ރައީސުލްޖުމްހޫރިއްޔާ މި އިމާރާތްތައް ހުޅުއްވައި ދެއްވީ، މިހާރު ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނުއެވެ.
ނަރުދޫގައި ސަރުކާރުން އިމާރާތްކޮށްފައިވާ، ނަރުދޫ ސްކޫލުގެ އައު އިމާރާތް ހުޅުއްވައި ދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ އިމާރާތް ބައްލަވާލައްވާފައެވެ.
ނަރުދޫ ސްކޫލުގެ ތިންބުރީގެ އައު އިމާރާތުގައި، 6 ކުލާސްރޫމާއި، ސްޓާފް ރޫމަކާއި، ހެލްތް ރޫމެއް އަދި ކޮމްޕިއުޓަރ ލެބެއް ހުރެއެވެ.
މި އިމާރާތާއިއެކު ނަރުދޫ ސްކޫލުގެ ޖާގައިގެ ދަތިކަމަށް ހައްލު ލިބި ސްކޫލުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރެވިގެންދާނެއެވެ.
ނަރުދޫ ސިއްހީމަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުއްވައި ދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އެ އިމާރާތްވެސް ބައްލަވައިލެއްވިއެވެ.