ads
ހޯރަފުށި އެއާޕޯޓް: އާރްއޭސީއެލްއިން ހިންގަމުން އަންނަ އެއާޕޯޓަށް ރޭގަނޑުގެ ފްލައިޓުތައް ވަނީ ފަށާފައި - ފޮޓޯ:ރީޖަނަލް އެއާޕޯޓް
އާރްއޭސީއެލްއިން ހިންގަމުން އަންނަ ހޯރަފުށި އެއާޕޯޓަށް ރޭގަނޑުގެ ފްލައިޓުތައް ފަށައިފި
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން ހިންގަމުން އަންނަ ހއ. ހޯރަފުށި އެއާޕޯޓަށް ރޭގަނޑުގެ ދަތުރުތައް ފަށައިފިއެވެ.
Advertisement

ހޯރަފުށި އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމުގެ ގޮތުން ރޭ އެ އެއާޕޯޓަށް ޖައްސާފައިވަނީ މޯލްޑިވިއަންގެ ފްލައިޓެކެވެ. ރޭގަނޑުގެ ދަތުރުތަކުގެ ފެށުން ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްކޮށްދެއްވާފައިވަނީ އާރްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރިޒްވީ ވިދާޅުވީ ރޭގަނޑުގެ ދަތުރުތައް ފެށުމުން އެ ރަށަށް އިގުތިސާދީ ފައިދާތައް ލިބޭނެ ކަމަށެވެ. އެގޮތުން ރޭގަނޑުގެ ދަތުރުތައް ފެށި ދަތުރުތައް އިތުރުވުމަކީ ފަތުރުވެރިކަން ފުޅާވެގެން ދާނެ ކަމެއް ކަމަށާއި ގެސްޓްހައުސްތަކުގެ އެނދުތައް އިތުރުކުރުމަށް އެކަމުން މަގުފަހިވާނެ ކަމަށް ރިޒްވީ ވިދާޅުވިއެވެ. ރިޒްވީ ވިދާޅުވެފަައިވަނީ އާރްއޭސީއެލްގެ ހިދުމަތްތައް ދުވަހުން ދުވަހަށް ފުޅާކުރުމަށް އެ ކުންފުނިން މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވި ގޮތުގައި ހޯރަފުށީގެ ޒުވާނުންނަށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް އެ ރަށުގެ އެއާޕޯޓް ހުޅުވުމާ އެކު ލިބިފައިވާ ކަމަށާއި ރޭގަނޑު ދަތުރުތައް ފެށުމުން އަނެއްކާވެސް އެ އެއާޕޯޓުން އިތުރު ފުރުސަތުތައް ރަށުގެ ރައްޔިތުންނަށް ހުޅުވިގެންދާނެ ކަމުގައެވެ.

ރޭގަނޑު ދަތުރުތަކުގެ ފެށުން ފާހަގަކުރުމަށް ބޭއްވި އެ ރަސްމިއްޔާތުގައި ހޯރަފުށި ކައުންސިލުގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ އެ އެއާޕޯޓުން ރޭގަނޑުގެ ދަތުރުތައް ފެށުމަކީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް އިތުރު ލުއިތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

ހޯރަފުށި އެއާޕޯޓު ރަސްމީކޮށް ހުޅުވާފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. ރޭގަނޑުގެ ދަތުރުތައް ފެށުމާ ގުޅިގެން އެ އެއާޕޯޓުގެ އޮޕަރޭޝަންތައް 24 ގަޑިއިރަށް މިހާރު ވަނީ ބަދަލުކޮށްފައެވެ.

އާރްއޭސީއެލްއިން ހިންގަމުން އަންނަ އެއާޕޯޓުތަކުގެ ތެރެއިން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ކުޅުދުއްފުށި އެއާޕޯޓާއި ފަރެސްމާތޮޑާ އެއާޕޯޓުގެ އިތުރުން ފުވައްމުލަކު އެއާޕޯޓަށް މިހާރުވެސް ރޭގަނޑު ދަތުރުތައް އަންނަނީ ކުރަމުންނެވެ. އެ ކުންފުނިން ދަނީ މާވަރުލު އެއާޕޯޓަށް ރޭގަނޑުގެ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް