ads
ރުކުގެ އާޖީލެއް ބިނާކުރުމަށް ސަރުކާރުން ހިންގާ ރުއް އާލާކުރުމުގެ ގައުމީ ޕްރޮގްރާމުގެ ތެރެއިން އެގްރިކަލްޗަ މިނިސްޓަރު ރުކެއް އިންދަވަނީ - ފޮޓޯ:އެގްރިކަލްޗަ މިނިސްޓްރީ
ރުކުގެ އާ ޖީލެއް އުފެއްދުމަށް 26 ރަށެއްގައި 3،955 ރުއް އިންދައިފި
ރާއްޖޭގައި ރުކުގެ އާ ޖީލެއް އުފެއްދުމުގެ ގޮތުން ސަރުކާރުން ހިންގާ ރުއް އާލާކުރުމުގެ ގައުމީ ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް 3،955 ރުއް އިންދައިފިއެވެ.

ރާއްޖޭގައި ރުކުގެ އާ ޖީލެއް ބިނާކުރުމަށް ފެންވަރު ރަނގަޅު ރުކުގެ މުޑުވައް އާލާކުރުމުގެ ޕްރޮގްރާމެއް ސަރުކާރުން ފަށާފައިވަނީ ރުއްތަކަށް ބަލިތަކެއް ޖެހި ރުކުގެ މަތިވަރު ވަރަށް ބޮޑަށް ދަށްވެ، ކާށްޓާއި ކުރުނބާ ލިބުން ދަތިވުމާ ގުޅިގެންނެވެ.

މި އަހަރުގެ މާޗް މަހުގެ ފަސްވަނަ ދުވަހު ފެށި އެ ޕްރޮގްރާމުގެ ދަށުން އެންމެ ފުރަތަމަ ރުއް އިންދާފައިވަނީ ހދ. ވައިކަރަދޫގައެވެ.

ގްރީން ފަންޑުގެ މާލީ އެހީތެރިކަމާ އެކު އެގްރިކަލްޗަ މިނިސްޓްރީން ވަނީ އެކި ރަށްރަށުގައި އިންދުމަށް 4،980 ރުއް ގެނެސްފައެވެ. އެ މިނިސްޓްރީން ބުނީ ރާއްޖެއަށް ގެނައި ރުއްތަކުގެ ތެރެއިން 3،955 ރުއް 26 ރަށެއްގައި އިންދާފައިވާ ކަމަށެވެ.

ރުއްތައް އިންދާފައިވަނީ އެކަމަށް އެދުނު ރަށްތަކުގެ ތެރެއިން ބިން އޮތް ރަށްރަށުގައި ކަމަށް އެގްރިކަލްޗަ މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނެފައިވަނީ ރާއްޖެއަށް ގެނައި ރުއްތަކުގެ ތެރެއިން 785 ރުއް އެބަހުރި ކަމަށާއި ރުއް އިންދުމަށް ބޭނުންވާ ރަށްރަށުގައި ޖާގަ އޮތް މިންވަރަކަށް ބަލައި ރުއް އިންދުމުގެ ފުރުސަތު ދޭނެ ކަމަށެވެ.

އެގްރިކަލްޗަ މިނިސްޓްރީން ބުނި ގޮތުގައި މިހާރު ހުރި ރުއްތައް އިންދާ ނިމުމުން އިތުރު ރުއް ގެނައުމަށް ހަމަޖެހިފައިވާ ކަމުގައެވެ.

ރުއް އާލާކުރުމުގެ ގައުމީ ޕްރޮގްރާމުގެ ދަށުން އިންދާފައިވާ ރުއްތަކުން ދޭއް ނުވަތަ ތިން އަހަރު ދުވަހުގެ ކުރުނބާ ލިބި، ނަފާ ހޯދަން ފެށޭނެ ކަމަށް އެގްރިކަލްޗަ މިނިސްޓްރީން ބުނެއެވެ. ހުރިހާ އަތޮޅުތަކެއްގައި ރުއްދަނޑުތައް ހެއްދުމަކީ އެ މިނިސްޓްރީގެ އަމާޒަކެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް