ads
މަސް ކަނޑުގައި ދިވެހި މަސްވެރިން މަސް ބާނަނީ - ފޮޓޯ: ޓްވިޓަރ
ޒަަމާނެއްގައި ލޭނާރަކަށްވި ދިވެހިންގެ މަސްވެރިކަން
މަސްވެރިކަމަކީ ދިވެހިންގެ ލޭނާރޭ ބުނެވުނު ޒަމާން މާޒީވެގެން ގޮސްފިއެވެ. ހާލަތު ހުރި ގޮތަކީ އެއްމެ ކުޑަމިނުން މަހަށްދާނެ މީހަކު ނުވެގެން މަސްވެރިންނަށް ވެސް ވެގެން މިދަނީ ދިވެހިން މަސައްކަތު މީހުންގެ ވަޒީފާގަ ގެންގުޅުނު ބިދޭސީންނަށް ވެ ނިމިއްޖެއެވެ. ދޯނިތަކުގެ ފަޅުވެރިންނަށް އަރާނެ މީހުން ނުވެގެން ކައުންސިލް އިދާރާތަކުން އިއުލާނު ކުރާ ހިސާބަށްވެސް ގޮސްފިއެވެ.
Advertisement

އެކަމަކު، މިހިސާބަށް ދާން ޖެހުނީ ކީއްވެގެންތޯއެވެ. އެއްޒަމާނެއްގައި ދިވެހިންގެ ފަހުރު ކަމުގައި ވި މަސްވެރިކަން އެއީ ކުރަން ހެޔޮވާވަރުގެ މަސައްކަތެއް ނޫންކަމަށް ދިވެހިންނަށް ފެނުނީ ކީއްވެގެންތޯއެވެ. ބޮޑެތި ކަރަދު ކޮށްގެން ބަނދެފައި ހުންނަ މަސްވެރި އުޅަނދުތަކަށް އިންޖީނު އެޅުމަށްޓަކައި ބޭންކް ތަކުން ދީފައި ހުންނަ ލޯނުތަކަށް ފައިސާ ނުދެއްކި، އެއްމެ ފަހުން ބޭންކް ތަކުން އެ އުޅަނދުފަހަރު ވިއްކާލާ ހިސާބަށް ދިޔައީ ކީއްވެގެންތޯއެވެ.

ހަމަގައިމުވެސް، ފައިދާ ނުވާކަމެއް ނަމަ، އެޒަމާނުގަ ދިވެހިންގެ ލޭނާރު ކަމަށް ކިޔައި ނޫޅު ނީސްތާއެވެ. އަދި މަސްވެރިކަމަށް ބޮޑެތި އަދަދުތަކުން ފައިސާވެސް ޚަރަދެއް ނުކުރީތާއެވެ.

މަސްވެރިންގެ ޝަކުވާ އެއް ނުލިބޭ ނުވަތަ އަޑެއް ނީވޭ ހަމައެއްމެ ދުވަހެއްވެސް ނާދެއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ބޭނި މަސްކޮޅު ނުކިރުވި، އުކާލަން ޖެހުނު ވާހަކައެވެ. އެހެން ނޫނީ، މަސްކޮޅު ކިރުވަން އަރާ ކިއުލައިންގައި 2 ނޫނީ 3 ދުވަސް ވަންދެން ތިބެން ޖެހުމުގެ ސަބަބުން ބޭނި މަސްކޮޅުގެ ތާޒާކަން ގެއްލި މަސް ގަންނަ ކުންފުނިން މަހަށްދޭ ފައިސާ މަދުވާ ވާހަކައެވެ. އެހެންނޫނީ، ގިނަ ދުވަސްތަކެއް ވަންދެން ކިއުގަ ތިބެން ޖެހުމުގެ ސަބަބުން، ކުރިން މަސްބޭނި ހިސާބުން އަލުން މަސްކޮޅެއް ނުބޭނޭ ހިސާބަށް ދާންޖެހުނު ވާހަކައެވެ. އަދި ނިމުނީ އަކީ އެއް ނޫނެވެ. މަސްކޮޅު ކިރުވާލާފަ، ދޭންޖެހޭ ފައިސާގެ ބަދަލަށް ހަމައެކަނި ތެޔޮ ކޮޅަކާއި، ހުސް ބިލެއް ދޭ ވާހަކައެވެ. މިކަހަލަ ކިތަންމެ ޝަކުވާއެކެވެ.

ކޮންމެއަކަސް، ރިޔާސީ އިންތިޚާބެއް ބޯމަތިވުމާއެކު، މަސްވެރި އާއިލާތަކުގެ ވޯޓު ހޯދުމަށްޓަކައި އަނެއްކާވެސް މަސްވެރިކަމުގެ ވާހަކަ ވަރަށް ގިނަގިނައިން ދެކެވެން ފަށައިފިއެވެ. ހަމަ އަގު ހޯދައިދޭނެކަމަށް އެއްބަޔަކު ބުނާއިރު، ބެޔަސް  ނުބެޔަސް ދޭން ބުނި 10000 އަދިވެސް ދޭނެ ވާހަކަވެސް އެއްބަޔަކު އެބަ ބުނެއެވެ. އަނެއް ބަޔަކު ކިލޯއަކަށް 25 ރުފިޔާ ދޭން ބުނާއިރު، ދެން ހުރި ފަރާތުން ބުނަމުންދަނީ ވެރިކަމެއް ފަށާނީވެސް މަސްވެރިންގެ އަތުން ގަންނަ މަސްކިލޯ 25 ރުފިޔާއަށްވުރެ މަތިން ކަމަށް ބުނާ ފަރާތްތައްވެސް އެބައުޅެއެވެ. އަބަދުވެސް ކޮންމެ ރިޔާސީ އިންތިހާބެއްގެ ކެމްޕޭނަކާއި ދިމާކޮށް މަސްވެރިންގެ އުދާސްތަކަށް ރިޔާސީ ކެންޑިޑޭޓްއިން ހައްލު ހޯދައިދެއެވެ. އަނގަބަހުން ޕޯޑިއަމް ތައް ކައިރީގައެވެ. އެހެންނަމަވެސް 5 އަހަރުގެ ދައުރެއް ނިމިގެންދާއިރު، އެބުނާ ހައްލެއް އަންނަ ތަނެއް ފެންނާކަށް ނޯވެއެވެ. އަނެއްކާވެސް އަނެއް އިންތިޚާބުގެ ކެމްޕޭނާއި ދިމާކޮށް ހަމަ އެވާހަކަ ތަކުރާރު ކުރެވެއެވެ.

ހައްލު ހޯދޭނީ މައްސަލަ އަކީ ކޮބައިކަން އެނގިގެންތާއެވެ. ހައްލު ހޯދޭނީ މައްސަލައަކީ ކޮބައިކަން އެނގުނަސް، އެއީ މައްސަލަކަން ގަބޫލުކޮށްގެންތާއެވެ. ހަގީގަތުގައި ސަރުކާރު ހިންގާ ފަރާތްތަކަށް އަސްލު މައްސަލައަކީ ކޮބައިކަން މާރަގަޅަށް ވެސް އެގިވަޑައިގަންނަވައެވެ. އެހެންނަމަވެސް ހައްލު ހޯދަން ބޭނުންނުވަނީ އެވެ.

މިކަމުގެ ކޮންމެވެސް ވަރެއްގެ ތަފްސީލެއް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް، އެމަނިކުފާނުގެ މެނިފެސްޓޯ އިފްތިތާހު ކުރުމުގެ ޖަލްސާގައި ދެއްވައިފިއެވެ. ގާސިމް އިބްރާހިމް އަކީ ހޮރައިޒަން ފިޝަރީޒްގެ ނަމުގައި މަސްވެރިކަމުގެ ސިނާއަތުގައި ވިޔަފާރިވެސް ކުރެއްވެވި ފަރާތެކެވެ. ގާސިމް ވިދާޅުވާ ގޮތުންނަމަ، މަސްވެރިކަމުގެ ސިނާއަތަށް އެމަނިކުފާނު ފެއްޓެވި ވިޔަފާރިއަށް 250 މިލިއަން ޑޮލަރު ޚަރަދު ކުރެއްވިއެވެ. ހަމަގައިމުވެސް ގެއްލުމެއް ވާނެ ކަމެއް ނަމަ ނުކުރައްވާނެ ތާއެވެ. ގާސިމް ވިދާޅުވީ، އެވަރުގެ ޚަރަދެއް ކުރެއްވީ އެއްމެ ފުރަތަމަ ވިޔަފާރި ފައްޓަވަން ކުރެއްވި ހަރަދު، އާމްދަނީ އިން ލިބިވަޑައިގަނެ، ކޮންމެވެސް ވަރެއްގެ ފައިދާތަކެއްވެސް ވާތަން ފެނިވަޑައިގަތުމާއެކު، މަސްވެރިކަމުން ރަނގަޅު ނަފާއެއް ލިބޭނެކަމަށް އެމަނިކުފާނު ޖެއްސެވި ހިސާބުތަކުން ފެނިވަޑައިގަތީމައެވެ.

މައްސަލަތަކުގެ ވާހަކައަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވިގޮތުގައި، ހަގީގީ މައްސަލައަކީ ސަރުކާރުން ވިޔަފާރިތެރެއަށް ވަދެގަތުމެވެ.

"އެއްވެސް ވިޔަފާރިއަކަށް ސަރުކާރުން އޭގެ ތެރެއަށް އަތް ބާނައިފިނަމަ، އެ ވިޔަފާރިއެއް އެހާ ހިސާބުން ހަލާކުވީ"

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ކުރީގެ މިނިސްޓަރ އޮފް ފައިނޭންސްގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުކަން ވެސް ކުރެއްވި ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

މިސާލު ދައްކަވަމުން ގާސިމް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މިހާބޮޑަށް ކުރިއަރައިގެން މިދިޔައީ މިހާ ދުވަސްވަންދެން ވެސް ސަރުކާރުން ފަތުރުވެރިކަމުގެ ސިނާއަތުގައި ވިޔަފާރި ނުކުރެއްވީމައެވެ. ތެދެކެވެ. އެއީ ފެންނާން އޮތް ހަގީގަތެވެ. މިކަމުގެ ތަފްސީލަށް ކޮންމެވެސް ވަރަކަށް ބަލާލަމާ ހިންގަވާށެވެ. ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވަން ކުންފުންޏެއް އުފައްދައި، އެކުންފުންޏަށް މަސް ގަންނަން ފެށުމަކީ މަސްވެރިކަމުގެ ސިނާއަތަށް ލިބިގެންދިޔަ ގެއްލުމެއް ކަމަށް ތަޖުރިބާކާރުން އެއްބަސްވެލައްވަ އެވެ. ސަބަބަކީ ކުންފުނީގެ ފައިދާއަށް ވުރެ ބޮޑަށް އަމިއްލަ މަންފާއަށް މަސައްކަތް ކުރުން އެއީ ސަރުކާރުގެ އެކި މަގާމްތަކުގައި ތިއްބަވާ ބޭފުޅުންގެ އާއްމުކަމެއް ކަމަށް ފެންނާން އޮތަތީއެވެ.

ރާއްޖޭގެ މަސްވެރިކަން ކުރިއަރުވަން ސަރުކާރުތަކުން އުފެއްދި ކުންފުންޏަށްވެސް ދިމާވީ މިފަދަ ހާލަތެކެވެ. އެކި ދުވަސްވަރު މަތިން މިފްކޯ ހިންގުމާއި ހަވާލުވެ ވަޑައިގަތް ވެރިން، މިފްކޯ ބޭނުން ކުރެއްވީ އެބޭފުޅުންގެ އަމިއްލަ ފައިދާއަށެވެ. އެކަން އެސްޓީއޯގެ ކުރީގެ މެނޭޖިންގް ޑައިރެކްޓަރު ހުސައިން އަމްރު ރަޝާދު، އެސްޓީއޯގެ ދަށަށް މިފްކޯ ގެންނެވުމަށް ފަހު މީޑީއާތަކަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވިއެވެ.

މިހާތަނަށް އެނގިފައިވާ ބައެއް މައުލޫމާތު ތަކަށް ބަލާއިރު، މިފްކޯއަށް ގަނެ، ރާއްޖެއިން ބޭރަށް ފޮނުވާ މަހުގެ އަދަދު ރާއްޖެއިން ބޭރުކުރާ އަދަދާއި އެކްސްޕޯޓް ކުރާ ގައުމަށް އެތެރެކުރާ އަދަދުގެ ތަފާތު ހުރުން ފަދަ، އަދި މިފްކޯ އިން ރާއްޖެއިން ބޭރަށް އެތެރެކުރާ މަސް ނުއަގުގައި، ވިއްކާލާ ވާހަކަ ފަދަ އެތަކެއް ވާހަކަތަކެއް ކަމުގެ ހަގީގަތް އެގިލައްވާ ބޭފުޅުން ހާމަކޮށްފައިވެއެވެ. އަދި ތައިލެންޑް ފަދަ ގައުމުތަކުން "މޯލްޑިވްސް ޓޫނާ" ގެ ލޭބަލްގައި އެމެރިކާ ފަދަ ގައުމުތަކަށް މަސް އެކްސްޕޯޓް ކުރާ ވާހަކަވެސް ދައްކަވާފައި އެބަހުއްޓެވެ.

ސުވާލަކީ ޒަމާނެއްގަ ދިވެހިންގެ ލޭނާރުކަމަށް ބެލެވުނު މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން ނުވަތަ މިހާރު ހުރި މައްސަލަތައް ހައްލުކުރެވޭނެ ފަދަ ގާބިލްކަން އެއްވެސް ސަރުކާރެއްގަ ނުވަތަ ވެރިކަމަށް ވަޑައިގަންނަވަން ފައިވިއްދާފަ ތިބި ފަރާތްތަކަށް އެބަހުރި ތޯ އެވެ. އެހެންކަމަށް ވަނީ ނަމަ، ތަފްސީލްކޮށް އެސިނާއަތުގައި ހުރި މައްސަލަތައް ކިޔައިދެއްވާ އެކަމުގެ ހައްލު ވެސް ތަފްސީލުކޮށް ކިޔައިދެއްވާށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް