އެ ހިދުމަތް ފޯރުކޮށްދެމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ފުވައްމުލައް ސިޓީއަށާއި އައްޑޫ ސިޓީއަށް ފެށި ފެރީ ދަތުރުތަކާ އެކު، ޒޯން ފަހެއްގައި ހިމެނޭ ގއ. އަތޮޅާއި ގދ. އަތޮޅާ ހައިވޭލިންކަކުން ގުޅާލާފައިވާ ކަމަށެވެ.
މިއަދުން ފެށިގެން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އެއް ހަފުތާގެ މުއްދަތަށް އާރުޓީއެލް ފެރީ ރޫޓްތަކުގައި ކަސްޓަމަރުންނަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެ ކުންފުނިން ބުނެފައިވަނީ ހިލޭ ދަތުރުކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް، ހިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ދިނުމާ އެކު، ކަސްޓަމަރުންގެ ހިޔާލާ އެއްގޮތަށް ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތް ހަރުދަނާކުރުން ކަމަށެވެ. ހިލޭ ދަތުރުކުރެވޭ މުއްދަތުގައި ޖާގަ ހޯދުމަށް ގުޅާނީ އެ ރަށެއްގެ ރަށު ކައުންސިލަށް ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނި ގޮތުގައި މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަލަށް ފެށުނު އާރުޓީއެލް ފެރީ ރޫޓްތަކުން އަގު ނެގުމަށް ހަމަޖެހިފައިވާ ކަމުގައެވެ. ރަސްމީކޮށް އަގު ނަގައިގެން ހިދުމަތް ފެށުމާ އެކު، ކައުންސިލް މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން ހުއްޓާލެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެމްޓީސީސީން ބުނީ އެ ދުވަހުން ފެށިގެން ކަސްޓަމަރުންނަށް ޓިކެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ އެ ކުންފުނިން އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް ނުވަތަ އާރުޓީއެލް ޓްރެވަލް އެޕްލިކޭޝަން މެދުވެރިކޮށް ކަމަށެވެ.
ކިއުއާރު ޓިކެޓް ގަންނާނެ ގޮތުގެ ވީޑިއޯ އެ ކުންފުނީގެ އާރުޓީއެލް ޔޫޓިއުބް ޗެނަލް އަދި މީސްމީޑިއާ މަންސަތަކުގައި ޝާއިއުކުރެވިފައިވާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެ ކުންފުނިން ބުނެފައިވަނީ އާރުޓީއެލް ޓްރެވަލް އެޕްލިކޭޝަން އެޕަލް އެޕް ސްޓޯރުންނާއި ގޫގްލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށެވެ.
އެމްޓީސީސީން ބުނި ގޮތުގައި ރަސްމީކޮށް އަގު ނަގައިގެން ހިދުމަތްދޭން ފެށުނު ނަމަވެސް ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގައި ރަޖިސްޓްރީވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ.
އާރުޓީއެލް ފެރީތަކަކީ ޖުމްލަ 50 ފަސިންޖަރުންނަށް އަރާމުކަމާ އެކު ދަތުރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އެއާކޮންޑިޝަން އުޅަނދުތަކެއް ކަމަށް އެމްޓީސީސީން ބުނެއެވެ. އެ ކުންފުނިން ބުނީ މި އުޅަނދުތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ވީލްޗެއަ ސްޕޭސް އާއި ސްޓްރެޗަ ސްޕޭސް ހުންނާނެ ކަމަށެވެ.
ޒޯން ފަހެއް އަދި ޒޯން ހައެއްގައި އަލަށް ފެށުނު އާރުޓީއެލް ފެރީ ރޫޓްތަކުގެ ހިދުމަތް ހަފުތާއަކު ހަތް ދުވަހު، އާރުޓީއެލް ބްރޭންޑްގެ ދެ ސްޕީޑް ފެރީ މެދުވެރިކޮށް، ދެ ރޫޓަކުން ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ބުނި ގޮތުގައި ފެރީ ހިދުމަތުގެ ޝެޑިއުލް އާރުޓީއެލް ވެބްސައިޓް އަދި ޓްރެވަލް އެޕްލިކޭޝަން މެދުވެރިކޮށް ފެންނަން ހުންނާނެ ކަމުގައެވެ. އަދި ހިދުމަތާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާ ނަމަ އެ ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުމަށް އެމްޓީސީސީން ވަނީ އެދިފައެވެ.
ރާއްޖޭގެ ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން އެ ކުންފުނީގެ މަގުސަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާ އެކު ބޭނުންކުރެވޭ ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުން ކަމަށް އެމްޓީސީސީން ބުނެއެވެ.