އުކުޅަހުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.
އެމްޓީސީސީން ބުނީ އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެ ކުންފުނިން ޗާޓަރުކޮށްގެން ގެނައި ބެލްޖިއަމްގެ ކުންފުންޏެއްގެ ޑްރެޖަރެއް ކަމަށްވާ "ފިލިޕޯ ބްރުނެލޭޝީ" އިން ކަމަށެވެ. އުކުޅަހުގެ ބިން ހިއްކުމަށް މި ޑްރެޖަރު މޮބިލައިސްކުރެވިފައިވަނީ ހއ. އިހަވަންދޫ އާއި ށ. މަތިކޮމަންޑޫގެ ބިން ހިއްކާ ނިންމުމަށްފަހު ކަމަށް އެމްޓީސީސީން ބުނެއެވެ.
އުކުޅަހުގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެފައިވަނީ ބިން ހިއްކުމުގެ މަސައްކަތް ފެށުމުގައި ލަސްކަމެއް އައިނަމަވެސް މަސައްކަތް ފެށިފައިވާ ކަމަށެވެ.
"ފިލިޕޯ ބްރުނެލޭޝީ" އިން ދުވާލަކު ހެކްޓަރަކަށްވުރެ ބޮޑު ސަރަހައްދެއް ހިއްކާލެވޭ ކަމަށާއި އެ ސްޕީޑުގައި ކުރިއަށް އޮތް 12 ދުވަހުގެ ތެރޭގައި އެ ރަށުގެ ބިން ހިއްކާ ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވި ގޮތުގައި އުކުޅަހަށްފަހު އއ. ބޮޑުފުޅަދޫގެ ބިން ހިއްކުމުގެ މަސައްކަތް އެ ކުންފުނިން ފަށާނެ ކަމުގައެވެ.
އުކުޅަހުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގައި 13 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ދަށުން 1،692 މީޓަރުގެ ސަރަހައްދެއްގައި ސޭންޑް ބަންޑްލް ވޯލް ޖަހައި، ހިއްކާ ސަރަހައްދު ހިމާޔަތްކުރުމަށް 1،054 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ އިތުރުން 80 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއަކީ 67.21 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމުގައެވެ.