ދިވެހި ރާއްޖޭގެ އިގްތިސޯދީ ހަލަތާއި ގުޅޭގޮތުން ވެސް އެކި ފަންތީގައި އެކިވަރުގެ ބަހުސްތައް ކުރެވެއެވެ. ނަމަވެސް އެ ބަހުސްތަކުގައި މާބޮޑު ކުރިއެއްނުލައެވެ. ސަބަބުތައްވެސް ބައިވަރެވެ. ގިނަބަޔަކު ގަބޫލު ކުރާ ގޮތުގައި ވަކި ވަރަކަށް ގައުމުތަކަށް ބަރޯސާވާން ވެއްޖެނަމަ އެބައެއްގެ ނިކަމެތި ކަމާއި ކުރިމަތިލާންޖެހެއެވެ.
ފަސް މޮޅު މި ރާއްޖޭގައި ފެންނީ ގުދުރަތީ ވަސީލަތްތައް ލިބެން އޮވެމެ އަމިއްލަ އަތުން ފަސްލާ އެ ވަސީލަތްތަކާއި ދުރަށްދާތަނެވެ. ފަޅުރަށްތައް އެހާމެ ގިނައެވެ. ނަމަވެސް އިގްތިސާދަށް ބޭނުން ކުރަނީ އެތަނުން ކިތައް ރަށްތޯ މިއީވެސް ސުވާލު އުފެދޭ ކަމެކެވެ. ގައުމުން ބޭރުން މިރުސް ލުބޯ ކައްޓަލަ ކީއްކުރަން ބަރަބޯވެސް ގެންނަން މިއަދު ވަނީ ޖެހިފައެވެ. އެންމެފަހުން ކާށިވެސް ލިބެން ނެތިގެން ގެންނަން ޖެހުނީ އަވައްޓެރި ގައުމަކުން މިއީ މިއަދުގެ ހާލަތެވެ.
ދަނޑުވެރިކަމާއި މަސްވެރިކަމުގެ އުފެއްދުންތެރިކަން ރަނގަޅުކުރެވި އިގްތިސާދީ ހަރަކާތްތަކުން މުދަލާއި ހިދުމަތް ތައް މިހާރަށްވުރެ ހަރުދަނާގޮތެއްގައި އުފައްދައި ދެވިއްޖެނަމަ، އިގްތިސާދީ ގޮތުން ކުރިއަރައިދާނެއެވެ. ވަކިވަކި ފަރުދުން އަމިއްލައަށް ބޭނުންތަކާއި އެފެއްދުންތައް އުފައްދައިދޭ މި ނިޒާމުގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުން މުދާ ކެޕިޓަލް ކުރުވޭނެވެސް މެއެވެ.
މުދަލާއި އުފެއްދުންތެރިކަން މިލްކުކުރަނީ ބާޒާރުގެ އިގްތިސާދުގެ ސަޕްލައި އާއި ޑިމާންޑް އުފެއްދުންތެރިކަމަށެވެ.
އެގޮތުން އަތޮޅު ތެރޭ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން އޮތް ކަންބޮޑުވުންތަކަކީ އަތޮޅުތެރޭގައި އުޅުއްވާ ރައްޔިތުންގެ މެދުގައި އޮތް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އިގްތިސޯދީ ހާލަތު ދަށްވެ ފުދުންތެރިކަން ދަށަށް ދިއުމުން ރަށް ދޫކޮށްފަ މާލެ ނުވަތަ ކޮންމެވެސް އެހެންދިމާލެއް އިހުތިޔާރު ކުރާ މީހުންވެސް ވަރަށް ގިނައެވެ.
މި ކަމާއި ގުޅުންހުރި އިދާރާތަކުން ފާހަގަކުރާގޮތުގައި މިކަމަށް އޮތް އެންމެ ބޮޑު ހައްލަކީ ރަށްރަށުގެ ބާރުވެރި ފަރާތްކަމުގައިވާ ކައުންސިލްތަކުން ކުރަން ޖެހޭ މަސައްކަތެވެ. ކައުންސިލްތަކުން ރަށުގެ ފުދުންތެރިކަން އިތުރުކުރުމަށް މަސައްކަތް ނުކުރެވޭނަމަ އެކަންތައް ދާނީ ދުވަހެއް ދުވަހަކަށް ދަށަށެވެ.
ރާއްޖޭގެ ދެބައިކުޅަ އެއްބައިމީހުން އުޅެނީ މާލޭގައެވެ. މިކަމަށް ބާރުލިބެނީ ވެސް އަތޮޅު ތެރޭގެ ތަރައްގީގެ ހާލަތާއި، އިގްތިސޯދީ ހާލަތުގެ މިންވަރުގެ މައްޗަށެވެ. ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށު ކައުންސިލްތަކަށްވަނީ ބާރު ދީފައެވެ. އެރަށެއްގެ ފުދުންތެރިކަން އިތުރު ކުރުމަށެވެ. ނަމަވެސް ފެނިގެންދަނީ ކަންބޮޑުވާ މިންވަރަށް އިގްތިސޯދީ ހާލަތު ދަށްވެ ފުދުންތެރިކަން ކުޑަވެގެންދާކަމެވެ.
މިކަމަކީ ކައުންސިލްތަކުން ބާރުލިބިގެން ކުރިއަށްދެވޭނެ ކަންތައްތައް ކަމަށްވެސް ރަފީގު ވިދާޅުވިއެވެ.
ކައުންސިލްތަކަށް ވަކިވަރެއްގެ ބާރުވެރިކަމެއް ދެއްވާފަ އޮތް ނަމަވެސް ޕާފޯމޭންސް ރަނގަޅު ނުކުރެވޭ ކައުންސިލްތަކުގެ ސަބަބުން އެ ދާއިރާއެއްގެ ނުވަތަ އެ ރަށެއްގެ ނުވަތަ އެ އަތޮޅެއްގެ ފުދުންތެރިކަމުގެ ހާލަތު ދަށްވާއިރު، ބާޒާރުގެ އިގްތިސާދަކީ ސަރުކާރުގެ މައްޗަށް ބާރުގަދަ ނުފޫޒެއްގެ ގޮތުގައިވެސް ވިސްނިފައި އެބަހުއްޓެވެ.
ސަރުކާރަށް އޮންނަނީ ގައުމު ހިންގުމެވެ. ނަމަވެސް ދާއިރާތަކަށް ބަހާލެވިގެން ވަކި އުސޫލެއްގެ ދަށުން ހިންގޭ އިރު ވިސްނާ މިފަދަ ވިސްނުންތަކުގެ ސަބަބުން އޭގެ ނިކަމެތިކަން ލިބިގެންދަނީ އެތަނެއްގައި އުޅޭ ރައްޔިތުންނަށެވެ.
އޭގެ ބަދަލުގައި ސަޕްލައި އާއި ޑިމާންޑުން އިގްތިސާދުކުރާ ކައުންސިލްތަކަކަށް ވެއްޖެ ނަމަ ހަގީގީ ބާރުވެރިކަން ލިބިފައިވާ ކައުންސިލްތަކަކަށްވެ، ފުދިންއުޅޭ މުޖުތަމައު އަކަށް އެ މުޖުތަމައު ވެގެންދާނެ ކަން ޔަގީނެވެ. އިގްތިސާދަކީ ހުރިހާ ވަސީލަތްތަކެއް އެއްމިނެއްގައި ލިބި ވަކި ވަކި ފަރުދުންގެ އުނގުތައް ތަނަވަސް ކޮށްދޭނެ ހަރުދަނާ ބިންގަލެއް ކަމަށްވާނެއެވެ.