
ވޮލީގެ މީހުން ބުނާގޮތުން ވޮލީބޯޅައަކީ ފުޓުބޯޅައަށް ފަހު ރައްޖޭގައި އެންމެ މަގުބޫލު ކުޅިވަރެވެ. ވީއޭއެމްގެ ރައީސް މުހަންމަދު ރަނޭޝް ދާދި ފަހަކުން ޓީވީ ޕްރޮގްރާމެއްގައި ވިދާޅުވި ގޮތުން ވޮލީއަކީ އަދި ފުޓުބޯޅައަށް ވުރެވެސް ގިނަމީހުން ރާއްޖޭގައި ކުޅޭ ކުޅިވަރެކެވެ.
މިހާ ގިނަ މީހުން ކުޅޭ، މިހާ މަގުބޫލު ކުޅިވަރެއްގެ ހިންގުމުގައި މިހާ ބޮޑުތަނުން އިހްމާލުވެގެން އުޅޭ ކަމަށް ވޮލީބޯޅައިގެ މީހުންގެ މިވަރަކަށް މި ޝަކުވާ ކުރަން ޖެހުމީ ދުރު ތިބީން ވެސް މިކަމާއި ވިސްނާލުން ރަނގަޅު ސަބަބެއް ނޫންތޯއެވެ.
މިކަމާއި ބެހޭގޮތުން ވޮލީގެ މަޝްހޫރު ބޭފުޅަކާ ކުޑަކޮށް މަޝްވަރާކޮށްލެވުނެވެ. މި މައްސަލައިގައި ގުޅުން ހުރި ވަރަށް ގިނަ މައުލޫމާތު އޭނާ އޮޅުން ފިލުވައި ދިނެވެ. އޭނާ ހިއްސާކުރި ސިޓީއަކަށް މިލިޔުމުގައި އިތުރަށް ނަޒަރު ހިންގާލާ އާންމުންނަށް މިކަމާއި ބެހޭގޮތުން އިތުރު މައުލޫމާތު ހިއްސާކޮށްލުމަކީ ނޫސްވެރިއެއްގެ ކާޑު އަޅައިގެން އުޅޭ މީހެއްގެ ހައިސިއްޔަތުން ކޮންމެ ހެންވެސް ކޮށްލަން ޖެހޭކަމެއް ކަމުގައި ގަބޫލު ކުރެވެއެވެ.
ސަބަބަކީ ހަމައެކަނި އެ ސިޓީގެ ވާހަކަ އެއް ނޫނެވެ. ވޮލީބޯޅައިގެ ހިނގުމުގެ ހާލަތާ ބެހޭގޮތުން އޭނާ ހިއްސާ ކުރެއްވި އެތަށް ވާހަކަ ތަކެކެވެ. ސަބަބަކީ އެބޭފުޅާ ވިދާޅުވި ގޮތުންނަމަ، ރާއްޖޭގައި އެންމެ ގިނަ މީހުން (ދެ ޖިންސު އެއްކޮށް ބަލައިފި ނަމަ) ކުޅޭ ކުޅިވަރުގެ ގިނަ މެމްބަރުނާއި ގިނަ ކްލަބުތަކެއްގެ އަޑު ކެނޑި، ބާރު ހުރި ދެ ފަރުދެއްގެ ވިސްނުމުގެ މައްޗަށް މުޅި ވޮލީބޯޅައިގެން ކަންކަން އެނބުރިފައިވުމެވެ.
މިދެންނެވި ސިޓީ އަކީ ރާއްޖޭގެ ކުޅިވަރު ޖަމްއިއްޔާތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ ކޮމިޝަނަރ އޮފް ސްޕޯޓްސްއިން ރާއްޖޭގެ ކުޅިވަރު ބޭރު ދުނިޔެއާއި ގުޅުވައިދޭ މައި އިދާރާ މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީއަށް ފޮނުއްވި ސިޓީއެކެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޢަބްދުއްސައްތާރަށް އެޑްރެސްކުރައްވާ، ކޮމިޝަނަރުގެ މައްސޫލިއްޔަތު ހަވާލުވެވަޑައިގެން ހުންނެވި އާއިޝަތު ސަމާހް ފޮނުވާފައި ވާ އެސިޓީގައި ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ހައިސިއްޔަތުން ވީއޭއޭމް އިން އަމަލު ކުރަން ޖެހޭ އިޖްރާތްތަކާއި ގަވާއިދުތަކާއި ހިލާފުވެފައިވާތީ އެކަން އަވަސް އަދި ކުއްލި މައްސަލައެއް ގޮތުގައި އެމްއޯސީއަށް އަންގާކަމުގައި ސުރުހީއެއް ގޮތުގައި ބަޔާން ކުރައްވާފައެވެ. މިދެންނެވި މައްސަލަ އަންގަނީ ކުޅިވަރު ޤާނޫނު ދަށުން މަތިކުރުވާފައިވާ ޒިންމާގެ ދަށުންކަން ބަޔާންކޮށްފައިވެސް ވެއެވެ.
ވޮލީގެ އިވެންޓެއްގެ ތެރެއިން
ދިވެހި ރާއްޖޭގެ ކުޅިވަރު ޤާނޫނާއި އޭގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދު ތަކާއި، ހާއްސަކޮށް ކުޅިވަރު އިދާރާތައް ރަޖިސްޓްރީ ކުރުމާއި ހިނގުމުގެ ގަވާއިދު" ތަކަށް ވޮލީ އެސޯސިއޭޝަނުން ތަކުރާރުކޮށް ހިލާފުވަމުން ދާކަން ފާހަގަކުރައްވާ ކޮމިޝަނަރުގެ ސިޓީގައި އެ ހިލާފު ވީ ކަންކަން ވަކި ވަކި މައިގަޑު ތިން ނުކުތާގެ ގޮތުގައި ވަރަށް ތަފްސީލީގޮތަކަށް ބަޔާން ކޮށް ދީފައިވެއެވެ.
މިދެންނެވި ގޮތަށް ގާނޫނާއި ގަވާއިދުތަކާއި ހިލާފުވުމުގެ ސަބަބުން ވީއޭއެމްގެ މެމްބަރުންގެ އެތައް ހައްގަކަށް އުނިކަން ލިބި އެހައްގުތައް ހޯދާދިނުމުގައި ވީއޭއެމްގެ މެނޭޖްމަންޓް ފެއިލްވެފައިވާކަން ކޮމިޝަނަރުގެ ސިޓީގައި ބަޔާން ކުރައްވާފައިވާއިވެއެވެ.
އަދި އެއަށްފަހު، ކޮމިޝަނަރ ވަނީ ވީއޭއެމް ގެ މެނޭޖްމަންޓުން ގާނޫނާއި ޤަވާއިދުތަކާއި ހިލާފުވެފައިވާތީ، ދުނިޔޭގެ ވޮލީބޯޅަ ހިނގުމުގެ މައި އިދާރާ ފެޑެރޭޝަން އިންޓަނޭޝަނަލް ވޮލީބޯޅަ – އެފްއައިވީބީ އަށް މިމައްސަލަ ހުށަހަޅުއްވައި ދެއްވުމަށް އެމްއޯސީ ކިބައިން އެދިފައެވެ.
އެ ސިޓީގައި ނިންމަވާ ލައްވަމުން ލިޔުއްވާފައިވެއެވެ. "ދިވެހިރާއްޖޭގެ ކޮމިޝަނަރ އޮފް ސްޕޯޓްސް އާއި ދިވެހި ރައްޖޭގެ ކުޅިވަރުގެ ޤައުމީ މަޖިލީހުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގައި މިއެދެނީ ވީއޭއެމް ގެ މި މައްސަލައިގައި ހައްލެއް ހޯދުމުގައި ފެޑެރޭޝަން އިންޓަނޭޝަނަލް ވޮލީބޯޅަ -–އެފްއައިވީބީ ގެ އިރުޝާދާއި އެފަރާތުގެ ބައިވެރިވުމާއި މެދުވެރިވުން ހޯދާދިނުމަށް ކަމަށެވެ."
މިދެންނެވި ސުވާލުގައި ކުރިން މިވާހަކަ ހިއްސާ ކުރެއްވި ބޭފުޅާ ޖަވާބު ދެއްވިއެވެ. "މިފެންނަނީ އެމްއޯސީގެ ވެސް އެއްވެސް ބާރެއް ހަގީގަތުގައި ނެތް މަންޒަރެވެ. ނޫނީ މި ފެންނަނީ އެމްއޯސީވެސް ގާނޫނުގެ މަތިން އޮޕަރޭޓް ކުރާ އެސޯސިއޭޝަނަކާ ޖެހުނީމާ "ފިތިފައި" ތިބި ވަރވެ. ހަގީގަތަކީ އެއްވެސް އޮއްޓަރެއް ހުރި ފިޔަވަޅެއް އެކަމުގައި ނާޅުއްވާ ކަމެވެ. އޮއްޓަރެއް ހުރި ފިޔަވަޅެއް އެޅުނުނަމަ ދެމަސް ފާއިތުވީ އިރު ނަތީޖާއެއް ނެރެވޭނެ މަގެއް ފެނުނީހެވެ.
އޭނާގެ އުދާސްތައް އޮއްސާލަމުން އިތުރު ކޮށްލިއެވެ. " ނަމަކަށް މީހުންނަށް ދައްކަންވެގެން ޓައިމްލައިންތައް ވެސް ހެދި ކަމަށް ބުނެއެވެ. އެއްވެސް ކުރިއެރުމެއް ނެތި ފާއިތު މިވަނީ ކިތައް މަސް؟ މިއީ ކަމާއި ބެހޭ އިދާރާތަކުން ބޮޑު އިހުމާލެއް މީގައި ހިމެނޭ ކަމެއް ނޫންތަ؟"
ވޮލީ އެސޯސިއޭޝަންގެ ރައީސް އިވެންޓެއްގައި
މިއީ ، މިގައުމުގައި ޤާނޫނު ނުހިނގާ ކަމުގެ ރީތި މިސާލެއް ނޫންތަ؟ ވީއޭއެމްގެ ބައެއް ވެރިންނާއި މި ސަރުކާރުގެ ބައެއް ވެރިންނާއި ގުޅުވައިގެން އެ ކުރާ ތުހުމަތުތައް ގަބޫލު ކުރެވޭ ވަރު އެބަވޭ ނުންތަ މިވަރުވީމަ؟ މިހާރުވެސް މިދަރަޖައަށް ކަންކަން ގޮސް އޮތް އިރުވެސް "މަތިޖަހައިގެން" ތިބޭކަމެއް ނޫންތޯ މި ދޭހަކޮށް ދެނީ؟ އެހެން ނޫންނަމަ، މިހާލަތަށް ކަންކަން ބޮއްސުންލާން ޖެހޭ އެއްވެސް ސަބަބެއް އެބަ އޮތްތަ؟
އެ ކުރި އެއްވެސް ސުވާލެއްގެ ޖަވާބު ދޭކަށް އަޅުގަނޑަކަށް ނޭނގުނެވެ. އަޅުގަނޑަށް އިނގުނުހާ ވެސް އެއްޗަކީ އެބުނާ "ހިންގުން" އެ ހިންގަނީ ފިސާރި ބާރުވެރި ފަރާތެއް/ފަރާތްތަކެއް އެހީއާއި މަދަދު ލިބިގެން ކަމެވެ.