ދ. ކުޑަހުވަދު އަށް ވަޑައިގެން އެ ރަށުގައި ތިބި ޕީޕީއެމް/ޕީއެންސީ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ތިލަމާލެ ބްރިޖް މަޝްރޫއަކީ އެއްވެސް ވިސްނުމެއް ނެތި ކުރަމުންދާ މަސައްކަތެއް ކަމަށާއި އެ މަޝްރޫއުގައި ކަންބޮޑުވާން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ ހަވާލުކޮށްފައިވާ ތިލަމާލެ ބްރިޖު މަޝްރޫއަކީ މި ސަރުކާރުން ކުރިއަށް ގެންދާ އުމްރާނީ އެންމެ ބޮޑު މަޝްރޫއެވެ. އެފްކޮންސް އިން ގަބޫލު ކުރާ ގޮތުން ނަމަ، އަންނަ ޑިސެމްބަރަށް މާލެއިން ފެށިގެން ވިލިމާލެއަށް ބްރިޖުގައި ދަތުރުކޮށްލެވޭ ވަރު ވާނެއެވެ. އަދި އަންނަ އަހަރު ބްރިޖުގެ ބާކީ ހުރި މަސައްކަތްތައް ނިންމާލެވޭނެއެވެ.
ބްރިޖްގެ ބައިތައް ވަކި ވަކިން ހަދަމުން ގެންދާއިރު އެއްވެސް ފަރުވާތެރި ކަމެއް ނެތި މަސައްކަތް ކުރަމުންދާ އިރު، އެ މަސައްކަތް ކުރަމުން ގެންދަނީ އިންޖީނިއަރިންގ މިންގަނޑުތަކާ ހިލާފަށް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
"އެ މަޝްރޫއުގެ މަސައްކަތަށް ކާސްޓުކުރާ، ކޮންކްރީޓްކުރާ މަސައްކަތް އެ ކުރަމުންދާ ގޮތް ކިރިޔާ ވެސް ބަލައިފި ނަމަ، ފެންނާނެ އެ މަސައްކަތަށް އެ ޕްރޮޖެކްޓަށް އެ ހަދާ ބައިތައް ބަހައްޓަން، ތަނބުތަކަށް ހަދާ ބައި ވިޔަސް ނޫނިއްޔާ ދެން ހުރި ބައިތައް ހަދަމުންދަނީ އިންޖީނިއަރިން މިންގަނޑުތަކުން ބަލާއިރު އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ގޮތަކަށް ނޫން،" މުއިއްޒު ވިދާޅުވިއެވެ.
ބްރިޖްގެ ބައިތައް މިގޮތަށް ހާމަކަން ބޮޑު ގޮތެއްގައި ހަދައިގެން ގުޅުވަން ގެންނައިރު ހުންނާނީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި އެއީ އިންޖީނިއަރުން އެކަން ކުރާގޮތެއް ނޫން ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އެ ޕްރޮޖެކްޓު ހިނގަނީ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވާގޮތަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.