ސްޓެލްކޯއިން ބުނީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް މާފުށީ ސްކޫލުން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން އެ ސްކޫލުގެ އެދުމުގެ މަތިން މާފުށި އިންޖީނުގޭގެ މުވައްޒަފުން ވަނީ ކްލާސްރޫމްތަކުގައި ކުލަލުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ.
ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށްޓަކައި ހިންމަފުށި ސްކޫލުން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން އެ ސްކޫލުގައި މައްސަލަ ޖެހިފައިވާ ފަންކާތަކާއި ބޮކިތައް ބަދަލުކުރުމަށް އެ ރަށު އިންޖީނުގޭގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން މީގެކުރިންވެސް ވަނީ ހިންމަފުށި ސްކޫލުގެ އެދުމުގެ މަތިން އެ ސްކޫލަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އެ ސްކޫލުގެ ކޮމްޕިއުޓަ ލެބާއި ސްޓާފް ރޫމުގެ މައްސަލަ ޖެހިފައިވާ ލައިޓުތައް ރަނގަޅުކޮށްދިނުމުގެ އިތުރުން ވަޔަރިންގެ ބައެއް މައްސަލަތައް އެ ރަށު އިންޖީނުގޭގެ މުވައްޒަފުން ހައްލުކޮށްދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އޭގެ އިތުރުން އެ ސްކޫލުގައި އޯލެވެލް އިމްތިހާނުގެ ޕޭޕަރުތައް ރައްކާ ކުރާ ސެކިއުރިޓީ ރޫމަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައްވެސް ހިންމަފުށި އިންޖީނުގޭގެ މުވައްޒަފުން ވަނީ ހައްލުކޮށްދީފައި ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެ ކުންފުނިން ބުނެފައިވަނީ އެ ރަށު އިންޖީނުގޭގެ ފަރާތުން ރަށު ސްކޫލަށް ލެޑް ލައިޓްތަކެއް ހަދިޔާކޮށްފައިވާ ކަމަށެވެ.
ސްޓެލްކޯއިން ބުނީ ގޮތުގައި ރަށްރަށުގެ މުއައްސަސާތަކުން އެދޭ ކަންކަމުގެ އިތުރުން އެ ރަށްރަށުގައި ކުރިއަށް ގެންދާ އިޖުތިމާއީ އެކި މަސައްކަތްތަކުގައި އެ ކުންފުނީގެ މުވައްޒަފުން އަމަލީގޮތުން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމުގައެވެ. ރަށު ފެންވަރުގައި ހިންގޭ އިޖުތިމާއީ ހަރަކާތްތަކުގައި ބައިވެރިވުމަކީ އެ ކުންފުންޏަށް އަބަދުވެސް ލިބޭ އުފަލެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ.