ads
އައްޑޫ ސިޓީ ސަރަހައްދީ ބަނދަރު ބައިނަލްއަގުވާމީ ބަނދަރުތަކާ ގުޅުވާލުމަށް އެމްއެސްއެސްއިން ގެންނަ ބޯޓު ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރުން - ފޮޓޯ:އެސްޓީއޯ
އައްޑޫ ސިޓީ ސަރަހައްދީ ބަނދަރު ބައިނަލްއަގުވާމީ ބަނދަރުތަކާ ގުޅުވާލަނީ
އައްޑޫ ސިޓީއަށް ބައިނަލްއަގުވާމީ ބަނދަރުތަކުން މުދާ އެތެރެ ކުރުމަށް މަގުފަހިކޮށްދިނުމަށް ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ގެންނަ ބޯޓު، އެމްއެސްއެސް އޯޕަލް ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެމްއެސްއެސް އޯޕަލްއަކީ ބައިނަލްއަގުވާމީ ބާޒާރުން އައްޑޫއަށް ގެނެވޭ މުދާ މާލޭގައި ޓްރާންސިޓް ކުރުމަށްފަހު، އައްޑޫއަށް ގެންދިއުމާ އަދި މާލޭން ގަންނަ މުދާ ކޮންޓެއިނަރައިޒްޑް ކޮށްގެން އައްޑޫއަށް ގެންދިއުމަށް ބޭނުންކުރާނެ އުޅަނދެއް ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެއެވެ. އެސްޓީއޯއިން ބުނި ގޮތުގައި އެމްއެސްއެސް އޯޕަލްއަކީ 105 ކޮންޓެއިނަރު އުފުލޭ، ބޯޓުގައި ކްރޭން ހަރުކުރެވިފައިވާ އުޅަނދެއް ކަމުގައެވެ. އޭގެ ތެރޭގައި 20 ރީފަ ކޮންޓެއިނަރު ހިމެނޭ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނެފައިވަނީ މި އުޅަނދަކީ ކްރޭން ހަރުކުރެވިފައިވާ އުޅަނދަކަށްވުމުން އައްޑޫ ސިޓީގެ ބަނދަރުގައި މިވަގުތު ކްރޭން ނެތިގެން ދިމާވާ އެއްވެސް ދަތިކަމެއް މި އޮޕަރޭޝަންގައި ދިމާވެގެން ނުދާނެ ކަމަށެވެ. މި އޮޕަރޭޝަންގެ ސަބަބުން މުދާ އުފުލުމުގައި ހުރި ދަތިތައް ހައްލުވެ، ގަވާއިދުން އުފުލަދޭނެ އިތުބާރުކުރެވޭ ފަރާތެއް އުފެދި، ބާޒާރުގައި މި ހިދުމަތުގެ އަގު އުފުލިގެން ދިއުން ހިފެހެއްޓިގެންދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އޭގެ އިތުރުން މޫސުން ގޯސް ދުވަސްވަރު، ދެކުނުގެ ރަށްތަކަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ފިލައި ކާޑުގެ ލިބުމުގެ ޔަގީންކަން އިތުރުވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެސްޓީއޯއިން ބުނީ އެމްއެސްއެސް އޯޕަލް ރާއްޖެ ގެނެވި އިދާރީ އެންމެހާ ކަންކަން ނިމުމާ އެކު ދުނިޔޭގެ ކޮންމެ ތަނަކުންވެސް އައްޑޫ އާ ހަމައަށް، އެމްއެސްއެސް މެދުވެރިކޮށް މުދާ ގެންނަން ބުކް ކުރުމަށް ހުޅުވާލެވޭނެ ކަމަށެވެ. ކޮންމެ ދިހަ ދުވަހަކުން އައްޑޫ ސިޓީއަށް ދަތުރުކުރާ މި ބޯޓު ދަތުރުކުރާނީ މާލެ، ހިތަދޫ، ކޫއްޑޫ މާލެއަށް ކަމަށް އެސްޓީއޯއިން ބުނެއެވެ. އެސްޓީއޯއިން ބުނެފައިވަނީ 2020 ވަނަ އަހަރު އުފެއްދި އެމްއެސްއެސްއިން މި ބޯޓު ގެނައުމާ އެކު އެމްއެސްއެސް އޯޕަލް ވާނީ އެ ކުންފުނިން ގެންނަ ފަސްވަނަ ބޯޓަށް ކަމަށެވެ. 

އެސްޓީއޯއިން ބުނި ގޮތުގައި އައްޑޫގެ ސަރަހައްދީ ބަނދަރު ބައިނަލްއަގުވާމީ ބަނދަރުތަކާ ގުޅުވާލެވުމުން މާލެ ފިޔަވައި އިތުރު ސަރަހައްދެއްގައި ބައިނަލްއަގުވާމީ ބަނދަރެއް ތަރައްގީވެ، ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމުގައެވެ. އަދި މިއީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތަށް ވަރުގަދަކަން ލިއްބައިދޭނެ އިތުރު ބޮޅަކަށް ވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް