ގައުމީ އެއާލައިން، މޯލްޑިވިއަނުން ބުނެފައިވަނީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުން ފެށިގެން މި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް އެ އެއާލައިނުން 3،696 ދަތުރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޝެޑިއުލް ދަތުރުތަކުގެ ގޮތުގައި ކުރި 3،528 ދަތުރާއި ޑިމާންޑް ބޮޑުވުމުގެ ސަބަބުން އިތުރަށް ކުރި 168 ދަތުރު ހިމެނެއެވެ.
މޯލްޑިވިއަނުން އެ މުއްދަތުގައި އެންމެ ގިނަ ދަތުރުކޮށްފައިވަނީ ކޫއްޑޫ އެއާޕޯޓަށެވެ. އެއީ މުޅި ޖުމްލަ 510 ދަތުރެވެ. ދެ ވަނައަށް އެންމެ ގިނަ ދަތުރު ބާއްވާފައިވާ ކާޑެއްދޫއަށް 453 ދަތުރުކޮށްފައިވެއެވެ.
އީދު ބަންދާއި އަދި ސްކޫލް ޗުއްޓީ ދުވަސްވަރު މޯލްޑިވިއަނުން އެއާޕޯޓުތަކަށް ދަތުރުކުރި މިންވަރު އިތުރުވިއިރު، އާންމު ގޮތެއްގައި ދަތުރުފަތުރުކުރާ މިންވަރާ އަޅާބަލާއިރު އެ މުއްދަތުގައި ދަތުރުކުރި މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.
އާންމު ގޮތެއްގައި އެ މުއްދަތުގައި ދަތުރުކޮށްފައިވާ މީހުންގެ އަދަދަކީ 122،784 ކަމަށް ވީނަމަވެސް، ޖޫން މަހުގެ 15 ދުވަހުން ފެށިގެން ހިނގަމުން މިދާ އޮގަސްޓް މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް 132،512 މީހުން ދަތުރުކޮށްފައިވެއެވެ. މިއީ 9،728 މީހުންގެ އިތުރުވުމެކެވެ.
އެ މުއްދަތުގައި އެންމެ ގިނަ މީހުން ދަތުރުކޮށްފައިވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށެވެ. މޯލްޑިވިއަންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެ މުއްދަތުގައި އެންމެ ގިނަ މީހުން ދަތުރުކުރި ގަން އިންޓަނޭޝަނަލް އެއާޕޯޓަށް 19،608 މީހުން ދަތުރުކޮށްފައިވެއެވެ. އެންމެ މަދުން މީހުން ދަތުރުކޮށްފައިވަނީ ތިމަރަފުށި އެއާޕޯޓަށެވެ. އެ އެއާޕޯޓަށް 1،669 މީހުން ދަތުރުކުރިއެވެ.
މޯލްޑިވިއަންގެ ފްލީޓުގައި ބޭނުން ކުރަމުން އަންނަ ޑޭޝް މަރުކާގެ ބޯޓުތައް ބާވުމާއި މެއިންޓެނެންސްއަށް ކުރަން ޖެހޭ ހަރަދު ބޮޑުވުމުގެ ސަބަބުން އެ އެއާލައިނަށް އޭޓީއާރު މަރުކާގެ ތިން ބޯޓު ގެނެސް އޮޕަރޭޝަނަށް ވަނީ ނެރެފައެވެ.
މޯލްޑިވިއަންގެ ފްލީޓް އާކުރުމުގެ ގޮތުން އެ ކުންފުނިން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އޭ321އެލްއާރު ބޯޓެއް ކުއްޔަށް ނަގަން އިއުލާނުކޮށްފައެވެ. އެފަހުން މި އަހަރުގެ ފެބްރުއަރީ މަހު އޭ330-200 މަރުކާގެ ދެ ބޯޓު ކުއްޔަށް ނެގުމަށް އެ އެއާލައިން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން އިއުލާނުކޮށްފައިވެއެވެ. އޭގެ އިތުރުން މިދިޔަ އެޕްރީލް މަހުގެ ތެރޭގައި އޭޓީއާރު 600-42 މަރުކާގެ އިތުރު ފަސް ބޯޓު ކުއްޔަށް ހޯދުމަށް އައިއޭއެސްއިން އިއުލާނުކުރިއެވެ.
މޯލްޑިވިއަނަށް ގަންނަ އޭޓީއާރު މަރުކާގެ އާ ދެ ބޯޓަށް ފައިނޭންސް ލީސް ކޮށްދޭނެ ބަޔަކު ހޯދުމަށް މިދިޔަ މަހު އައިއޭއެސްއިން އިއުލާނުކޮށްފައިވެއެވެ.