ads
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމާއި، މެޑަލް ލިބުނު ފަރާތްތަކުގެ ތެރޭގައި ގއ. ގެމަނފުށީ އަރުޝަމް ހުސެއިން
ރައީސް ދެއްވި އިނާމާއިއެކު، އަރުޝަމް މަންމަ ހެއްވާލައިފި
ދަރިއަކު ލިބި އެދަރިއަށް ހަރަދުތަކާއި އެހެނިހެން ކަންކުރަންޖެހޭ ދުވަހު ދަރިފުޅުގެ ބައްޕަ ވަކިވުމަކީ އެދަރިއަކަށް ލިބޭނެ ވަރަށްވެސް ބޮޑު ހިތްދަތި ކަމެކެވެ. ނަމަވެސް ކޮންމެ ހާލެއްގައި އުޅެން ޖެހުނަސް އެއްވެސް މަޔަކު ނުވަމަހާއި ދިހަ ދުވަސް ވަންދެން ބަޑުގައި އަޅާ ވިހާ ދަރިއަކު ދޫކޮށްލާކަށް ބޭނުމެއް ނުވާނެއެވެ. މައިމީހާ ބޭނުންވާނީ އޭނާގެ ދަރިފުޅު އެންމެ މޮޅު ދަރިވަރަށް ހެދުމަށް ގަދައަޅާ މަސައްކަތް ކުރާށެއެވެ.
Advertisement

މިއީ ދުނިޔެ ދެކެފައިވާ ހަގީގަތެވެ. ގއ. ގެމަނަފުށީ އަމްސޫދާ އަހުމަދުވެސް ސާބިތު ކޮށްދިނީ އެކަނިވެރި ކަމާއެކުވެސް އޭނާގެ ދަރުފުޅަކީ މޮޅު ދަރިވަރަކަށް ހެދުމަށެވެ.

ނުވާނެ ކަމަށް މީހަކު ބުނާ ކޮންމެ ކަމެއް ކުރަން ގަސްތު ކުރި އަރުޝަމް ބޭނުންވީ އޭނާގެ މަންމަ ހެއްވާލާށެވެ. އެއީ މަންމަ އޭނާ އަށްޓަކާއި އުފުލި ބުރައާއި އޭނާ އަށްޓަކާއިވީ ގުރުބާނީގެ އަގު އަދާކުރެވޭނެ ހަމައެކަނި ގޮތަކީ އެއީ ކަމަށްވާތީއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމާއި، މެޑަލް ލިބުނު ފަރާތްތަކުގެ ތެރޭގައި ގއ. ގެމަނފުށީ އަރުޝަމް ހުސެއިން ވަނީ ހިމެނިފައެވެ. އަރުޝަމް އަކީ ގެމަނަފުށީ ސުކޫލަށް އެންމެ ފުރަތަމަ ވެސް އެންމެރީތި ނަން ހޯދައިދިން ދަރިވަރެވެ.

ދެހާސް ސާދަ ވަނަ އަހަރު ސުކޫލް ނިންމި އަރުޝަމް މުޅި ގެމަނަފުށީ ސުކޫލު ހެއްވާލީ ސުކޫލަށް ދުވަހަކު ވެސް ނުލިބޭ ރީތި ނަމެއް ހޯދާފައެވެ. ޓޮޕް ޓެން އިން އޭނާ ވަނީ އެ ސުކޫލު ވިދުވާލާފައެވެ. އަރުޝަމް "ސީއެންއެމް" އަށް އޭނާގެ ތައުލީމީ ހަޔާތް ކަނޑައްތު ކުރިގޮތް ކިޔަދެމުން ބުނީ ސުކޫލު ދުވަސްވަރުވަރު ހޭދަކުރީ ވަރަށް ނިކަމެތި ހާލުގައި ކަމަށާއި، އެއީ ބައްޕަ އާއި މަންމަ ވަކިވުމުގެ ސަބަބުން ދިރިއުޅުމަށް އައި އަނދިރި ދުވަސްތަކެއް ކަމަށެވެ.

އެހެންކަމުން އެދުވަސްތަކުގައި ސުކޫލަށް ބޭނުންވާ ކަންތައްތައް ފުރިހަމަ ކުރުމުގައި ގޮންޖެހުންތައް ހުރި ކަމަށާއި، ސުކޫލަށް ބޭނުންވާ ސާމާނާއި، ދަބަހާ ޕާސްޕޭރާއި، އެހެނިހެން ތަކެތި ލިބުމުގައި ވަރަށް ބޮޑަށް ދަތި ތަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. ނަމަވެސް އުފުލަން ޖެހުނު އުނދަގޫތަކާއިއެކު ވެސް މަންމަ ކުރި މަސައްކަތް ވަރަށް ގާތުން ފެންނަމުން ދިޔަ ކަމަށެވެ.

އަރުޝަމް ބުނީ އޭނާގެ މަންމަގެ އާއިލާގެ މީހުން އަރުޝަމް އަށް ކިޔަވައިދީ އަޅާލަމުން ދިޔަކަމަށާއި، މިހާރު ހުރި ހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑުބައި އަދާ ކުރީ މީހުންނަކީ އެ މީހުން ކަމަށެވެ.

"ކުޑައިރު ސުކޫލަށް ބޭނުންވާ ސާމާނު ހޯދައިދޭނީ މަންމަގެ ފެމެލީ މީހުން. ރަށު ސުކޫލުން ނިންމާލާ މާލެ އަށް ބަދަލުކޮށްގެވެސް އަރުޝަމް އަޅާލީ މަންމަޔާއި އެއްބަނޑު މީހުން. އަބަދުވެސް ޝުކުރުވެރިވަން." އަރުޝަމް

މިއީ އަރުޝަމްގެ ސުކޫލު ހަޔާތުގައި އޭނާ ކުރި ދަތުރުގެ ހިތްތަތި އަދި ބުރަ ދުވަސްތަކުގެ ތަޖުރިބާއެވެ.

"އެންމެ ކުޑައިރުވެސް މޮޅު. ފުރަތަމަ ގުރޭޑުން ފެށިގެންވެސް ކިޔަވަން. ސުކޫލުގައި ވަރަށް ރަނގަޅަށް ކިޔެވިއިރުވެސް ސުކޫލުން ތަފާތު ކުރުމެއް ހުރޭ. އެއީ ކީއްވެ ކަމެއްނޭނގެ." އަރުޝަމް ބުންޏެވެ.

އަރުޝަމް އަކީ ކިޔެވި އިރު ސުކޫލުގެ މޮޅު ކުއްޖެއް ކަމަށާއި، ގުރޭޑް 10 އެއްގެ އަހަރު ސުކޫލުގައި މައްސަލަ ޖެހި، ފުރަތަމަ ޓާމް އެއްކޮށް އިންގްލިޝް ގަޑީގައި ކުލާހުން ބޭރުގައި ހުންނަން ޖެހުނު ކަމަށް އަރުޝަމް ބުންޏެވެ.

"އިންގިލިޝް މުދައްރިސް ބުނީ އަރުޝަމް އަށް އިންލިޝް މާއްދާއިން ރަނގަޅު ނަތީޖާއެއް ނުލިބޭނެޔޭ. އެކަމަކު ކުލާހުގެ ބޭރުގައި ހުރެގެން ވެސް އެ އަހަރު އިންގްލިޝް މާއްދާއިން އޭ ޕްލަސް އެއް ހޯދިން،" -އަރުޝަމް-

ސުކޫލުގައި ޖެހުނީ ހަގީގަތުގައި ބޭރަށް އެއްކޮށް ނެރެފައި ހުންނަން ޖެހޭ ވަރުގެ މައްސަލައެއް ނޫން ކަމަށާއި، އެއީ ރޭގަނޑު ސުކޫލަށް ގެންގޮސް މަޒުމޫނުފަދަ އެއްޗެހި މާ ގިނައިން ލިޔަންޖެހޭތީ އަރުޝަމް ހިންހަމަނުޖެހުމުން ޓީޗަރު އަމަލު ކުރި ގޮތެއް ކަމަށެވެ.

ނަމަވެސް ކުލާހުގެ ބޭރުގައި ހުރެގެންވެސް އަރުޝަމްކިޔެވީއެވެ. ޓީޗަރު ފާސްނުވާނެއޭ ބުނުމުންވެސް ފާސްވެ ރަނގަޅު ނަތީޖާއެއް ދެއްކުމަށް ކަމަށެވެ. އެކަން އަރުޝަމް ވަނީ ކާމިޔާބު ކޮށްފައެވެ. އިގިރޭސި މާއްދާއިން އޭ ޕްލަސްއެއް ހޯދީ ކުލާސް ބޭރުގައި ހުރެ ކިޔަވައިގެންނެވެ. އަރުޝަމް ބުނީ އޭރު ސުކޫލުގައި ކިޔެވިއިރު އުއްމީދު ކުރީ ޕައިލެޓްކަން ކިޔަވަން ކަމަށާއި، ނަމަވެސް ފަހުން ޑޮކްޓަރަކަށްވާންވެސް ވިސްނުން އައި ކަމަށެވެ.

ނަމަވެސް އެ ވިސްނުން ބަދަލުވެ މިހާރު ކުރިއަށްދަނީ އިންޖިނިއަރިންގެ ދާއިރާއިން ކަމަށްވެސް އަރުޝަމް ބުންޏެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު އަރުޝަމަށް ލިބިފައިވަނީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތަކާއި ލެވެލް އަށާކާއި، ނުވަތަ ލެވެލް ނުވައެއްގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް އަރުޝަމް ހޯދާފައިވާތީއެވެ.

އަރުޝަމްގެ މަންމަ ބުނީ އޭނާގެ ދަރިފުޅަކީ ބަސްއަހާ ކިޔަމަންތެރި ކުއްޖެއް ކަމަށާއި، އެދަރިފުޅަށް ލިބުނު ކާމިޔާބީ އަކީ މަންމަގެ ބަސް އަހައިގެން ކިޔެވުމުގެ ނަތީޖާ ކަމަށެވެ.

"އަހަރެން ދަރިފުޅު ކުޑައިރު އޭނަގެ ބައްޕަޔާއި ވަކިވެ އަހަރެން އޭނަ ގެނގުޅުނީ ވަރަށް ހާލުގައި. ހީވެސް ނުކުރަން އެވަރުގެ ނަތީޖާ އެއް ހޯދާފާނެ ކަމަކަށް. ނަމަވެސް ގެމަނަފުށީ މުޅި ސުކޫލަށް އަރުޝަމް ހޯދީ 50 އަހަރު ތެރޭގަވެސް ނުހޯދޭ ކާމިޔާބީއެއް." -އަމްސުދާ އަހުމަދު-

އެކަނިމާއެކަނި ދަރިފުޅު ގޮވައިގެން އުޅެމުން މިއަދު އެ ކުއްޖާ ހޯދި ކާމިޔާބީ އަކީ ލިބުނު ވަރަށްވެސް ބޮޑު އުފަލެއް ކަމަށްވެސް އަމްސޫދާ ބުންޏެވެ.

"ދަރިފުޅު 10 އެއް ނިންމާ ޓޮޕްޓެންގެ ދެ ވަނައިގައި ހިމެނުނުދުވަހަކީ އެއީ އަހަންނަށް ދުނިޔެމަތިން ލިބުނު އެންމެ ބޮޑު އުފާ. އެދުވަހު އުފަލުންގޮސް މިހާ ތުރުތުރު އެޅި. ނަމަވެސް ރަށު ސުކޫލުންވެސް އެދުވަހެއް ފާހަގަ ނުކުރޭ. އުފަލުގައި މީހުންބައިވެރި ނުވީމަ ވަރަށް ދެރަވި." -އަމްސޫދާ-

ނަމަވެސް އަތޮޅު ސުކޫލުން ލިބުނު ހިތްވަރު އެއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް އަމްސޫދާ ބުންޏެވެ.

އަމްސޫދާ ހުރީ މިއަދު ވަރަށްވެސް އުފަލުންނެވެ. އަމްސޫދާ ބުނީ އޭނާގެ ދަރުފުޅަށް ލިބުނު ކާމިޔާބީ އަކި އެއީ ކަރުނަޔާއި ކެތްތެރި ކަމާއި އެކު އުފުލި ބުރައިގެ ހިތްހަމަޖެހުން ކަމަށެވެ. 


100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް