ފޮރިން މިނިސްޓްރީން މިރޭ ބުނީ ކޮވިޑް-19 އާ ގުޅިގެން މެލޭޝިއާއިން އަދި މެލޭޝިއާ މަގުން ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފައިވާ ކަމަށެވެ.
ނަމަވެސް ދިވެހި ރައްޔިތުންނާއި ދިވެހި ރައްޔިތުންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް ރާއްޖެއަށް އައުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.
އެކަމަކު ރާއްޖެ އައުމަށް ފަހު ހުރިހާ ފަރާތްތައް ވެސް 14 ދުވަހަށް ކަރަންޓީން ފެސިލިޓީއަކަށް ދާން ޖެހޭނެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ މާޗް 19 އިން ފެށިގެން އިނގިރޭސިވިލާތުން ވެސް މީހުން ރާއްޖެ އައުން މަނާ ވާނެ ކަމަށެވެ. އެކަމަކު އޭގެ ތެރޭގައި ދިވެހިންނާއި ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީން ނުހިމެނެ އެވެ.
ނަމަވެސް އެ މީހުން ވެސް ރާއްޖެ އެތެރެވުމަށް ފަހު 14 ދުވަހު ކަރަންޓީނުގައި މަޑު ކުރަން ޖެހޭނެ އެވެ.
ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފައި ވަނީ އެގައުމުގައި ތިބި ދިވެހިން އިނގިރޭސި ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށެވެ.
އަދި އިނގިރޭސިވިލާތުގައި ހިންނަ ރާއްޖޭގެ ހައި ކޮމިޝަނުގައި ހުރިހާ އެންމެން ރަޖިސްޓްރީ ކުރުމަށް ވެސް ފޮރިން މިނިސްޓްރީން އެދިފައި ވެއެވެ.
ބަންގްލަދޭޝްއާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ މިއަދުން ފެށިގެން އެގައުމުން އޮން-އެރައިވަލް ވިސާ ދިނުން ހުއްޓާލާފައިވާ ކަމަށެވެ. އަދި ދެގައުމުގެ މެދުގައި ދަތުރުތައް ވަނީ ހުއްޓާލާފަ އެވެ.
އެގައުމުން އަންނަ ދިވެހިން ވެސް 14 ދުވަހަށް ކަރަންޓީނަށް ދާން ޖެހޭއިރު، އެގައުމުގައި ތިބި ދިވެހިން ބަންގްލަދޭޝް ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި ވެއެވެ.
ފޮރިން މިނިސްޓްރީން ބުނީ އެގައުމުގައި ތިބި ދިވެހިން ރަޖިސްޓްރީ ވާން ޖެހެނީ އެގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގައި ކަމަށެވެ.