ads
އޮގަސްޓް 12،13 ގެ ބައިވެރިން ޖުމްހޫރީ މައިދާނުގައި---
ދިވެހި ޑިމޮކްރަސީގެ "ކަޅު ހުކުރު"
2004 ވަނައަހަރުގެ އޯގަސްޓް މަހުގެ 13 ވަނަދުވަހަކީ ދިވެހިން މިހާރު ބޭނުން ކުރަމުންދާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ލޯ ހުޅުވައިލެވުނު ދުވަހޭ ބުނެވިދާނެއެވެ. އެއީ ބިރުފަހަނަޅައި ގޮސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހޯދައިގަތް ދުވަހޭވެސް ބުނެވިދާނެއެވެ. އެދުވަހުގެ މަތިން ދިވެހިން ހަނދާން ކުރަނީ، ސުލްހަވެރިކަމާއެކު ބަޔަކު އެއްވެ ޚިޔާލުފާޅުކުރަމުންދަނިކޮށް، ނޭޝަނަލް ސެކިއުރިޓީ ފޯސަސް (އެން.އެސް.އެސް) އިން ނިކުމެ، އަނިޔާވެރިކަމާއެކު އެއްވުން ރޫޅާލުމުންނެވެ. އަދި އޭގެ ފަހުން، އެ އެއްވުން ރޫޅާލުމާއެކު، އައި ރުޅިވެރިކަމުގައި މާލެ ތެރޭގައި ހިނގައި ދިޔަ ހަމަނުޖެހުންތަކުގެ ސަބަބުންނެވެ.

އޯގަސްޓް 12،13 އަކީ އެއްވެސް ވަރަކަށް ރޭވިގެން ނުވަތަ ޕްލޭން ކުރެވިގެން ކުރިއަށް ގެންދެވުނު އެއްވުމެއް ނޫނެވެ. އެއީ އޯގަސްޓް މަހުގެ 12 ވަނަ ދުވަހު، އެންއެސްއެސްގެ ހައްޔަރަށް ގެންދެވުނު ފަރާތެއްގެ ދިފާއުގައި ނިކުތްބަޔަކު، ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ހައްޔަރުން ދޫކޮށްލުމަށް ގޮވާލުމާއެކު، އޭރުގެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުން މައުމޫން އަބްދުލް ގައްޔޫމް އިސްތިއުފާ ދިނުމަށް ގޮވާލުމާއެކު، އެގޮވާލުމުގައި ގިނަބަޔަކު ބައިވެރިވާން ފެށިއެވެ. އޯގަސްޓް މަހުގެ 12 ވަނަ ދުވަހުގެ ހަވީރުން ފެށިގެން ކުރިއަށް ގެންދިޔަ މި އެއްވުން 22 ގަޑިރިއަށް ދެމިގެން ދިޔަ އެވެ. އަދި ރައީސް މައުމޫނުގެ އިސްތިއުފާއަށް ގޮވާ އެތަކެއް ހާސް ބަޔަކު ޖުމްހޫރީ މައިދާނަށް އެއްވުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ 1978 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް ދެވަނަފަހަރަށް ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރެވިގެން ދިއުމެވެ. އަދި އެންއެސްއެސްގެ ފަރާތުން އެ އެއްވުން ރޫޅާލުމަށް ބާރުގެ ބޭނުންކޮށް، އެތަކެއް ބަޔަކު ހައްޔަރު ކުރެވި، އަދި އެތަކެއް ބަޔަކަށް ބޮޑެތި އަނިޔާތަކެއް ލިބިގެން ދިޔައެވެ.

2004 ވަނައަހަރުގެ އޯގަސްޓްމަހުގެ 12 ވަނަދުވަހު، އެންއެސްއެސްގެ ދަށުން ހިންގަމުން ދިޔަ ފުލުސް އޮފީހަށް މުހައްމަދު ޔޫސުފް ހާޒިރުކުރެވިގެންދިޔުމާއެކު، އޭރުވެސް ސިއްރިއްޔާތުގަ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ގޮވާލަމުންދިޔަ ފަރާތްތަކަކުން، ޖުމްހޫރީ މައިދާނަށް ދިޔައީ، މުހައްމަދު ޔޫސުފް ފުލުސް އޮފީހަށް ހާޒިރުކުރެވުނީ ކީއްވެގެންތޯއާއި، އެކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމުގެ ބޭނުމުގައިއެވެ. އަދި އެއާއެކު، އެބޭފުޅުންގެ ފަހަތުން އެހެން މީހުންތައް އެބޭފުޅުންނާއި ގުޅި، މީހުންތައް ގިނަވާން ފެށުމުން، މުހައްމަދު ޔޫސުފް މިނިވަންކުރުމަށް ގޮވާލަން ފެށިއެވެ. އަދި މިގޮވާލުމުގެ އަޑު އިވި، ވާގޮތެއް ބެލުމަށާއި، ސިޔާސީ ހައްޔަރީން މިނިވަންކުރުމަށް އަޑުއިއްވާލުމަށް ފުރަސަތެއް ލިބުނުކަމަށް ބަލައި، ގިނަބަޔަކު މަދު ހިދުކޮޅެއްގެ ތެރޭގައި އެސަރަހައްދަށް ޖަމާވާން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން ހަމައެދުވަހު މާގިނަ އިރުތަކެއްނުވެ، މުހައްމަދު ޔޫސުފް ދޫކޮށްލެވުނެވެ. އެހެންނަމަވެސް، އެއްވެފައިވާ މީހުންތައް ގިނަވުމާއި، އަދި ރައްޔިތުންގެ ޑިމާންޑްތަކަށް ކޮންމެވެސް ވަރަކަށް އަޑުއެހުމަށް ސަރުކާރަށް މަޖުބޫރުވެއްޖެކަމަށް، އެސަރަހައްދަށް އެއްވެ ތިބި މީހުންނަށް ގަބޫލުވުމާއެކު، އިތުރު ސިޔާސީ ހައްޔަރީންވެސް މިނިވަންކުރުމަށް ގޮވާލާން ފެށިއެވެ. މީގެ ތެރޭގައި ނައުޝާދު ވަހީދާއި، އަހުމަދު ދީދީ އާއި، މުހައްމަދު ޒަކީ ނުވަތަ ދާތޯ މުހައްމަދު ޒަކީ އާއި ފާތިމަތު ނިސްރީން ވަގުތުން ވަގުތުން ދޫކޮށްލުމަށް ގޮވާލަންފެށިއެވެ. އަދި އެބޭފުޅުން ހައްޔަރުކޮށްފައި ތިބީ އެއްވެސް އިންސާފަކުން ނޫން ކަމަށާއި، އެއީ ސިޔާސީ ހައްޔަރީން ކަމަށްވެސް ބުނަމުން ދިޔައެވެ. ޖުމްހޫރީ މައިދާނަށް އޯގަސްޓްމަހުގެ 12 ވަނަދުވަހުގެ ހަވީރު އެއްވި ފަރާތްތައް، އޯގަސްޓްމަހުގެ 13 ވަނަދުވަހުގެ ހެނދުނުވީއިރުވެސް ހަމައެތާގައި، ޚިޔާލުފާޅުކުރުމަށް ދެމިތިބުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ، އެކަހަލަ އެއްވުމަކަށް ގޮސް، ޚިޔާލުފާޅުކޮށްލުމަށް ބޭނުންވެފައި ތިބި އެތަކެއް ބަޔަކު، އޯގަސްޓް މަހުގެ 13 ވަނަދުވަހުގެ ހެނދުނު އެ އެއްވުމާއި ގުޅުމެވެ. 

ސަރުކާރުގެ ފަރާތުން ކެބިނެޓް މެމްބަރު އަދި ރައީސް މައުމޫނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ބޭބޭ އިލްޔާސް އިބްރާހީމް، ޖުމްހޫރީ މައިދާނަށް އެއްވެތިބި ރައްޔިތުންނާއި މުޚާތަބް ކުރައްވައި ވާހަކަ ދެއްކެވުމަށް މަސައްކަތް ކުރެއްވިއެވެ. އެހެންނަމަވެސް، އިލްޔާސް އިބްރާހިމްގެ ވާހަކަ އަޑު އަހާކަށް އެއްވެތިބި ފަރާތްތަކުން ބޭނުމެއްނުވިއެވެ. އަދި އެމީހުންގެ ޑިމާންޑްތައް ސަރުކާރުން އައްސަވައި، ސިޔާސީ ހައްޔަރީން ދޫކުރެއްވުމަށް ގޮވާލަމުން ދިޔައެވެ. ސަރުކާރަށް ރައްޔިތުންނާއި ވާހަކަ ދެއްކުން ނާކާމިޔާބުވުމާއި ގުޅިގެން، އެއްވެތިބި ފަރާތްކާއި މުޚާތަބް ކުރައްވައި، ވާހަކަދެއްކެވުމަށް ސަރުކާރުގެ ފަރާތުން އިބްރާހިމް އިސްމާއިލް (އިބްރާ) އަރިހުން އެދިވަޑައިގަތެވެ. ސަބަބަކަށްވީ އޭރު އެއްވެފައި ތިބި ފަރާތްތައް ކުރިއަށްޖެހި، އެންއެސްއެސްގެ ހެޑްކުއާޓާޒް އާއި ކައިރިވެފައިވުމެވެ. އިބްރާ އެއްވެފައި ތިބި ރައްޔިތުންގެ އަރިހުން އެދިވަޑައިގަތީ، އެބޭފުޅުން ކޮންމެވެސް ވަރަކަށް ފަހަތަށް ޖެހިވަޑައިގެން ޖުމްހޫރީ މައިދާނުގައި މަޑުކޮށްލުމަށެވެ. އަދި ރައްޔިތުން ފަހަތަށް ޖައްސުވައި، އެމީހުންގެ ޑިމާންޑްތައް ސަރުކާރަށް އިއްވުމުގައި ދެމިތިބޭނެކަމަށް ވައުދެވެވަޑައިގަތެވެ. މިގޮތުން، އެއްވެތިބި ފަރާތްތަކުގެ ނަމުގައި އިބްރާ ސަރުކާރަށް ގޮވާލެއްވީ، އިސްލާހަށް މަސައްކަތްކުރި ސިޔާސީ ފަރާތްތައް ދޫކޮށްލުމަށާއި، ސަންދާނު މަޖައްލާގެ ލިޔުންތެރިން ދޫކޮށްލުމަށާއި، ނައުޝާދު ވަހީދު ދޫކޮށްލުމަށާއި، އޭރުގެ ރައީސް، ރައީސް މައުމޫނު މަގާމުން އިސްތިއުފާ ދެއްވުމަށާއި، މިނިސްޓަރ އޮފް ޓްރޭޑްގެ މަގާމުން އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިސްތިއުފާ ދެއްވުމަށާއި އަދި މިނިސްޓަރ އޮފް އެޓޯލްސްގެ މަގާމުން އަބްދުﷲ ހަމީދު އިސްތިއުފާ ދެއްވުމަށެވެ.

މިއާއެކު، ހައްޔަރުގައި ތިބި ފަރާތްތައް ދޫކުރެވިގެން ދިޔަތަން ފެނިގެން ދިޔައެވެ. އެފަރާތްތައް ދޫކޮށްލުމާއެކު، ޖުމްހޫރީ މައިދާނުގައި އެއްވެތިބި ފަރާތްތަކާއި ގުޅި، ރައީސް މައުމޫން މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލިއެވެ.

އެހެންނަމަވެސް، އެސަރަހައްދުގައި ފޯރިމަރަމުން ގެންދިޔަ ފުލުހުންގެ އޮފިސަރުން ތަކަކަށް ވަޅިން ހަމަލާ ދެވުމާއި، ހުރަވީ ބިލްޑިންގް ގައި ބަޔަކު ރޯކޮށްލުން ވެގެން ދިޔައީ، އެއްވުން ރޫޅާލުމަށް އެންއެސްއެސް އަށް ލިބުނު ފުރުސަތަކަށެވެ. އަދި އެދުވަހު ހުކުރަށްފަހު، 2:30 ހާއިރު، ކިޔަމަންތެރިކަމާއެކު އެސަރަހައްދު ދޫކޮށްނުލާނަމަ، ބާރުގެ ބޭނުންކޮށްގެން އެއްވުން ރޫޅާލާނެކަމުގެ ފަހުގެ އިންޒާރުވެސް ދިން ތަން ފެނިގެން ދިޔައެވެ. އެހެންނަމަވެސް، އެއްވުމުގެ ބައިވެރިން އެއަށް އިޖާބަ ނުދިނުމުގެ ނަތީޖާއަކަށް ވެގެންދިޔައީ، ބާރުގެ ބޭނުންކޮށް، އެއްވުން ރޫޅާލުމެވެ. މިގޮތުން، ލަކުޑި މުގުރާއި ކަރުނަ ގޭސް ބޭނުންކޮށްގެން އެއްވުން ރޫޅާލުމަށް ކުރި މަސައްކަތުގެ ނަތީޖާއަކަށް ވެގެން ދިޔައީ، އެއްވުމުގެ ބައިވެރިންނާއި އެންއެސްއެސްގެ އޮފިސަރުންނާއި ދެމެދު ބޮޑު ހަމަނުޖެހުމެއް ހިނގާ އެތަކެއް ބަޔަކަށް އަނިޔާ ވުމެވެ. އަދި އެތަކެއް ބަޔަކު އަނެއްކާވެސް ސިޔާސީ ހައްޔަރީންނަށްވެ، އެންއެސްއެސްގެ ބެލުމުގެ ދަށަށް ގެންދެވުމެވެ.

މިއާއެކު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރެވިގެން ދިޔައެވެ. މާލެ އާއި މާލެ ކައިރި ރަށްތަކަށެވެ. އެވަރުން ނިމުނީ އެއް ނޫނެވެ. އިންޓަނެޓާއި އެސްއެމްއެސްގެ ޚިދުމަތްވެސް ހުއްޓުވާލެވިގެން ދިޔައީއެވެ.

ކޮންމެއަކަސް، 2004 ވަނައަހަރުގެ އޯގަސްޓް މަހުގެ 12 އަދި 13 ވަނަދުވަހަކީ، މިއަދު ދިވެހިން މުޒާހިރާތައް ކުރުމަށް މަގުމައްޗަށް ނިކުންނަ ނިކުތުމުގެ ފެށުމެވެ. ބިރުފަހަނަޅާ ދިޔަ ދުވަހެވެ. ޑިމޮކްރަސީއެއް ގެނައުމަށްޓަކައި ދިވެހިންގެ ތެރެއިން ބަޔަކު ފެއްޓެވި ދިގު ދަތުރަށް ނިމުން އަންނާނެކަމުގެ އުއްމީދެއް ލިބިގެން ދިޔަ ދުވަހެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް