ads
ރައީސް މިއަދު ކެނދިކުޅުދޫއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ---ފޮޓޯ:އެމްޑީއޭ
ވައުދުތައް ފުއްދަން ފައިސާ ލިބޭނެކަން ޔަގީން: ރައީސް ސޯލިހު
ކުރިއަށް އޮތް ރިޔާސީ ދައުރަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގަންނަވަމުން ގެންދަވާ ހުރިހާ ވައުދެއް ފުއްދުމަށް ބޭނުންވާ ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
Advertisement

ނ. އަތޮޅަސް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި އެ އަތޮޅު ކެނދިކުޅުދޫގައި ހުންނަވައިގެން ރައީސް ސޯލިހު ވިދާޅުވީ ކެމްޕޭން ފެށި ފަހުން ވެސް ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކާއި ބައްދަލުވެ ވާހަކަ ދެކެވިފައިވާ ކަމަށެވެ. 

"ކެމްޕޭނަށް ނުކުތް ފަހުން ވެސް ބައެއް މީހުންނާ ދިމާވެގެން މަޝްވަރާކޮށް ވާހަކަ ދައްކާފައި އެބަހުރި. އަހާފަ އެބަހުރި ކޮން ބައެއްހޭ ކޯލިޝަންގައި ތިބީ. ސިޔާމްގެ ވާހަކަ ހަމަ ބުނާ އިރަށް އެއަށް އެމީހުން އާން ބަސް ބުނޭ. ތީ ހަމަ ވަރަށް ރަނގަޅު ޑިސިޝަން އެކޭ. ކުރިއަށް ދާށޭ، ކުރިއަށް އޮތް ތަނުގައި ތިމަންނަ މެން ދޭން ޖެހޭ ފައިސާ ދިނުމުގައި އެއްވެސް ދައްޗެއް ނޯންނާނެޔޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު މިހާރު ވެވަޑައިގަންނަވަމުން ގެންދަވާ ހުރިހާ ވައުދެއް ފުއްދުމަށް ބޭނުންވާ ފައިސާ ބޭރުގެ ސަރުކާރުތަކުންނާއި ބޭންކުތަކުން ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. 

ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދާއި، ރާއްޖޭގެ ހިންގުން ވެސް އަދި ރައްޔިތުން އެދޭ އެދުން ވެސް އެންމެ ރަނގަޅަށް އެނގޭނެ މީހުން ތިބީ އެމަނިކުފާނުގެ ކޯލިޝަންގައި ކަމަށެވެ. 

ރައީސް ސޯލިހުވަނީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު އެމަނިކުފާނާއެކު ހުންނެވުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ވިދާޅުވެފައެވެ. 

އެމްޑީޕީ ކޯލިޝަންގައި އޮތް އަދާލަތަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދިވެހިންނަށް އިސްލާމީ ކަންތައްތައް ސައްހަ އަގީދާގެ މަތީގައި ގެނެސްދީ ދެމެހެއްޓޭނީ ވެސް އަދި ދިވެހިން ބޭނުންވާ އިގުތިސާދީ ބޮޑެތި ބަދަލުތައް ވެސް ގެނެސްދެވޭނީ އެމްޑީޕީ ކޯލިޝަނަށް ކަމަށެވެ. 

ކެނދިކުޅުދޫ ހޮސްޕިޓަލުގެ ބިންގާ މިއަދު އަޅާފައިވާ އިރު ރައީސް ސޯލިހުވަނީ ކުރިއަށް އޮތް ދައުރަށް ކެނދިކުޅުދޫއަށް ތިން ވައުދެއް ވެވަޑައިގެންފައެވެ. އެއީ ކެނދިކުޅުދޫ އަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް 300 ހައުސިން ޔުނިޓާއި، ކެނދިކުޅުދޫ ގިރާ ސަރަހައްދު ހިމާޔަތްކޮށްދިނުމާއި، ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅައި ދިނުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް