އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ނ. އަތޮޅުގެ ރަށްތަކަށް ހޮނިހިރު ދުވަހު ފެށި ކެމްޕެއިން ދަތުރުގައި މިއަދު ނ. މާފަރަށް ވަޑަައިގެން ގުޅިފައިވާ ޕާޓީތަކަށް ތާއިދުކުރާ ފަރާތްތަކާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މާފަރު އެއާޕޯޓަކީ މުޅި ނ. އަތޮޅުގެ ތަރައްގީ އާ ގުޅިފައިވާ އެއާޕޯޓެއް ކަމަށެވެ. މާފަރު އެއާޕޯޓު އެޅި ޔޫއޭއީގެ ޝާހީ އާއިލާ އާ ގުޅުން އޮންނަ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިން ބޭނުންވީ އެއާޕޯޓުން ދެމުން އަންނަ ހިދުމަތްތައް މިހާރަށްވުރެ ފުޅާކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވެފައިވަނީ އެގޮތުން ކުރެވުނު މަޝްވަރާތަކަށްފަހު، އެއާޕޯޓުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެ އެއާޕޯޓު ތަރައްގީ ކުރެވުމާ އެކު ވާނީ ރާއްޖޭގައި އޮތް އެންމެ ދިގު ރަންވޭ އޮންނަ އެއާޕޯޓަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އޭޑީއެފްޑީގެ ތަސައްވުރެއް އެބައޮތް ކަމަށާއި އެ ކަމާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއަށް މާފަރު ކައިރިން ބައެއް ރަށްތައް ދޫކޮށްފައިވާ ކަމުގައެވެ. ރައީސް ވިދާޅުވީ ވަރަށް އަވަހަށް އެ މަސައްކަތްތައް ފަށާނެ ކަމަށާއި މަޝްރޫއުގެ މަސައްކަތް ނިންމާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށެވެ.
މާފަރު އެއާޕޯޓު ތަރައްގީ ކުރެވުމާ އެކު، ސީދާ ޔޫރަޕުން ފްލައިޓް ޖެއްސޭވަރު ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ޔޫއޭއީގެ އެއާލައިނެއްގެ ހަބެއްގެ ގޮތުގައި މާފަރު އެއާޕޯޓު ބޭނުން ކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަަމުގައެވެ. އެހެންނަމަވެސް، އެކަމާ ގުޅުންހުރި ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ.
"ކަން ނިމިގެންދާއިރު މި ތަން ވާނެ އެ ބޭފުޅުންގެ ހަބެއްގެ ގޮތުގައި،" - ރައީސް ސޯލިހު
ރައީސް ވިދާޅުވީ އެ އެއާޕޯޓާ އެކު މާފަރަށް ލިބޭނީ މާ ބޮޑު ކުރިއެރުމެއް ކަމަށާއި ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ގިނަ ބަޔަކަށް ރަށުގައި ދިރިއުޅެވޭނެ ގޮތް ހަމަޖެހޭނެ ކަމަށެވެ. އެ ފުރުސަތުތައް ފަހިވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.