށް ގެނެސްފައި ހުންނަކަމަށާއި، މަސައްކަތް ނިމުމާއެކު ލިބުނުލާރި އެއްކޮށްގެން ރައްޔިތުން އިތުރު މަސައްކަތް ކޮއްގެން ހޯދިލާރިން ޖަނަރޭޓަރު ގެއެއް އަޅާ ކޭބަލާ އަދިވެސް އިތުރަށް ކަރަންޓުލާން ބޭނުންވާ އެއްޗެހި ގަނެސް ސަރުކާރުން އޭރުގެ އެޓޯލްސް މިނިސްޓަރ މަރުހޫމް ޢަބްދުﷲޙަމީދު ހުރި ގާތްކަމާވެސް އެކު ހިލޭ ދެއްވި 5 ކިލޯވޯޓުގެ ޖަނަރޭޓަރަކާއެކު ތަކެތި ހިފައިގެން މާލެއިން އައިސް ކަރަންޓުލާ އަދިރީގައި އޮތް އުތީމަށް އަލިކަން ހޯދައި ދެވުނީތީވެސް އުފާވާ ކަމަށެވެ.
އޭރު މާލެއިން އުތުރުން ރައްޔިތުންނަ ކަރަންޓުގެ ޚިދުމަތް ދެވޭ ހަތަރު ރަށުގެ ތެރެއިން އެއް ރަށަކަށް އުތީމު ވެގެން ދިއުމަކީ އެނާގެ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ބޮޑު ތަކުރުފާނުގެ ގަނޑުވަރު ބައްލަވާ ލެއްވުމަށް ރާއްޖޭގެ އެތަައްބަޔަކުވެސް އުތީމަށް ޒިޔާރަތް ކުރާ ކަމަށާއި، އެގޮތުން ދުވާލަކަށް 15 ނުވަތަ 20 މީހުންވެސް ރަށަށް ޒިޔާރަތް ކުރާ ކަމަށެވެ. މަހެއްގެ މައްޗަށް 1000 މީހުންވެސް ގާތްގަޑަކަށް ޒިޔާރަތް ކުރެވޭނެ ކަމަށެވެ.
އެހެން ކަމުން ވިސްނީ ރަށުގައި ބޮޑުތަކުރުފާނުގެ ހަދާނީ މަރުކަޒެއް ބިނާ ކުރުން ކަމަށާއި، އެބިނާ އާއި އެކު ރަށަށް އަންނަ މެހުމާނުންނަށް އެތަނުގައި އެކި ކަންތައްތައް ހާއްސަ ކުރެވިގެން ދިޔަ ކަމަށެވެ. ހަގީގަތުގައިވެސް މިކަންތައްތަަކަކީ ވަރަށް އުފާވާ ކަންތައްތައްކެއް ކަމަށް ވާހިދު ވަނީ ކިޔައިދީފައެވެ.
އަދި ކަރަންޓު ނެތް ޒަމާނުގައި ކަރަންޓު ގާއިމް ކުރުމަށް ކުރެވުނު މަސައްކަތަކީވެސް ވަރަށް ބޮޑަށް އުފާވާ ކަމެއް ކަމަށެވެ. މަގުހެދުމަށް ކުރެވުނު މަސައްކަތުގެ ތެރެެއިން ގަނޑުވަރުން ފެށިގެން އިރުމައްޗަށް ވާ ގޮތަށް ކޮށާ ހެނދުނު މަގަކީވެސް ފިނިކޮށްލުމަށާއި، އެތައް ބަޔަށް ހިންހަމަ ޖެހުމަށް ކުރެވުނު ކަންތައްތަކެއް ކަމަށެވެ.
ކަތީބު ކަމުގެ ދައުރުގައި މިއީ ވާހިދުގެ އުފާވެރި ހަނދާން ތަކެވެ. ނަމަވެސް ވާހިދު ކިޔައިދިން ގޮތުގައި ވަރަށް ބޮޑެތި ގޮންޖެހުނަތަކާއިވެސް ވަނީ ކުރިމަތިލާން ޖެހިފައެވެ. "އޭރު ބައެއްފަހަރު މާގާމުން އެކަހެރިވާންވެސް ހިތައް އަރާ." ކަމަށް ވެސް ވާހިދު ކިޔައިދިނެވެ. ނަމަވެސް ހިދުމަތުން އެއްކިބާ ނުވެ ހުރެވުނީ ވެސް އެއީ ލިބުނު ހިންހަމަ ޖެހުމެއް ކަމަށެވެ.
އުތީމުގެ ތަރައްގީއަށް އަގުނުކުރެވޭ ހިދުމަތެއް ވާހިދު ކޮށްދީފައިވާއިރު، އޭނާގެ 15 ދަރިންނާއި ދެ އަނބިން އެބަ ތިއްބެވެ. ދަރިންނާއި އަނބިންގެ ކަންތައްތައް ބަލަހައްޓަމުން ވާހިދު ގެންދިޔަ ނަމަވެސް ރައްޔިތުންގެ ހިދުމަތުގައި ވާހިދު ކުރެއްވި މަސައްކަތެއް ހުއްޓާ ނުލައެވެ.
އޮތޮޅުވެރިންގެ އެންގުމާއި އެކު ރަށުން ބޭރަށްވެސް ވާހިދު ވަނީ ދަތުރުތައް ކުރައްވާފައި ކަމަށާއި، އެ ދަތުރުތައްވެސް ކުރެއްވީ އުފަލުން ކުރާ ހިތްވާ ކަމެއްގެ ގޮތުގައި ކަމަށެވެ.
އެގޮތަށް ފިއްލަދޫ އާއި، ވަށަފަރާއި، މުރައިދޫ، އާއި، ބާރަށަށް ވެސް ވަރަށް ގިނަފަހަރު ދެވުނު ކަމަށް ވާހިދު ކިޔައިދިނެވެ. ދައުލަތަށް ވާހިދު ހިދުމަތް ކުރެއްވީ 43 އަހަރުވަންދެވެ. ކަތީބުކަމިގައި ހުރެގެން ގަނޑުވަރު ޚާދިމްކަމާ ހަނދާނީމަރުކަޒުގެ މުދީރުގެ ބަދަލުގެ އެހީތެރިޔާގެ މަޤާމްވެސް ވަގުތީގޮތުން ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ މަރުކަޒުން ޙަވާލު ކުރުމުން އެ މަސްއޫލިއްޔަތު ވެސް އަދާކުރެއްވި ކަމަށެވެ.
ކަތީބު ކަމުގައި 16 އަހަރެވެ. އޭގެ ފަހުން އަދާކުރެއްވީ ބޮޑުތަކުރުފާނުގެ ހަދާނީ މަރުކަޒުގެ އެސިސްޓެންސް ޑިރެކްޓާރުގެ މާގާމެވެ. (މުދީރު) ކަމެވެ.
މިހާރު ވާހިދުގެ އުމުރުން 72 އަހަރެވެ. އޭނާ އަށް ވަނީ ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 2022 ވަނަ އަހަރު ލިބިފައެވެ.
ގައުމު އެދި ގޮވަނީ އިހްލާސްތެރި ދަރިންނަށެވެ. އަމިއްލަ ފަސްގަނޑަށާއި، ރަށަށް ހިދުމަތެއް ކުރެވޭނެ ގާބިލް ޖީލަކަށެވެ. އިހްލާސްތެރިކަމާއި އެކު ހިދުމަތް ކުރުމަކީ ގައުމީ އުފަލެއް ކަމަށް ހަދަމާ ހިނގާށެވެ. ވާހިދު ފަދަ ފަރާތްތަކުގެ ނަމޫނާ އިން އިބްރަތް ހާސިލް ކުރަމާ ހިނގާށެވެ.