މިރޭ ދަ ޑިމޮކްރެޓްސް އިން ފުވައްމުލަކުގައި މިރޭ ކުރިއަށް ގެންދިޔަ ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުން އިލްޔާސް ވަނީ ފުވައްމުލަކުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ ވައުދުތަކެއްވެފަ އެވެ.
"ފުވައްމުލަކީ ފަތުރުވެރިކަމުގެ މަސައްކަތް ކުރާ ވަރަށް ގިނަ ބަޔަކު ތިބި ރަށެއް. މިތަނަށް އަންނަ ފަތުރުވެރިޔާ މާލޭ އެއާޕޯޓުގައި އެތައް އިރަކު އެބަ ތާށިވޭ. އޭނާ ޔޫރަޕުން ރާއްޖެއަށް ކުރާ ދަތުރަށް ވުރެ އަގު ބޮޑުވޭ ފަތުރުވެރިޔާ މިރަށަށް ގެންނަން. އަޅުގަނޑު ބަލަނީ ދިވެހިންގެ އަގުގައި ފަތުރުވެރިޔާ މިރަށަށް ގެންނަން،" އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވީ ފުވައްމުލަކު ބަނދަރުވެސް ދަ ޑިމޮކްރެޓްސްގެ ވެރިކަމުގެ ކުރީކޮޅުގައި ތަރައްގީކުރާނެކަމަށެވެ. ފަސޭހަ ވިޔަފާރި ޕްރޮގްރާމްގެ ތެރެއިން ފުވައްމުލަކުގައި ފަތުރުވެރިކަމަށް ބޭނުންވާ ގިނަ ވަސީލަތްތައް ގާއިމް ކުރާނެކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.
"ޑީކޮމްޕްރެސަން ޗެމްބާއެއް މިތާންގައި ހުންނަން ޖެހޭނެ. އޮކްސިނަން މިތަނުން ލިބެން ހުންނަންޖެހޭނެ،" ޑައިވް ސެންޓަރުތައް ގިނަ އަދަދަކަށް ފުވައްމުލަކުގައި ހުންނަކަން ފާހަގަ ކުރައްވާ އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވީ ފުވައްމުލަކުގައި ޓައިގާ ޝާކް ރިސާޗު ކުރާ ސެންޓެެއް ވެސް ގާއިމް ކުރާނެކަމަށެވެ.
އިންޓަނޭޝަނަލް އޮލިމްޕިކްސް ބޭއްވޭ ފެންވަރުގެ ސުވިމިން ޕޫލެއް ފުވައްމުލަކުގައި ގާއިމްކޮށްދޭނެކަމަށް ވެސް، އިލްޔާސް ލަބީބް ވިދާޅުވިއެވެ.
"ފަސް އަހަރު ވީ އިރުވެސް ސިންތެޓިކް ޓްރެކެއް ނޭޅުނު. ސިންތެޓިކް ޓްރެކް. އަންނަނީ އަންނަނީގައި. ދެތިން މަސްތެރޭގައި ސިންތެޓިކް ޓްރެކް ފުރަތަމަ ތިން ސްތޭކަ ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ ސަރުކާރެއްގައި ނިންމާލާނަން،"
އަށްހާސް ރައްޔިތުން ފުވައްމުލަކުގައި ދިރިއުޅޭކަމަށާއި، ފުވައްމުލަކުން ބޭރުގައި މަސައްކަތް ކުރަނީ ފަސް ހާސް މީހުންކަމަށް ވެސް އިލްޔާސް ވިދާޅިވިއެވެ. އެ ރަށުން ބޭރުގައި ދިރިއުޅޭ ގިނަ މީހުންނަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މީހުންކަން ފަހަގަ ކުރައްވަމުން އިލްޔާސް ވިދާޅުވީ ރިސޯޓު މުވައްޒަފުންނަށް މިނިވަން ވޭޖް ކަނޑައަޅާއިދޭނެކަމަށެވެ.