ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކެމްޕޭނަށް ރަށްރަށަށް ވަޑައިގެންނެވުމުން ވެއްޔާ ގާ އުކަން ފުރުސަތު ނުދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.
ގއ.ވިލިގިލީގައި އެމްޑީޕީ ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ކޯލިޝަންގެ އެއްޕާޓުނަރު ކަމަށްވާ އަދާލަތު ޕާޓީގެ ރައީސްކަން ވެސް ކުރައްވާ އިމްރާން ވިދާޅުވީ ރައީސް ވަޑައިގެންނެވުމުން ވެއްޔާ ގަލާއި އުކަން ފުރުސަތު ނުދިނުމަކީ ހަރުކަށިވުން ނޫން ކަމަށެވެ. އެއީ ދައުލަތެއްގެ ހަމަ ހިފެހެއްޓުން ކަމަށާއި އެއީ ދޭން ޖެހޭ ފުރުސަތެއް ނޫން ކަމަށް އިމްރާން ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ ކެމްޕޭނަށް ބައެއް ރަށްރަށުން އިދިކޮޅު ފަރާތްތަކުން ހުރަސް އަޅަން މަސައްކަތް ކުރާތީ އިމްރާން ވަނީ އިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވެފައެވެ. އަދި އިންތިޒާމު ކުރެވިގެން ރައީސް ސޯލިހު ގެންދަވާ ގޮތަށް އިދިކޮޅުން ވެސް ކެމްޕޭން ހަރަކާތްތައް ގެންދަން އިމްރާން ގޮވާލެއްވިއެވެ.
އިމްރާން ވަނީ އިދިކޮޅު އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭނަށް ހުރަސް ނާޅުއްވާނެ ކަމަށާއި އެފަރާތްތަކަށް އެ ފުރުސަތު ފުޅާކޮށް ދެއްވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
ރައީސް ސޯލިހު މިއަދު ވިލިގިއްޔަށް ވަޑައިގެންނެވުމުން ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ހަމަނުޖެހުން އުފައްދަން މަސައްކަތްކޮށްފައެވެ. އެ ހަމަނުޖެހުންތަކާއި ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ އިރު ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ވެސް ގެންގޮސްފައިވެއެވެ.