ads
އޭޖީ ރިފްއަތު (ފޮޓޯ އަވަސް)
ޔާމިންގެ ޓިކެޓް މައްސަލައަށް އޭޖީ އަދި ޕީޕީއެމުން ތަދައްހުލްވެއްޖެ
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމުން އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަށް އެޓާނީ ޖެނެރަލް އޮފީހާއި ޕީޕީއެމުން ތަދައްހުލްވެއްޖެއެވެ.

ސުޕްރީމް ކޯޓަށް އިއްޔެ ހުށަހެޅި މި މައްސަލައިގެ އަޑުއެހުން މާދަމާއަށް ތާވަލްކޮށްފައިވާއިރު ޕީޕީއެމް ވެސް ވަނީ ތަދައްހުލު ވެފަ އެވެ. ޕީޕީއެމްއިން ތަދައްހުލް ވީ އެ ޕާޓީން އަމިއްލައަށް އެދިގެންނެވެ.

ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް އަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެކަމަކު ހަމަ އެ ދުވަހު ވަނީ ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ޔާމީންގެ މައްޗަށް އޮތުމުން ކެންޑިޑެސީ ބަލައިނުގަންނަން ނިންމައިފަ އެވެ. ނަމަވެސް ޕީޕީއެމުން ބުނަނީ މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި ޔާމީނަށް އިއްވާފައިވާ 11 އަހަރު ޖަލު ހުކުމުގެ އިސްތިއުނާފް ކުރިއަށް ދާތީ އެއީ އަދި ނިހާއީ ހުކުމެއް ނޫން ކަމަށާއި އެހެންވެ އިންތިހާބުގައި ވާދަކުރެވޭނެ ކަމަށެވެ.

ޔާމީންގެ ކެންޑިޑެސީ ސުވާލެއްގެ ތެރޭގައި އޮތުމުން މިހާރު ވަނީ އިދިކޮޅު ޕީއެންސީން ވެސް ކެންޑިޑޭޓެއް ނެރެން ނިންމައިފަ އެވެ. އެކަމަކު މިހާތަނަށް ބުނަމުން އައީ ޔާމީނަށް ވާދަކުރެއްވޭނެ ކަމަށާއި ޔާމީނަށް ކުރިމަތި ނުލެއްވޭ ހާލަތާ މެދު ވިސްނަން ވެސް ނުޖެހޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހުންގެ ކެންޑިޑެސީއާ މެދު ސުވާލު އުފެދިގެން ހުށަހަޅާ މައްސަލަތައް ސުޕްރީމް ކޯޓުން ހަތް ދުވަސް ތެރޭ ނިންމަން ޖެހެ އެވެ. އަދި މިފަދަ މައްސަލަތައް ބަލާނީ ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗުންނެވެ.

69%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް