އުތުރުގެ ބައެއް ރަށްރަށަށް ރައީސް ސޯލިހް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހަނިމާދޫގައި ހުންނަވައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރަނިންމޭޓަކު ކަނޑައެޅުމުގެ ކަންތައްތައް އަދި މުޅިން ނުނިމޭ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަ ކުރައްވަނީ ކޯލިޝަނަކުން ކަމަށްވާތީ ކޯލިޝަންގެ މެންބަރުންނާއި މަޝްވަރާ ކުރައްވާނެ ކަމަށާއި ރަނިންމޭޓު ކަމަށް އިތުރު ނަންތަކެއް ވެސް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.
ރަނިންމޭޓަކަށް ފައިސަލް ނަސީމް ވެވަޑައިގެންނެވުމުގެ ފުރުސަތު އޮތް ކަމަށް ރައީސް ސޯލިހް ވިދާޅުވި އިރު ފައިސަލް ނަސީމް ގެންދަވަނީ ރައީސް ސޯލިހްގެ ކެމްޕޭންގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަމުންނެވެ.
ފައިސަލް ވަނީ ފުރުސަތު ދެއްވައިފި ނަމަ ރައީސް ސޯލިހާއެކު މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައެވެ. ޖުމްހޫރީ ޕާޓީގެ ފަރާތުން ނައިބް ރައީސް ކަމަށް ވަޑައިގެންނެވި ނަމަވެސް މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ފައިސަލް ވަނީ ސިޔާސީ ކަންތައްތަކުގައި އުޅުއްވުން ހުއްޓާލައްވާފައެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަ ކުރުމަށް ނިންމި ހިސާބުން ފައިސަލް ނަސީމް ގެންދަވަނީ ރައީސް ސޯލިހުއަށް ކެމްޕޭން ކޮށްދެއްވަމުންނެވެ.
ފައިސަލް ނަސީމަކީ ފަހުގެ ތާރީހެއްގައި ވަފާތްތެރިކަމާއެކު ނައިބް ރައީސްކަމުގެ ދައުރު ފުރިހަމަ ކުރައްވާ ފުރަތަމަ ބޭފުޅާ ވެސްމެއެވެ.