އެ ޕާޓީން ބުނީ އިލްޔާސް މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭނުގައި މިއަދު ގއ. ކޮލަމާފުށްޓަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައިކަމަށެވެ.
އެގޮތުން ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް އިތުރަށް ވިދާޅުވީ މި ސަރުކާރުން އިންތިހާއަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށާއި މިއީ ދިވެހިން ގެންނަން ބޭނުންވި މިނިވަންކަން ނޫން ކަމަށެވެ. އަދި، އެމަނިކުފާނުގެ ވެރިކަމެއްގައި އެކަން ބަދަލުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަދި، މިއަދު ވަޒީފާތަކުގައި ތިބި ޒުވާނުންނަކީ ގައުމުގެ ކުރިމަގު ކަމަށާއި ޑިމޮކްރެޓުން މި އަންނަނީ އެ ކުދިން ގޮވައިގެން ގައުމު ކުރިއެރުވުމަށް ކަމަށްވެސް ކެންޑިޑޭޓު ވިދާޅުވި އެވެ.
މީގެ އިތުރުން ކޮލަމާފުށްޓަކީ މަސްވެރި ރަށެއްކަން ފާހަގަކުރައްވާ އިލްޔާސް ވަނީ މީގެ އިއްޔެ ގެމަނަފުށީގައި ހުންނަވާ، ގައުމީ ޕެންޝަން ސްކީމުގައި މަސްވެރިން ހިމަނާ އެ ސްކީމުން އެހެން ފަރާތްތަކަށްވެސް ލިބޭ އިނާޔަތްތައް ލިބޭނެ ގޮތް އެމަނިކުފާނުގެ ވެރިކަމެއްގައި ކޮށްދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދު ތަކުރާރުކުރައްވާފަ އެވެ.
ޑިމޮކްރެޓްސް އަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ، ހުވަދޫ އަތޮޅަށް ފަތުރުވެރިން ގެނައުމަށް އޮތް އެންމެ ބޮޑު ހުރަސް ކަމުގައި އޮތް ފްލައިޓު ޓިކެޓުގެ އަގު އަންނަ ޖެނުއަރީ މަހުން ފެށިގެން ފަތުރުވެރިންނަށް ހެޔޮކޮށްދީ ދިވެހިންނާއި އެއް އަގަކަށް ތިރިކުރާނެ ކަމަށް ކެންޑިޑޭޓު ވިދާޅުވި އެވެ. އަދި، އެ ހުވަދޫގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް އެ ސަރަހައްދުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށްވެސް ކެންޑިޑޭޓު ވައުދުވެވަޑައިގަތްކަމަށް ދަ ޑިމޮކްރެޓްސް އިން މިއަދު ބުންޏެވެ.