ads
ހޭންޑްބޯލް އިވެންޓެއްގެ ތެރެއިން
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ހޭންޑްބޯލް ޓީމު ތައްޔާރު
ހޭންޑް ބޯލް އެސޯސިއޭޝަނަކި، ރާއްޖޭގައި އެންމެ ފަހުން ވުޖޫދުވި އެސޯސިއޭޝަންތަކުގެ ތެރެއިން އެއް އެސޯސިއޭޝަނެވެ.

އުމުރުން ކިތައްމެ ހަގަސް،  ހޭންޑް ބޯޅަ އިން ވަނީ ފާހަގަކޮށްލެވޭ ގިނަ ކުރިއެރުންތަކެއް ކުރު މުއްދަތެއްގެ ތެރޭގައި ހޯދައިފަ އެވެ. މި މަހު، 25 އިން އަންނަ މަހު ހަތަރަކަށް މަޑަގަސްކަރާގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ހޭންޑްބޯޅައިގެ އަންހެން އަދި ފިރިހެން ޓީމު ތައްޔާރުކުރުމުގައި ހޭންޑްބޯލް މޯލްޑިވްސް އިން ވަނީ ފާހަގަކޮށްލެވޭ މަސައްކަތަކެއް ކޮށްފަ އެވެ. ޒުވާން ގައުމީ ޓިމުތަކުން ފާހަގަކުރެވުނު ކުޅުންތެރިން ސިނިއާ ޓީމާ ހަމައަށް ގެނެސް، ފުރިހަމަ ޓީމެއް އެކުލަވާލުމުގައި ކުރެވެން ހުރި ހުރިހާ ކަމެއް އެސޯސިއޭޝަނުންވަނީ ކޮށްފަ އެވެ.

އައުޓް ޑޯ ރަނގަޅު ފެންވަރުގެ ކޯޓެއް ލިބިފައި އޮތުމަކީ ރާއްޖޭގެ އެހެން ކުޅިވަރު އެސޯސިއޭޝަންތަކާ އަޅާ ބަލާއިރު، ހޭންޑްބޯޅަ އަށް އޮތް ބޮޑު ފަސޭހަ އެކެވެ. ރާއްޖޭގެ އެކި ރަށްރަށުގައި އަޅާފައިވާ ފުޓްސަލް ދަނޑުތަކުގައި ހޭންޑްބޯޅަ މުބާރާތްތައް ކުރިއަށްދާއިރު، މި ސަރުކާރުގެ ކުޅިވަރު އިންފްރާސްޓްރަކްޗާ ގާއިމްކުރާ ޕްލޭނުގެ ތެރެއިން އެންމެ ބޮޑު އަހައްމިއްޔަތު ކަމެއް ދޭ އެއް ކުޅިވަރެއްގެ ގޮތުގައި އޮތީވެސް ހޭންޑް ބޯޅަ އެވެ.

ގައުމީ ހޭންޑް ބޯލް ޓީމުން މުބާރާތައް ތައްޔާރުވަމުން އަންނަނީ ސާބިއާގެ ކޯޗު ބްރަސްޓްލޯ ސިމަނޮވިޗްގެ އިރުޝާދުގެ ދަށުންނެވެ. އައިއޯއައިޖީއަށް ތައްޔާރުުވުމުގެ ގޮތުން ހޭންޑް ބޯލް ޓީމުން ތައިލެންޑުގައި 10 ދުވަހުގެ ޓްރެއިނިންގް ކޭމްޕެއް ކުރިއަށް ގެންދިޔަ އެވެ.

ހޭންޑް ބޯޅަ ގައުމީ ކޯޗު ސްމޮނޮވިޗް ބުނީ އަންހެން އަދި ފިރިހެން ޓީމުން ވަމުން އަންނަ ތައްޔާރީތަކާ މެދު ހިތްހަމަ ޖެހޭ ކަމަށާއި، ހާއްސަކޮށް ކުޅުންތެރިން ފަރިތަކުރުންތަކުގައި ދައްކާ ހިތްވަރާއެކު އަންހެން އަދި ފިރިހެން ހޭންޑް ބޯލް ޓީމުތަކަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. ސްމޮނޮވިޗް ބުނީ އައިއޯއައިޖީއަށް ނުކުންނައިރު، ދެންހުރި ޓީމުތަކުގެ ފެންވަރު ކޮންމެސްވަރަކަށް އެނގޭ ކަމަށާއި، އެގޮތުން ރިޔޫނިއަން އަކީ ފްރާންސް ކުޅުންތެރިން ގިނަ ޓީމެއް ކަމަށެވެ. އަދި ދެން ހުރި ޓީމުތަކުގެ ފެންވަރު އެންމެ ރަނގަޅަށް އެނގޭނީ ފުރަތަމަ މެޗަށްފަހު ކަމަށް ސްމޮނޮވިޗް ބުންޏެވެ.

މި ފަހުން، ރާއްޖޭގައި ދެ ޖިންސުގެ މެދުގައި ކުޅެވޭ ކުޅިވަރުތަކުގެ ތެރެއިން އެންމެ ފޯރިގަދަކޮށް ފެންނަ އެއް ކުޅިވަރަކީ  ހޭންޑްބޯޅަ އެވެ. ހޭންޑްބޯލް މޯލްޑިވްސް އިން ރާވާ ހިންގާ މުބާރާތްތަކުގައި ބައިވެރިވާ ޓީމުތަކުގެ ނިސްބަތަށް ބަލާލިޔަސް، މި ފަހުން ރަށްރަށުން އަންނަ ޓީމުތައް އަންނަނީ ގައުމީ ލެވަލްގައި ރަނގަޅު ޗެލެންޖް ދެމުންނެވެ. އަދި މީގެ އިތުރުން އިންޓަ ސްކޫލް ލެވަލްގައި ބަލާއިރު، ރަށްރަށުގެ ޓީމުތަކުން އަންނަނީ ރަނގަޅަށް ތައްޔާރުވެ، ކާމިޔާބު ހޯދަން ބުރަ މަސައްކަތް ކުރުމުގެ އަޒުމުގަ އެވެ.

ހޭންޑްބޯޅައިން ކުރު މުއްދަތެއްގެ ތެރޭގައި ހޯދި ކާމިޔާބު ރަމްޒުކޮށްދޭ އެންމެ ރަނގަޅު ހެއްކަކީ، މި އަހަރު ކުރިއަށްދިޔަ އައިއެޗްއެފް ޓްރޮފީ މުބާރާތުގައި ރާއްޖޭގެ 17 އަހަރާއި 19 އަހަރުން ދަށުގެ އަންހެން ޓީމުން ލޯ މެޑަލް ހޯދުމެވެ. ނިސްބަތުން ބަލާއިރު، ކުރު މުއްދަތެއްގެ ތެރޭގައި ކުރެވުނު މަސައްކަތުން ހޭންޑްބޯޅަ އަށް މި ވަނީ މެޑަލަކާ ހަމައަށް އާދެވިފަ އެވެ. އެކަމަކު، އެ ހިސާބުން މަޑުޖެހުނީ ނޫން ކަމަށް ހޭންޑްބޯލް މޯލްޑިވްސް އިން ވަނީ  ބުނެފަ އެވެ. ދެން މަސައްކަތް ފަށަނީ، އަހަރުތަކަކަށް ދެމިގެންދާ ގޮތަށް އޮތް ޕްލޭނެއްގެ ތެރެއިން ވަރުގަދަ ގައުމީ ޓީމެއް ބިނާ ކުރުމުގެ މަސައްކަތެވެ. އެ ގޮތުން، އުމުރުފުރާ ގައުމީ ޓީމުތަކުގެ ޕްރެކްޓިސްތަކެއް ގަވާއިދުން ރާވައި، އޭގެ ތެރެއިން ގައުމީ ޓީމެއް ހެދުމުގެ މަސައްކަތް މިހާރު ހޭންްޑްބޯޅަ އިން މި ވަނީ ފަށައިފަ އެވެ.

ގައުމީ އަންހެން ޓީމުގެ މެނޭޖަރު ޒުލޭޚާ އިބްރާހީމް ބުނީ ކުރިން ކުޅުންތެރިއަކަށް ގައުމީ ޓީމުގައި ހުރިއިރު، ދިމާވި އެންމެ ބޮޑު ދަތިކަމަކީ ރަނގަޅު ކޯޗެއް ނެތުން ކަމަށެވެ. އެކަމަކު މިފަހަރުގެ މުބާރާތައް މި ނުކުންނަނީ ފެންވަރު ރަނގަޅު ކޯޗަކާއެކު، ރަނގަޅު ފަރިތަކުރުންތަކަކާއެކުގައި ކަމަށެވެ.

ޒުލޭޚާ ބުނީ އައިއޯއައިޖީގެ ކުރިން ތައިލެންޑުގައި ކުރިއަށްދާ ޓްރެއިނިންގްއާއެކު، ޓީމަށް ބޭނުންވާ ކާމިޔާބީއަށް ވާސިލްވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އެގޮތުން ހޭންޑް ބޯލް ޓީމުގެ އަމާޒަކީ މި މުބާރާތުގައި މެޑަލް ހޯދުން ކަމަށް ޒުލޭޚާ ބުންޏެވެ. ޒުލޭޚާ ބުނީ އެންމެ ކުރިއާ ބަލާ މިހާރު ގިނަ ކަންކަން ރަނގަޅު ކަމަށާއި، އެގޮތުން މިހާރު ގިނަ ފެސަލިޓީތަކެއް އެބަހުރިކަން ގަބޫލުކުރާ ކަމަށެވެ. އެކަމަކު އިންޑޯ ކޯޓެއް ނެތުމުން ގިނަ ފަރިތަކުރުންތަކެއް އަދިވެސް ކުޅުންތެރިންނަށް ގެއްލޭ ކަމަށް ޒުލޭޚާ ބުންޏެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު، ހޭންޑްބޯޅައިގެ އެންމެ ފުރަތަމަ އަމާޒު ހުއްޓިފައި މި ވަނީ މި ފަހަރުގެ އައިއޯއައިޖީ އަށެވެ. ގޭމްސް އެއްގައި އެންމެ ފަހުން ހޭންޑްބޯޅަ ޓީމުން ވާދަކޮށްފައިވަނީ 2019 ވަނަ އަހަރު ނޭޕާލްގެ ޕޮކާރާގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގަ އެވެ. އޭގެ ތިން އަހަރު ފަހުން، މި ފަހަރުގެ އައިއޯއައިޖީ އަށް ނުކުންނައިރު، ހޭންޑްބޯލް ޓީމު މިހާރު އޮތީ ކުރިއަށް ވުރެން މާ ބޮޑަށް ވެސް ތައްޔާރަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް