ކޮންމެއަކަސް ގައުމުގެ އިގްތިސޯދަށް ގެއްލުންވަމުންދާއިރު އެކަމުގެ ސަބަބުން ރައްޔިތުންގެ ޖީބުތަކަށް އަސަރުކުރާނެއެވެ. އެގޮތުން ބައެއް ކުންފުނިތަކުން މުވައްޒަފުންގެ މޫސަރަ ދަނީ ކުޑަކުރަމުންނެވެ. އަދި ބެއެއް މުވަޒަފުން ނޯ–ޕޭގައި ބަހައްޓަމުންދާ ކަމުގެ ޝަކުވާވެސް ބައެއް ފަރާތްތަކުން ކުރެއެވެ. އެހެންކަމުން ހަރަދު ކުރުމުގައިވެސް ދަތިތަކާ ކުރިމަތިލާންޖެހޭނެއެވެ.
ނަމަވެސް އިގްތިސޯދީ ގޮތުން ގައުމު އަނދަވަޅަކަށް ވެއްޓެމުންދާއިރު މި ފެންނަނީ ރައްޔިތުންގެ ޖީބަށް ބުރަވާ ގޮތަށް މި ދަނޑިވަޅުގައި ވެސް އަމަލުކުރެވޭ ތަނެއެވެ. އެގޮތުން އަނެއްކާވެސް ސައިކަލުތަކުގައި ސްޓިކާ ޖަހަމުންދާތަން ފެނުމަކީ ވަރަށްވެސް ހިތާމަ ހުރިކަމެކެވެ. އަދި މިއީ ގައުމަށް ދިމާވެފައިވާ މި ނުރައްކާތެރި ހާލަތުގައި ކަންކުރުން އެންމެ ރަނގަޅު ގޮތެއް ނޫނެއެވެ. ސަބަބަކީ މާލޭގައި ދިރިއުޅެމުންދާ ގިނަ ރައްޔިތުންނަކީ ކުއްޔަށް އުޅެމުންދާ ބަޔަކަށްވެފައި ގިނަ މީހުންނަށް ފަހަށް ރައްކާކުރާނެ ފައިސާ ކޮޅެއްވެސް ގިނަ ފަހަރު ނުވުމެއެވެ.
މި ފަދަ ދަނޑިވަޅެއްގައި ސައިކަލުގައި ސްޓިކާޖެހުމަކީ ރައްޔިތުން ސަރުކާރާ މެދު ހިތްހަމަ ނުޖެހުން ބޮޑުވާނެކަމެކެވެ. އަދި ރައްޔިތުން މާޔޫސްކުރުވާނެ ކަމަކަށްވާއިރު ސަރުކާރުން އެކަން މި ވަގުތަށް މަޑު ޖައްސާލުން ބުއްދިވެރިއެވެ. އެހެންކަމުން ސްޓިކާ ޖަހައިގެން އާމްދަނީ ހޯދުމަކީ މި ސަރުކާރުގެ ސިޔާތަކަށް ނުވާއިރު އެކަން ކުރަނީ ކީއްވެތޯ އެއީ އުފެދޭ ސުވާލެކެވެ. ހަމަ އެހެންމެ ޕާކިން ޒޯނު ނުހަދައި ސައިކަލުގައި ސްޓިކާ ނުޖަހާނެކަމަށް ބުނާއިރު މި ފަދަ ދަނޑިވަޅުގައި އެކަން ކުރުމަކީ އެންމެ ރަނގަޅު ގޮތްތޯ މިއީ އުފެދޭ ސުވާލެކެވެ.