ads
މުރައިދޫ ފުޓުބޯޅަ ދަނޑު ރައީސް ހުޅުއްވައިދެއްވަނީ
މުރައިދޫ ގިނަ މަޝްރޫއުތަކެއް ރައީސް އިފްތިތާހުކޮށް ދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ހއ މުރައިދޫ ފުޓުބޯޅަ ދަނޑާއި، ފެނަކަ އައު އިންޖީނުގެއާއި އޮފިސް އިމާރާތް ހުޅުއްވައިދެއްވައި، އެރަށުގެ ފެނުގެ ނިޒާމް އިފްތިތާހުކޮށްދެއްވައިފިއެވެ.

ރައީސް، މުރައިދޫ ފެނަކަ އައު އިންޖީނުގެއާއި އޮފީސް ހުޅުއްވައިދެއްވައި ފެނުގެ ނިޒާމް އިފްތިތާހުކޮށްދެއްވީ، އެމަނިކުފާނު މިހާރު ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި، ބުދަ ދުވަހުގެ މެންދުރު އެރަށަށް ވަޑައިގެންނެވެ.

ރައީސް ހުޅުއްވައިދެއްވި، ފުޓުބޯޅަ ދަނޑަކީ ޓަރފްއަޅައި ޒަމާނީ ފެންވަރަށް ހަދާފައިވާ ދަނޑެކެވެ.

މީގެ އިތުރުން ފެނަކައިން މުރައިދޫގައި އިމާރާތްކުރި ފެނަކަ އައު އިންޖީނުގެއާއި އޮފީސް އިމާރާތަކީ ޒަމާނީ ފެންވަރަށް އިމާރާތްކޮށްފައިވާ ތަނެކެވެ.

ކުރިން ހުރި އިންޖީނުގެ ހުރީ އަވަށުތެރޭގައި ނަމަވެސް، އައު އިންޖީނުގެއާއި އޮފީސް އިމާރާތް ބިނާކޮށްފައިވަނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައެވެ. އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ 620 ކިލޯވޮޓެވެ.

ފެނަކަ އައު އޮފީސް އިމާރާތަކީ ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ، ޖާގަ ތަނަވަސް އިމާރާތެކެވެ.

މުރައިދޫ ފެނުގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ކޮށްފައިވަނީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)އާ ހަވާލުކޮށްގެންނެވެ.

މި މަޝްރޫއުގެ ހުރިހާ މަސައްކަތްތަކެއް ނިންމައި، 129 ގެއަކަށް މިހާރު ވަނީ ކަނެކްޝަން ގުޅައިދީފައެވެ.

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް