
ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު ޔާމިން އަބްދުލް ގައްޔޫމް އަދި އެ އުޅުއްވަނީ ޝަރުތު ހަމަވޭތޯ ސުޕްރީމް ކޯޓުގައެވެ. އަދި އެބޭފުޅާގެ ޝަރުތުހަމަވާނެކަމަށް ކޯޓުން ނިންމާނެކަމަށް ބެލެވޭ ފުރުސަތު ވެސް ނުހަނު ހަންޏެވެ.
ރައީސް ޔާމިންގެ ބަދަލުގައި ކެނޑިޑޭޓެއްގެ ގޮތުގައި ޕީއެންސީން ނެރުމަށް ދޮން ކުރަނީ ޑރ. މުހައްމަދު މުއިއްޒުއެވެ. ނަމަވެސް ރައީސް ޔާމިން އަށް އޮތް ތާއީދު މުއިއްޒު އަށް އޮންނާނެކަމަށް ނުބެލެވެއެވެ. މިހެންކަމުން ދެވަނަ ބުރަކަށް ދާންޖެހުނަސް ވާދަކުރުމުގެ ފުރުސަތު އެންމެ ބޮޑު ކެނޑިޑޭޓުންގެ ތެރޭގައި ރައީސް ސާލިހާއި ގާސިމް އިބްރާހިމް ހިމެނެެއެވެ.
ރައީސް ސާލިހުގެ ރަނިމޭޓު ކަނޑައެޅުން:
ރައީސް ސާލިހު ރޭ ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސާލިހުގެ ރަނިންމޭޓަކަށް މިހާރުގެ ނައިބް ރައީސް ފައިސަލް ނަސީމް ވެވަޑައިގެންނެވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވީ އިލެކްޝަނަށް ފޯމް ހުށަހެޅުމަށްފަހު އެމަނިކުފާނަށް ފޯމާ ގުޅޭ ގޮތުން ޖަވާބެއް ލިބޭނީ ލަސްވެގެން 48 އިރުތެރޭގައި ކަމަށެވެ. އިންތިހާބަށް ކުރިމަތިލުމުގެ އެންމެ ފަހު ދުވަހަކީ ހަތެއް އޮގަސްޓް ކަމަށާއި އެއްވެސް ކަމެއް ދިމާވެއްޖެ ނަމަ އެކަމެއް އިސްލާހު ކުރަން ވަގުތު ބޭއްވުމުގެ ގޮތުން އެންމެ ލަސްވެގެން ހުކުރު ދުވަހު ފޯމް ހުށަހަޅުއްްވާނެ ކަމަށެވެ.
ރައީސް ސާލިހުގެ ރަނިންމޭޓަކަށް ވުމުގެ ފުރުސަތު އޮތް ބޭފުޅުން:
1. ފައިސަލް ނަސީމް (ނައިބު ރައީސް)
2. މެންބަރު މުހައްމަދު އަސްލަމް (އެމްޑީޕީ ޕީޖީ ގުރޫޕުގެ ލީޑަރު)
3. ޝެއިހް އިމްރާން އަބްދުﷲ (އަދާލަތު ޕާޓީގެ ރައީސް)
ގާސިމް އިބްރާހިމްގެ ރަނިންމޭޓަކު ކަނޑައެޅުން:
ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ރަނިންމޭޓް ކަނޑައެޅުމުގެ އިހްތިޔާރާއި ބާރު އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް އެ ޕާޓީގެ ކައުންސިލުން ބުދަ ދުވަހުގެ ރޭ ވަނީ ދީފައެވެ.
މިގޮތަށް ނިންމާފައިވަނީ ބުދަ ދުވަހު ބޭއްވުނު އެޕާޓީގެ 159 ވަނަ ކައުންސިލު ބައްދަލުވުމުންނެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ގާސިމް އިބްރާހިމް ކޯލިޝަނަކަށް ތައްޔާރުވަމުން ދާއިރު ގާސިމް ވަނީ ސިޔާސީ އެކިއެކި ބޭފުޅުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައެވެ.
އެހެންނަމަ ވެސް އެއްވެސް ބައްދަލުވުމެއްގައި ރަނިންމޭޓް ކަނޑައެޅުމުގެ މަޝްވަރާއެއް ކުރިއަށް ދިޔަކަމެއް އެނގިފައެއް ނުވެއެވެ.
ގާސިމްގެ ރަނިންމޭޓަކަށް ވުމުގެ ފުރުސަތު އޮތް ބޭފުޅުން:
1. މުހައްމަދު ޝިހާބު (ބަގީޗާގެ)
2. ޑރ. އަމީން އިބްރާހިމް (ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު)
3. ޑރ. މަހުމޫދު ޝައުގީ (ކުރީގެ ޓޫރިޒަމް މިނިސްޓަރު)
ރިޔާސީ އިންތިހާބަށް ވާދަކުރުމަށް ފޯމު ލާން ބާކީ އޮތީ އެންމެ ހަތަރު ދުވަހެވެ. މިހެންކަމުން މި ދެބޭފުޅުންގެ ރަނިންމޭޓުވެސް ވަރަށް އަވަހަށް އިއުލާނު ކުރާނެކަމަށް ބެލެވެއެވެ.