މިއީ 68 އަހަރުގެ އަބްދުލް ބާރީ އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެވެ. ބާރީ އަކީ ކަނބުރުވެރިއެކެވެ. ބާރީ މިކުރާ މަސައްކަތަކީ މިހާރު ރާއްޖެއިން ނެތެމުންދާ މަސައްކަތެކެވެ.
ނަމަވެސް ބާރީ މި މަސައްކަތް ކުރަނީ އުފަލުންނެވެ. ކުރާ ހިތުންނެވެ. އަދިވެސް ބާރީ ހުރީ އެކަން ހުއްޓާލާކަށް ނޫން ކަމަށް ބާރީ ބުންޏެވެ.
ބާރީ ބުނީ ބާރީގެ ކާފައާއި، ބައްޕަ، އަދި މުޅި އާއިލާގެ އެންމެނަކީ ވެސް ކަނބުރުވެރީން ކަމަށެވެ. ބާރީ ބުނީ އޭނާ ކުޑައިރުން ފެށިގެން ވެސް ކަނބުރުވެރި ކަމަށް، ޝައުގުވެރިކަން ހުރި ކަމަށާއި، އޭރުއްސުރެ ވެސް އެ މަސައްކަތުގެ ތެރެއަށް ވަދެވިއްޖެ ކަމަށެވެ.
އުމުރުން 10 އަހަރުގައި ފެއްޓި އެ މަސައްކަތުގެ ތެރެއަށް ބާރީ އަށް ވަދެވުނީ އޭނާގެ ބައްޕަ އުސްމާން މުހައްމަދަކީ އެކަން ކުރާ މީހަކަށްވާތީ ކަމަށާއި، ކަނބުރުވެރިކަމާއި އަތްކަން ކުރުމާއި، ތިލޭރު ކަމަކީ އެ ޒަމާނުގައި އާންމު ކަންތައްތައްތައް ކަމަށެވެ.
ހުވަދު އަތޮޅުގައިވެސް އެކަންތައްތައް ކުރަމުން އައެވެ. ނަމަވެސް މިހާރު ބާރީ އެ މަސައްކަތް ކުރާ ގޮތަށް އެ މަސައްކަތް ކުރާ މީހުންނެއް ނުތިބެއެވެ.
އަދިވެސް ބާރީ އެ މަސަކަތް ހުއްޓާލާކަށް ބޭނުމެއް ނުވެއެވެ. ބާރީ އެމަސައްތުގެ ތެރެއަށް އުމުރުން 10 އަހރުގައި ވަދެވުނު ގޮތަށް، މަސައްކަތް ހުއްޓާ ނުލާ ކުރަމުންދާއިރު އޭނާގެ އުމުރުން މިހާރު 68 އަހަރެވެ. ބާރީ ކަނބުރުވެރިކަމުގައި މިހާރު ބޭނުންކުރަނީ ޒަމާނީ ވަސީލަތްތަކެވެ.
އެ މަސައްކަތް ފުޅަކޮށް އިތުރަށް އޭނާ ވަނީ ފަށާފައެވެ. އަމިއްލަ އުފެއްދުންވެސް ބޭނުން ކޮށްގެނެވެ. މިހާރު ބާރީ ބޭނުން ކުރަނީ ކަރަންޓް މަރުތޭލެކެވެ. ގިރުބާވެސް ކަރަންޓުންނެވެ.
އުމުރުން ދުވަސްވެ މިހާރު އަބަދު ބަލިވެ އުޅެންޖެހުމުން އަމިއްލަ އަށް މަރުތޭލުން ނުތެޅޭތީ ކަރަންޓުން ތެޅޭ މަރުތޭލެއް ތައްޔާރު ކުރީ ކަމަށް ބާރި ބުންނެވެ.
ޒަމާނާއި އެއްގޮތަށް ބާރީގެ ކަނބުރުވެރިކަން ވެސް އޭނާ ވަނީ ބަނދަލު ކޮށްފައެވެ. މިއީ އުކާލެވޭ ދަނގަނޑު ފަދަ މައުދަންތައް އަލުން ބޭނުން ކޮށްގެން ބާރީ ކުރާ މަސައްކަތެވެ.
ހާއްސަ މި މަސައްކަތުން ބާރީ ތައްޔާރު ކުރާ ތަކެތީގައި ހީވަނީ ހުދު ރިހިން ވިރުވާ އަޅާފައިވާ ތަކެތިހެންނެވެ. އެހާވެސް ރީތިވެފަ އޮމާނެވެ. ނަމަވެސް އެއީ އެލްމެނިއަމްގެ މޮޅު ކަމާއި، ބާރީގެ ހުނަރުވެރި ކަމެވެ.
ބާރީ މެދު ނުކެނޑި އެ މަސައްކަތް ކުރާތާ މިހާރު ވަނީ 58 އަހަރުވެފައެވެ. ނަމަވެސް އަދިވެސް އޭނާ އެންމެ އެދެވޭ ގޮތަށް އެކަންތައް ނުކުރެވޭ ކަމަށް ބާރީ ބުންޏެވެ. ބާރީ ބޭނުންވަނީ އަނބަދުވެސް މަސައްކަތް ފުޅާކޮށް ތަރައްގީ ކުރުމަށެވެ.
ނަމަވެސް އޭނާ އަށް އެކަމަށް އެއްބާރުލުން ބެނުންވާ ވަރަށް ނުލިބޭ ކަމަށް ބާރީ ބުންޏެވެ.
ރޯދަމަސް ފަދަ ދުވަސްތަކާއި ގާތްވާއިރު، ހާއްސަކޮށް ފޯއްވަޅިއާއި، ވަޅި، ތާސް ފަދަ އެއްޗިއްސަށް ބާރު ބޮޑުވާ ކަމަށްވެސް ބާރީ ބުންޏެވެ.
ކަނބުރުވެރި ކަމަކީ ބުރަ މަސައްކަތެއް ކަމަށާއި، ނަމަވެސް ހިތްވަރާއި އެކު ކޮށްފިނަމަ އެއީ ރީތި އަނބުރުވެރި މަސައްކަތެއް ކަމަށް ބާރީ ބުންޏެވެ. ނަމަވެސް މިހާރުތިބޭ ކުދިން މި ކަމެއް ކުރާކަށް ބޭނުން ނުވާ ކަމަށެވެ.
ބާރީގެ ޅަ ދުވަހުން ފެށިގެން ކުރަމުން އައި މަސައްކަތުން އަމިއްލަ ދިރިއުޅުން ބެލެހެއްޓީ، އެ މަސައްކަތުން ލިބޭ ލާރިން ކަމަށްވެސް ބާރީ ބުންޏެވެ.
އޭގެ އިރުކޮޅެއްފަހުން ފަސްގަނޑު ރޫޅާ ބަލާލާފައި އެއަށް ފެންއަޅާ، އަޅަން ދުއްވާފައިހުރި ތާސް ނުވަތަ ހުނިގޮނޑިވިޔަސް އެ އެއްޗެއް ނަގަނީ ކަމަށެވެ.
މިއީ އެ މަސައްކަތް ކުރާ ގޮތް ކަމަށާއި، މިއީ އަސްލު ކުރަން ފަށައިފި ނަމަ އުނދަގޫ މަސައްކަތެއްވެސް ނޫން ކަމަށްވެސް ބާރީ ބުންނެވެ.
ބާރީ ތައްޔާރު ކުރަނީ ހުނިގޮނޑި، ތާސް، ފުރޯ، ކުރީ ޒަމާނުގައި ބޭނުންކުރާ އިސްތިރި، ވަޅި، ހުނިގޮނޑީގެ ތިލަަ، ރޮށި ދަމާ އެލްމެނިއަމް ގޮނޑި، އަދި ދޯނީގައި އަޅާ ނަގިއްޔާއި، ބައްޕޮޅި އާއި، ގުޅިވެސް ބާރީ ހަނދާ ތައްޔާރު ކުރެއެވެ.
ބާރީ އަކީ ލިޔެލާވެސް ޖަހާ މީހެކެއެވެ. ނަމަވެސް އޭނާގެ މައިގަނޑު މަސައްކަތަކީ ކަނބުރުވެރިކަމެވެ.
ބާރީގެ ކުދިންވެސް ބޮޑެތި ވެއްޖެ ކަމަށާއި، އޭނާގެ ކުދިންވެސް މިކަމުގެ ތެރެއަށް ވައްދަން ވަރަށް މަސައްކަތް ކުރާ ކަމަށެވެ. އަދި އަވައްޓެރި ކުދިންގޮވައިގެންވެސް އެކަންތައް ކޮށްފައިވާ ކަމަށް ބާރީ ބުންޏެވެ. ދެ ފިރިހެން ކުދިން ބާރީގެ ތިބޭއިރު އެއްކުއްޖަކު ވަރަށް ބޮޑަށް މަސައްކަތް ދަސް ކޮށްފައިވާ ކަމަށެވެ.
މިހާރުވެސް ހަވާލުވާ މަސައްކަތް އަމިއްލަ އަށް ނަގައިގެން ކުރެވޭވަރަށް ދަސްކޮށްދީފައިވާ ކަމަށްވެސް ބާރީ ބުންޏެވެ.
މައްސަކަތް ދަސްކުރަން ބޭނުންވާ ކުދިންނަށްވެސް ދަސްކުރަން ބޭނުންވާ ކަމަށެވެ. ބާރީ ބުނީ އޭނާގެ މަސައްކަތް ރާއްޖޭގެ އެކި ސަރަހައްދަށް ފުޅާވެފައިވާ ކަމަށެވެ. އެގޮތުން އައްޑޫ އާއި ހުވަދު އަތޮޅުގެ އެކި ރަށްރަށުގެ އިތުރުން ބ. އަތޮޅުގެ އެކި ރަށްރަށުންވެސް އޭނާގެ މަސައްކަތް ފެނި އެތަކެތި ގަނެ ހަދާފައިވާ ކަމަށެވެ.
ބާރީގެ މި މަސައްކަތުގައިވެސް ބާރީ ކަންބޮޑުވާ ކަންތައްތަކެއް އެބަ ހުއްޓެވެ. މިއީ ރާއްޖެއިން އުވިގެން ގޮސްދާނެ މަސައްކަތެއް ކަމަށާއި، ޝައުގު ހުންނަ ކުދިން މަދުކަމުންނެވެ.
ބާރީގެ މި މަސައްކަތަކީ ރާއްޖޭގައި މީގެ ފުޅާކޮށް މީހުން ކުރަމުން އައި މަސައްކަތެކެވެ. މިފަދަމީހުން އެކި ހިސާބުތަކުގައި ތިއްބެވެ. ނަމަވެސް މިހާރު މި ކަންތައް ދަނީ އުވެމުންނެވެ. ގައުމުން ބޭރުން ގެންނަ ފޯއްވަޅި އާއި ވަޅި އާއި، ރޮށިދަމާގޮނޑީގެ އިތުރުން ހުނިގޮނޑި ވެސް ބާރީ ހަދަނީ ހުދުރިހި ކުލައިން ވިރުވާ ނަގައިގެންނެވެ.
ބާރީ އެދެނީ ގައުމަުން ބޭރަށް ބަރޯސާނުވެ އަމިއްލަ ގައުމުން ތިބި ޒުވާނުން ވެސް މިފަދަ ކަންތައްތަކަށް އަހުލުވެރި ކޮށްދިނުމަށެވެ. ބާރީ ހުރީ ބަޔަކު ވެއްޖެނަމަ އެއްބާރުލުން ދޭށެވެ.
ކަނބުރުވެރިކަމާއި އަތްކަން ކުރުމާއި، ތިލޭރު ކަމާއި، ގަލުވަޑާމަކީ ވެސް ބާރީގެ އާއިލާގެ އެތައްބަޔަކު ކުރަމުން އައި މަސައްކަތެވެ.
ނަމަވެސް މިހާރު އެމީހުން މަރުވެ އެމަސައްކަތް ވެސް އިތުރަށްވަނީ އާލާ ނުކުރެވިއެވެ.
ފެންނަންހުރީ ކޮށްފައިވާ މަސައްކަތުގެ ބައެކެވެ. އިވެނީ ތުންތުންމަތިން ދައްކާ ވާހަކައެވެ. ހަގީގަތަކީ މި ފަދަ ހުނަރުވެރިންގެ ވާހަކަތައް ތިލާވާންޖެހޭ ކަމެވެ.
އެފަދަ ފަރާތްތަކަށް ހައްގުވާ އެވޯޑްވެސް ދެވެން ޖެހޭކަމެވެ. 58 އަހަރުގެ ދިގު މުއްދަތަކަށް ބާރީ އެވަނީ މެދު ނުކެނޑި ކަނބުރުވެރިކަމުން ނަފާ ހޯދާ އެތައްބަޔަށް ހިދުމަތެއް ފޯރު ކޮށްދީފައެވެ.