
އެތަށް މަހެއް ފަހުން އެދައުވަތު ގަބޫލު ނުކުރާކަމަށް އެމްއާރުއެމުން ރަސްމީކޮށް ބުނީ ކޮންފަދަ މޮޅެއްވާން އޮތުމުން ކަމެއް ނޭނގެއެވެ. ފަހުވަގުތު ޕީޕީއެމް ކެންޑިޑޭޓަކަށް ޣައްސާން މައުމޫން ހައްދަވާނެ ކަމުގެ އުންމީދެއް އޮތީ ކަމުގައި ވެދާނެއެވެ.
އެހެންވެއްޖެ ނަމަ، ޕީޕީއެމް ދޫކޮށް އެމްޑީޕީ ތެރޭން ސިޔާސީ ކުރިމަގު އަލިކުރައްވަން ޑރ. މުއިއްޒު ނިންމަވައިފިނަމަ ދެންވާނީ ކިހިނެއް ހެއްޔެވެ؟ ވެދާނެ ގޮތް ނުކިޔާ ވީގޮތާމެދު ނަޒަރު ހިންގާލަން އެބަޖެހެއެވެ.
ހިތުން ރުހުމުން ނުވަތަ މަޖްބޫރު ޙާލަތަކުން ވިޔަސް ލީޑަރު ފަހަތަށް ޖެހި އެހެން މީހަކު ޕާޓީ ލީޑްކުރުމުން ވާގޮތް އޮތީ ފެންނާށެވެ. ރައީސް މައުމޫން ފަހަތަށް ޖެހިވަޑައިގެން އަޙްމަދު ތަސްމީނު އަލީ ޑީއާރުޕީއާ ޙަވާލުވި ހިސާބުން ރައީސް މައުމޫނު ޒަމާންވީ ސިޔާސީ ވިދުވަރު ފަނޑުވީ ބަލަބަލާ ތިއްބައެވެ. ރައީސް މައުމޫން ދެން އުފެއްދެވީ ޕީޕީއެމް އެވެ. އެޕާޓީގެ ފަރާތުން ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމުން ރައީސް މައުމޫނަށް ދެންވީގޮތް އަދިވެސް މިއޮތީ ފެންނާށެވެ.
2018 ގެ އިންތިޚާބް ކައިރިވަމުން އައިއިރު މިހާރު ގެ ޕީޕީއެމެކޭ އެއްގޮތަށް އޭރުގެ އިދިކޮޅު އެމްޑީޕީގެ ލީޑަރު ހުންނެވީ ޖަލުހުކުމަކުން ބަނދެވިފައެވެ. މިއަދަށް ބަލާނަމަ މިހާރުގެ އިދިކޮޅު ޕީޕީއެމްގެ ލީޑަރު އެހުންނެވި ގޮތާ މާބޮޑު ތަފާތެއް ނެތެވެ.
އެމްޑީޕީން ރައީސް ނަޝީދު ނޫން އެެހެން ކެންޑިޑޭޓެއް ނެރެން އެދުވަހު ރައީސް ނަޝީދުގެ ހިތްހަލާލެއް ނެތެވެ. ވިދާޅުވަމުން ގެންދެވީ ފަހުވަގުތު ބައިނަލް އަގްވާމީ ދަގަނޑު އަތަކުން އެމަނިކުފާނަށް ކެންޑިޑެސީ ދިނުން، އޭރު ވެރިކަމުގައި ހުންނެވި ރައީސް ޔާމީނަށް މަޖުބޫރު ކުރާނެ ކަމަށެވެ. އެހެން ނުވެއްޖެނަމަ އިތުރު ކެންޑިޑޭޓެއް ނުނެރެ އެމްޑީޕީން އިންތިޚާބް ބޮއިކޮޓް ކޮށްގެން ރައީސް ޔާމީނުގެ ދެވަނަ ދައުރަށް އެމްޑީޕީ ރުހިގެން ތިބުން އެއީ އެދުވަހު ރައީސް ނަޝީދު ބޭނުންފުޅުވި ގޮތެވެ.
ވިސްނުމާ ފިކުރާ ބޭނުންފުޅުވާ ގޮތަށް ބަލާނަމަ އެދުވަހުގެ ރައީސް ނަޝީދާ މިއަދުގެ ރައީސް ޔާމީނާ ދެބޭފުޅުންގެ ކިބައިގައި މާބޮޑު ތަފާތެއް ނުފެނެއެވެ. އެހެން މީހަކު އިންތިޚާބަށް ނުކުންނަން ރައީސް ޔާމީނާ ރައީސް ނަޝީދުވެސް ގަބޫލެއް ނޫނެވެ. ހަމަ ދާދި އެއްވިސްނުމެކެވެ. ރައީސް ޞޯލިހަށް އައްޑޫން ލިބޭ ވޯޓް މަދުކުރުމުގެ އުންމީދުގައި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި އިލްޔާސް ލަބީބު ދެެއްކުމަކީ އަދި މުޅިން އެހެން ވާހަކަ އެކެވެ.
ލީޑަރުންގެ ވިސްނުމުގައި ތަފާތެއް ނެތަސް، އެމްޑީޕީއާ ޕީޕީއެމް ގައި ތަފާތު އެބަ އޮތެވެ. 2018 ގައި ރައީސް ނަޝީދު ބޭނުންފުޅުވި ރިސްކް ނަގާކަށް އެމްޑީޕީ ބޭނުމެއް ނުވިއެވެ. ރައީސް އިބްރާހިމް މުހަންމަދު ސޯލިހަށް ޓިކެޓް ދިނުމަށް އެމްޑީޕީން ނިންމީ އުކުޅަހުގައި ބޭއްވި ކޮންގްރެހުންނެވެ. އެނިންމުމަށް އުކުޅަހު ބަޣާވާތޭ ކިޔަނީ ރައީސް ނަޝީދަށް މަރުދޭ އެމްޑީޕީ މީހުންނެވެ. އޭރުވެސް މިހާރުވެސް އެމީހުންނަށް އެމްޑީޕީ އަށްވުރެ މުހިންމީ ރައީސް ނަޝީދެވެ. "ހީރޯ ވޯރޝިޕިން" ނުވަތަ ހިތްއެދޭ ބަތަލަށް އަޅުކަން ކުރުމަކީ ބައެއް މީސްތަކުން ކުރާ ކަމެކެވެ. އެކަން މިހާރުވެސް ހިނގަމުން އެދަނީ ހަމަ އެގޮތަށެވެ. ރައީސް ނަޝީދު ދެއްކީތީ، ކުޑަކާފު ބޮޑު ކާފުގެ 90 އިންސައްތައިން މަތިން އިލްޔާސް ލަބީބަކީ މިއަދު ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓެވެ.
އަސްލު އެމްޑީޕީގައި 2018 ވަނަ އަހަރު އެހިތްވަރު ހުއްޓަސް އެވަރުގެ ހިތްވަރާ ކެރުންތެރިކަމާ ދުރުވިސްނުމާ އެޑިމޮކްރަސީ އެއް ޕީޕީއެމްގައި ނެތްކަން ގަބޫލު ކުރަން މިއަދު ފަސޭހައެވެ.
ޖަލުގައި އޮންނަވައިގެންވެސް ރައީސް ޔާމީން އެވަނީ ޕީޕީއެމްގެ ފުލް ކޮންޓްރޯލް ނަންގަވާފައެވެ. ބަޔަކު ނުރުހުނަސް އެއަކީ، ކޮންމެ ކޮންމެ މީހެއްގެ ގައިގައި ހުންނަ ކުޅަދާނަ ކަމެއް ނޫނެވެ. ވެރިކަމުގައި ހުންނެވި އިރު މުޅިގައުމާ ހުރިހާ ބާރުތަށް އޮތީ ރައީސް ޔާމީންގެ ކޮންޓްރޯލްގައޭ ބުނާ މީހުން ބުނަނީ ކަމެއް ވެސް ވީމައެވެ. އެކުޅަދާނަކަން ޖަލުގައި އޮންނަވައިގެން ރައީސް ޔާމީން އެބަދައްކަވައެވެ. އެއް ބަޔަކު އެއަށް ކިޔަނީ ޚުދްމުޚްތާރު ކަމެވެ.
ތިމާނޫން އެހެން މީހަކު އެއީ ލީޑަރު ކަމުގައި ވެއްޖެނަމަ ހަގީގަތުގައި ވެސް ލީޑަރު ކަމުގައިވަނީ އަލަށް އަންނަ އެމީހާއެވެ. އެހިސާބުން ފަހަތުގައި ތިބޭ މީސްތަކުން އެނބުރި ގަންނާނީ އެދިމާއަށެވެ. އެކަން ރައީސް ނަޝީދާ ރައީސް ޔާމީނަށް އެނގިވަޑައިގަނެއެވެ. އެހެންމީހަކު އެއީ ލީޑަރުގެ ގޮތުގައި އިސްވާން އެބޭފުޅުންނަށް ނުރުހެވެނީ އެހެންވެއެވެ. ސިޔާސީ ކުޅި ހިނގާމަގު އެބޭފުޅުންނަށް އެނގިވަޑައިގަންނަވަނީ އެވެ. އަދި ކަންހިނގާ ދިޔަ ގޮތް މާސާފުކޮށް ފެންނާން އޮތީއެވެ.
އެހެން ލީޑަރަކު ލީޑް ކުރެއްވުމުން، ގަދަކޮށް އަތްފައި ފޯރާ ޙާލުގައި ރައީސް ނަޝީދަށް މިއަދުވެފައިވާ ގޮތް ވާނެކަން ރައީސް ނަޝީދަށް އެދުވަހުވެސް އެނގިވަޑައިގަންނަވާނެއެވެ. އެހެން ލީޑަރަކު އަތުވެއްޖެނަމަ ރައީސް ޔާމީނަށް ވެސް ވާނީ ހަމަ އެގޮތްކަން ރައީސް ޔާމީނަށް ވެސް މާރަނގަޅަށް ވިސްނި ވަޑައިގަންނަވާނެއެވެ.
ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް ބާތިލުވުމަކީ ކުރިއަށް އޮތްތަނަށް ވެސް ޕީޕީއެމްގެ ލީޑަރގެ ގޮތުގައި ރައީސް ޔާމީން ދެމިހުންނަވާނެ އެންމެ ބޮޑު އެއް ސަބަބެވެ.
ޕީޕީއެމުން ކެންޑިޑޭޓެއް ނުނެރެން މިހާތަނަށް ރައީސް ޔާމީން ވިސްނަވާ ވިސްނުމުން ފެންނަ ރަނގަޅުތަށް އެބަހުއްޓެވެ.
ފުރަތަމަ ކަމަކީ ރައީސް ޔާމީން ނޫން ބޭފުޅެއްގެ ފަހަތަށް ގަނޑުކޮށް ޕީޕީއެމް ނާރާ ވޯޓްތަށް ބެހިގެންދާއިރު އޭގެ ބައެއް ރައީސް ސޯލިހަށް ލިބިވަޑައިގަތުމުގެ ފުރްޞަތު އޮތުމެވެ.
ޕީޕީއެމުން ކެންޑިޑޭޓެއް ދެއްކުމުން އޭރުން އެވާ ގޮތަކީ ބުދުހަދާ، ބުދަކަށް ނުވެ ބުދުހެދި ފާފަ ލިބުމާ އެކު ރައީސް ސޯލިހް އިންތިޚާބް ކާމިޔާބް ކުރެއްވުމެވެ.
އަންނަ ދައުރުގައި ރިޔާސީ ކޮންމެވެސް ލުޔަކުން ރައީސް ޔާމީން މިނިވަންވެ ވަޑައިގެން ޕާޓީގެ ޒަޢާމަތުގައި އެމަނިކުފާނު ހުންނަވައިގެން 2028 އަށް ޕީޕީއެމް ފައްކާ ކުރުމުގެ މަގު ރައީސް ޔާމީނަށް ސާފީ އިތުރު ކެންޑިޑޭޓެއް ޕީޕީއެމުން ނުނެރުއްވުމެވެ. އަނެއްކޮޅުން އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ލީޑަރު ޖަލުގައި އޮންނެވުމާ، އެޕާޓީގެ ކުރީގެ ލީޑަރު ޖަލުގައި އޮންނެވުމަކީ ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ވަރަށް ތަފާތު ދެޙާލަތެވެ.
ކެންޑިޑޭޓެއް ދައްކައިގެން ޕީޕީއެމަށް ލިބިދާނެ އެންމެ ބޮޑު ގެެއްލުމަކީ ރައީސް ޔާމީންގެ ލީޑަރކަން ގެއްލި، ރައީސް ސޯލިހް ދެވަނަ ދައުރަށް ހޮވިވަޑައިގަތުމަށް ފަހުވެސް، ވަނދު ލީޑަރަކާ އެކު ޕީޕީއެމް ހާވިޔާވެ އޮޔާލާ 2028 ވެސް ޕީޕީއެމަށް އަތުނުވެ ރައީސް ޔާމީން ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމެވެ.
ދެންއޮތީ އަދި އެހެން ސިނާރިއޯ އެކެވެ. ޕީޕީއެމްގެ ލީޑަރޝިޕް ލިބޭ ކޮންމެ މީހަކު އެންމެ އިސްކަމެއްދޭނެ ކަމަކީ ދެން އަނބުރާ ޕީޕީއެމްގެ ރިޔާސަތާ ރައީސް ޔާމީން ގާތް ނުވެވޭރު ކުރުން ކަމުގައި ވުމުވެ. އިރެއްގައި އާދެ މަސާހިބް ކިޔަން ޖެހުނު ވަރުން ބާރެއް ލިބޭއިރު ފިއްތާލާލެއް ބޮޑުވުމުގެ ބިރެވެ.
ދެން ޖަހަން އޮތީ މުޅީން އެހެން ހިސާބެކެވެ. އެއީ އޮނަރަބްލް ގާސިމް ނުވަތަ ނާޒިމްގެ ބާރެއް އޮތްވެރިކަމެއްގައި ކަންކުރުން ގާތް ގޮތެކެވެ.
އެގޮތަކީ ވީހާ އަވަހަކަށް ހދ. ނޭކުރެންދޫ ޖަލު ނިންމާ އެޖަލަށް ރައީސް ޔާމީން ބަދަލުކޮށް އަބަދަށްޓަކާ ރައީސް ޔާމީނަކީ މާޒީ ކަމަށް ހެދުމުގެ ބިރެވެ. ނުވިސްނޭ ބަޔަކަށް މިކަން ނޭނގުނަސް ރައީސް ޔާމީނަށް މިމަންޒަރު ސާފުކޮށް ފެނިވަޑައިގަންނަވާނެއެވެ. ޕީޕީއެމަށާ ރައީސް ޔާމީނަށް ވެސް އެންމެ ފައިދާ ބޮޑީ އެގޮތްކަމުގައިވުން ގާތީއެވެ.