ރައީސް ޔާމިންގެ ކެނޑިޑަސީ ބަލައިނުގަތް މައްސަލައުގައި މީހަރު ސުޕްރީމް ކޯޓުގައި ކުރިއަށްދާ އަޑުއެހުމުގައި، ރައީސް ޔާމިން އަށް ޖިނާއީ ހުކުމެއް ސާބިތުވެފައިވާތީ އެމަނިކުފާނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ސަބަބުތައް ހާމަކުރަމުން، ދައުލަތުގެ ބަންޑާރަ ނައިބުގެ ފަރާތުން މިއަދު އިންޑިއާގެ ސުޕްރީމް ކޯޓުން ނިންމި އެ ގައުމުގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީގެ ހުމުން ވެސް މިސާލު ނަގައިފިއެވެ.
Advertisement
މިގޮތަށް ބަންޑާރަ ނައިބުގެ ވަކީލު ހައްވާ ސަނާ މިސާލު ނެންގެވީ، އަވަށްޓެރި ގައުމުތަކާއި، ދުނިޔޭގެ ގައުމުތަކުގައި ކަންކަން ކުރާގޮތް ސާފުކޮށްދިނުމުގެ ގޮތުންނެވެ.
"ފާތިމަތު ހަލީމްގެ ފަރާތުން ވެސް ފާހަގަކުރައްވައިފި ސްޓޭ އޮފް ކޮންވިކްޝަންއާއި، ސްޓޭ އޮފް ސެންޓެންސް އާއި ވެސް ތަފާތުކަން. ސްޓޭ އޮފް ކޮންވިކްޝަން މި އޮންނަނީ ވަރަށް މަދު ހާލަތެއްގަ. ސްޓޭ އޮފް ސެންޓެންސް އަންނަ ހިސާބުން އެމީހެއްގެ މައްޗަށް ޖިނާއީ ހުކުމެއް ސާބިތުވެފަ އޮންނަކަމަށް ބެލެވިދާނެ. އިންޑިއާގެ ޓްރައިލް ކޯޓުން ރާހުލް ގާންދީގެ މައްޗަށް އޮތީ ސްޓޭ އޮފް ކޮންވިކްޝަންއެއް ނެތީމަ އޭނަގެ ގޮނޑި ގެއްލުނުކަމަށް ނިންމާފަ. މިއަދު އިންޑިއާގެ ސުޕްރީމް ކޯޓުން ނިންމަވައިފި ސްޓޭއޮތް ކޮންވިކްޝަންއެއް ނެރޭނެކަމަށް. ގޮނޑި މިވަގުތަށް ނުގެއްލޭކަމަށް އޮތީ ކަނޑައަޅާފަ. ރާއްޖޭގެ ގާނޫނީ ނިޒާމުގަ ސްޓޭ އޮފް ކޮންވިކްޝަންއާއި ސްޓޭއޮފް ސެންޓެންސްގެ މާބޮޑު ތަފާތުތަކެއް ނީދޭ. ސްޓޭ އޮފް ކޮންވިކްޝަނަކީ އަނެއްހެން ބަލައިގަންނަކަމެއްވެސް ނޫން،" -ދައުލަތުގެ ބަންޑާރަ ނައިބުގެ ވަކީލު ހައްވާ ސަނާ ވިދާޅުވިއެވެ.
މިގޮތުން ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައިވަނީ، ބައިނަލް އަގުވާމީ މުއާހަދާތަކާއި، ގައުމުތަކުން ކަންކުރަމުން ގެންދާ އުސޫލަކީ، ވޯޓުލުމުގެ ހައްގު ވީހާވެސް ގިނަބަޔަކަށް ދިނުންކަމަށެވެ. ނަމަވެސް އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގު ހަނިކުރަމުން އަންނަކަމަށެވެ.
"އިންޑިއާގެ ސުޕްރީމް ކޯޓުން ނިންމާފަވޭ އިިތިހާބެއްގައި ވާދަކުރުމަކީ ފަންޑަމެންޓަލް ހައްގެއް ނުވަތަ ކޮމަންލޯއިން ލިބޭ ހައްގެއްވެސް ނޫންކަމަށް،" ދައުލަތުގެ ބަންޑާރަ ނައިބުގެ ވަކީލު ވިދާޅުވިއެވެ
ބަންޑާރަނައިބުގެ އޮފީހުން މިހެން ހާމަކުރުމުން ފަނޑިޔާރު ހުސްނުއް ސުއޫދު ވަނީ ގާނޫނު އަސާސީގެ 26 ވަނަ މާއްދާގައި ވަނީ ކީކޭތޯ؟ ސުވާލުކޮށްފައެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނީ، "ގާނޫނު އަސާސީގައި އެގޮތަށް ބަޔާންކޮށްފައި އޮތުމަކީ ފަންޑަމެންޓަލް ރައިޓަކަށް ވާ ސަބަބެއް ނޫނޭ މި ކިޔައިދެނީ. އެކި ގައުމުތަކުގެ ގާނޫނު އަސާސީންނޭ މި އޮންނަނީ އިންތިހާބެއްގައި ވާދަކުރުމުގެ ހައްގާއި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ދީފަ،" ކަމަށެވެ.
ވަކީލު މިހެން ވިދާޅުވުމުން ފަނޑިޔާރު ހުސްނުއް ސުއޫދު ވަނީ، 'ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަންރައިޓްސް' އާއި ގުޅޭގޮތުން ވެސް ސުވާލުކޮށްފައެވެ. އޭގައި އޮންނަނީ ކީކޭތޯ؟ ސުވާލު ކުރެއްވިއެވެ.
"ވޯޓުލުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިދެވޭގޮތައް މި އޮންނަނީ. ވޯޓުލުމުގެ ހައްގައްވުރެ ގައުމުތަކުގައި. އެކަމަކު އިންތިހާބެއްގައި ވާދަކުރުމުގެ ހައްގު އެބަ ހަނިކުރެވޭ،" - ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު-
ވަކީލު ވިދާޅުވީ ބޭރު ގައުމުތަކުގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވުމުން، ވޯޓުލުމުގެ ހައްގު ހަނިކުރާކަން އެނގެން އޮންނަކަމަށެވެ.
މިގޮތުން ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ވަނީ، އިންޑިއާ، ބަނގުލަދޭޝް އަދި ކެނެޑާ ފަދަ ގައުމުތަކުގައި ކޮށްފައިވާ ހުކުމްތަކާއި، އަދި އިންތިހާބުގައި ވާދަކުރުމުގެ ހައްގާއި، ވޯޓުލުމުގެ ހައްގަކީ ދެ ކަމެއްކަން ފާހަގަކޮށްފައެވެ.
ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާއަށް ވެ ލައްވާ ބޭފުޅުއްގެ ޝަރުތުތައް އޮންނަކަމަށާއި، އަދި އެޝަރުތުތައް ހަނިނުކުރެވޭނެކަމަށް ބަނޑާރަނައިބުގެ އޮފީހުގެ ފަރާތުން ދެކޭ ކަމަށްވެސް ވަނީ ބުނެފައެވެ.
ޖިނާއީ ހުކުމެއް އޮތުމުން ގިނަ ގައުމުގައި އިންތިހާބަށް ވާދަކުރުމުގެ ފުރުސެއް ނުދޭ، ދައުލަތުގެ އޭޓާނީ ޖެނެރަލްގެ އޮފީހުން ތަކުރާރުކޮށް ފާހަގަކުރިއެވެ.