ads
މޯލްޑިވިއަންގެ އެއާބަސް ބޯޓެއް: ފުރަތަމަ ފަހަރަށް އިންޑިއާގެ ބެންގަލޫރަށް ޝެޑިއުލް ދަތުރުތައް ފެށުމަށް ވަނީ ނިންމާފައި - ފޮޓޯ:މޯލްޑިވިއަން
މޯލްޑިވިއަނުން އޮކްޓޫބަރު މަހު ބެންގަލޫރަށް ދަތުރުތައް ފަށަނީ
ގައުމީ އެއާލައިން، މޯލްޑިވިއަނުން ފުރަތަމަ ފަހަރަށް އިންޑިއާގެ ބެންގަލޫރަށް ޝެޑިއުލް ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

މޯލްޑިވިއަނުން ބުނީ އަންނަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން ބެންގަލޫރަށް ދަތުރުތައް ކުރަން ފަށާނެ ކަމަށެވެ. ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ބެންގަލޫރަށް ދަތުރުތައް ކުރާނެ ކަމަށް އެ އެއާލައިނުން ބުނެއެވެ.

މޯލްޑިވިއަނުން ބުނެފައިވަނީ ބެންގަލޫރަށް ދަތުރުތައް ފެށުމަށް ނިންމާފައިވަނީ އެ އެއާލައިނުގެ އިންޓަނޭޝަނަލް ރޫޓުތައް އިތުރުކޮށް، އާންމުންނަށް އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށެވެ. ސިއްހީ އަދި ތައުލީމީ ބޭނުންތަކަށް ބެންގަލޫރަށް ގިނަ އަދަދެއްގެ ދިވެހިން އަބަދުވެސް ދަތުރުކޮށް އުޅެއެވެ.

މިއަދުން ފެށިގެން އެ އެއާލައިނުން ބެންގަލޫރަށް ދާން ބޭނުންވާ ފަރާތްތަކަށް ޓިކެޓް ގަނެވޭނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

މޯލްޑިވިއަނުން މިހާރު ދަތުރުކުރަނީ އިންޑިއާގެ ޓްރިވެންޑްރަމް އަދި ކޮޗިންއަށެވެ. އެ އެއާލައިނުން 2021 ވަނަ އަހަރާ ހަމައަށް އިންޑިއާގެ ދިއްލީއަށްވެސް ދަތުރުތައް ބޭއްވިއެވެ. އިންޑިއާގެ އިތުރުން މޯލްޑިވިއަނުން މިވަގުތު ދަތުރު ކުރަނީ ބަންގްލަދޭޝްގެ ޑާކާއަށެވެ.

މޯލްޑިވިއަނުން ރާއްޖޭން ބޭރުގެ ގައުމުތަކަށް ދަތުރުކުރުމަށް މިވަގުތު ބޭނުންކުރަމުން އަންނަނީ އެއާބަސް އޭ 320 ބޯޓެވެ. އިތުރު އެއާބަސް ބޯޓެއް ހޯދުމަށް އެ އެއާލައިނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް