ads
ގެދޮރުވެރިންގެ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށް ދަނީ: ފްލެޓް ލިސްޓު ފައިނަލްކުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުން ރައީސް އޮފީހުގެ ތަރުޖަމާނު ވަނީ ވިދާޅުވެފައި - ފޮޓޯ:ޕްލޭނިން މިނިސްޓްރީ
ފްލެޓް ލިސްޓު ފައިނަލްކުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުން: މިއުވާން
ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓު ލިބުނު މީހުންގެ ލިސްޓު ފައިނަލް ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ 'ބިންވެރިޔާ' ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންގެ ދާއިމީ ލިސްޓާއި 'ގެދޮރިވެރިޔާ' ސްކީމްގެ ދަށުން ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓު މިދިޔަ ޖުލައި މަސް ނިމުމުގެ ކުރިން އާންމު ކުރާނެކަމަށް ހައުސިން މިނިސްޓްރީން މީގެކުރިން ބުނެފައިވެއެވެ. އެހެންނަމަވެސް، މަސް ނިމުނުއިރުވެސް އެ ދެ ލިސްޓު އާންމުކޮށްފައެއް ނުވެއެވެ.  
އެ ކަމާ ގުޅޭގޮތުން ސުވާލުކުރުމުން މިއުވާން "ސީއެންއެމް" އަށް މިއުވާން ވިދާޅުވީ މިހާރު ކުރަމުން އަންނަނީ ލިސްޓުތައް ފައިނަލް ކުރުމުގެ މަސައްކަތްތައް ކަމަށެވެ. މިއުވާން ވިދާޅުވެފައިވަނީ 'ބިންވެރިޔާ' ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންގެ ދާއިމީ ލިސްޓާއި 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓާ ގުޅޭގޮތުން މައުލޫމާތު ހާމަކުރަން ޖެހޭ ހިސާބަށް ދިއުމުން ގެދޮރުވެރިންގެ ކޮމިޓީގެ ފަރާތުން އެކަން ހާމަކުރައްވާނެ ކަމަށެވެ.
'ބިންވެރިޔާ' ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓެއް ޖޫން މަހުގެ ތެރޭގައި ވަނީ ނެރެފައެވެ. ގޯތި ދިނުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު އާންމުކުރެވޭ ވަރުވުމުން ޕްލޭނިން މިނިސްޓްރީން އެކަން ކުރާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.
ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މި ސަރުކާރުން ހިންގާ 'ބިންވެރިޔާ ސްކީމް' އާއި 'ގެދޮރުވެރިޔާ ސްކީމް' ގެ ދަށުން ހުޅުމާލެ އާއި ގުޅީފަޅު ހިއްކައިގެން ދޫކުރާ ގޯތީގެ އިތުރުން އުތުރު ހުޅުމާލެ (ދެވަނަ ފިޔަވަހި) ގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓަށް އެދުމަށް ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ގޯތީގެ ލިސްޓު އާންމުކޮށްފައިވަނީ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތު ހަމަވިއިރު ލިބިފައިވަނީ 800 ޝަކުވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.
ސަރުކާރުން ބުނި ގޮތުގައި ގޯއްޗަށް އެދި ހުށައެޅުމުގެ ފުރުސަތު ހަމަވިއިރު، ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެފައިވަނީ 12،794 ފޯމް ކަމަށާއި އެއީ 19،858 މީހުން ކަމުގައެވެ. އޭގެ ތެރެއިން ފުރަތަމަ ބުރުގައި 6،200 ގޯތި ދިނުމަށް ނިންމާފައިވާއިރު، މި މަހުގެ ތެރޭގައި ގޯތި ހަވާލުކުރަން ފަށާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
'ގެދޮރުވެރިޔާ ސްކީމް' ގެ ދަށުން އެފްޑީސީގެ ފަރާތުން އިމާރާތް ކުރަމުން އަންނަ 4،000 ހައުސިން ޔުނިޓުގެ މަސައްކަތް ނިމޭނީ އަންނަ އަހަރުގެ ފަހުކޮޅު ނުވަތަ 2025 ވަނަ އަހަރުގެ ކުރީކޮޅުގަައި ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް