އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ކުރައްވަމުން ގެންދަވާ ކެމްޕެއިނުގައި މިއަދު ގއ. ކޮނޑޭއަށް ވަޑަައިގެން އެ ރަށުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ކޮނޑޭގެ އާބާދީއަކީ ކުޑަ އާބާދީއެއް ނަމަވެސް ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯގެ ސިޔާސަތަކަށްވީ ވަކި ރަށެއް ތަފާތުނުކޮށް ހުރިހާ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެެވެ.
ރައީސް ވިދާޅުވެފައިވަނީ ކޮނޑޭގެ ރައްޔިތުން ބޭނުންވެފައި ހުރި އަސާސީ ހިދުމަތްތަކުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ނިމި ކުރެވެމުން އަންނަ ކަމަށެވެ. ކޮނޑޭއަކީ ބޮޑު އަދި ރީތި ރަށެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރަށަކީ ތަރައްގީ ކުރެވޭނެ ރަށެއް ކަމަށެވެ. އެގޮތުން އެ ރަށުން ގޯތި ދިނުމަށް ހުޅުވާލިއިރު މުޅި ރާއްޖޭގެ އެންމެންނަށް ގޯއްޗަށް އެދި ހުށަހެޅޭގޮތަށް ކޮނޑޭގެ ކައުންސިލުން ހުޅުވާލާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ލޯކަލް ޓޫރިޒަމް ފެތުރިގެން އަންނައިރު، ވައިގެ މަގުންނާއި ކަނޑުގެ މަގުން މުޅި ރާއްޖެ ގުޅިގެންދާއިރު ކޮނޑޭއަކީ އެކަމަށް މުޅިން ފައްކާވެފައިވާ ރަށަކަށްވަމުން އަންނަ ކަމުގައެވެ. ދުރު މުސްތަގުބަލުގައި އެފަދަ ކިތަންމެ މަސައްކަތްތަކެއް އެ ރަށުގައި ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބޭނުންވަނީ މަސައްކަތް ކުރަން ތިބޭ ފަރާތްތަކަށް މަސައްކަތް ކުރުމަށް ބޭނުންވާ ފަސޭހަ ލުއި ލޯނު ލިބޭނެ ގޮތް ހެދުން ކަމަށާއި ކުރިއަށް އޮތް ރިޔާސީ ދައުރުގައި އެކަން ކުރުމަށް ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމެނިފައިވާ ކަމަށެވެ. މެނިފެސްޓޯ އާންމުކުރަމުންދާއިރު ތަފުސީލުތައް ހާމަކުރަމުންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެކަމުގެ ތެރެއިން ކޮނޑޭއަށް ރަނގަޅު މުސްތަގުބަލެއް ފެނިގެންދާނެ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައިވަނީ ދެވަނަ ދައުރެއްގައި ކޮނޑޭއަށް ކޮށްދެއްވާނެ ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރަށުގެ ބަނދަރު ބޮޑުކޮށްދީ، ފަސޭހައިން ލަފާފުރޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށާއި ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ހައުސިން ޔުނިޓު އަޅައިދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވެފައިވަނީ ކޮނޑޭގެ ޒުވާނުން ބޭނުންވެފައި އޮތް ފުޓުބޯޅަ ދަނޑު އަޅައިދޭނެ ކަމަށެވެ.
ކޮނޑޭގެ ރައްޔިތުން މި ސަރުކާރަށް ތާއީދު ކުރާނެ ކަމަށާއި ސަރުކާރު ބަލައިގަންނާނެ ކަމަށް ވާހަކަފުޅު ނިންމަވަމުން ރައީސް ފާހަގަކުރެއްވިއެވެ.