ads
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު: އަންނަ މަހު އާ ރަންވޭގެ ބޭނުން ކުރަން ފަށަނީ - ފޮޓޯ:އާރްއޭސީއެލް
އަންނަ މަހު ހަނިމާދޫ އެއާޕޯޓުގެ އާ ރަންވޭގެ ބޭނުން ކުރަން ފަށަނީ
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން އާ ރަންވޭގެ އެއް ފަޅީގެ މަސައްކަތް ނިންމައި އަންނަ މަހު ބޭނުންކުރަން ފަށާނެ ކަމަށް އެ އެއާޕޯޓު ހިންގާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން ބުނެފިއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު މަޝްރޫއުގެ މަސައްކަތްތައް އެކި މަރުހަލާތަކުގައި ކުރާއިރު، މި މަސައްކަތުގެ ތެރެއިން އެންމެ ބާރަށް ކުރަމުން އަންނަނީ ރަންވޭގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2،465 މީޓަރުގެ ރަންވޭއެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. ރަންވޭގެ މަސައްކަތް ކުރިއަށްގެންދަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.

އާރްއޭސީއެލުން ބުނީ އެގޮތަށް މަސައްކަތް ކުރުމަށް ނިންމާފައިވަނީ އާ ރަންވޭ ޑިޒައިންކޮށްފައިވާ ގޮތުން މިހާރު ބޭނުން ކުރަމުން އަންނަ ރަންވޭ ނަގަން ޖެހުމުން އޮޕަރޭޝަން ހުއްޓާލަން ޖެހޭތީ، ރަންވޭގެ އޮޕަރޭޝަންސް އެއްކޮށް މެދުކަނޑާނުލާ އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

އާރްއޭސީއެލުން ޕްލޭންކޮށްފައިވަނީ މިހާރު ބޭނުން ކުރަމުން އަންނަ ރަންވޭ އާއި އާ ރަންވޭ ގުޅޭ ހިސާބުން ފެށިގެން ދެކުނަށް އޮތް ރަންވޭ ބައިގައި ހިމެނޭ 1،400 މީޓަރުގެ މަސައްކަތް ނިންމަައި އަންނަ މަހު ބޭނުން ކުރަން ފެށުމަށެވެ. އޭގެފަހުން މިހާރު ބޭނުން ކުރަމުން އަންނަ ރަންވޭ ނަގައި އެ ސަރަހައްދު ތަރައްގީކޮށް، ރަންވޭގެ ދެފަޅިން މިހާރު ތަރައްގީ ކުރަމުން ގެންދާ ބައި ގުޅާލާ ގޮތަށެވެ.

your imageހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން - ފޮޓޯ:އާރްއޭސީއެލް

އެއާޕޯޓުގެ މަސައްކަތް ކުރިއަށް ދާ ގޮތް ނޫސްވެރިންނަށް އިއްޔެ ދައްކާލިއިރު، މި މަސައްކަތް ހަވާލުކޮށްފައިވާ އިންޑިއާގެ ޖޭއެމްސީ ކުންފުނީގެ ފަރާތުން މައުލޫމާތު ދެއްވަމުން މި މަޝްރޫއުގެ ޕްރޮޖެކްޓް ޑައިރެކްޓަރު އަދި ސައިޓް އިންޖިނިއަރު އިންދަރު ސިންގް ވިދާޅުވީ އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި އާ ރަންވޭގެ ދެކުނުފަޅިން ތަރައްގީކުރާ 1،400 މީޓަރުގެ ރަންވޭ ސަރަހައްދު ނިމޭނެ ކަމަށާއި އެއަށްފަހު ދެ ރަންވޭ ގުޅޭ ހިސާބު ބަންދުކޮށް، ވަގުތީގޮތުން ފްލައިޓްތައް އޮޕަރޭޓު ކުރާނީ އަލަށް ހުޅުވާ ސަރަހައްދުގައި ކަމަށެވެ.

އާ ރަންވޭގެ ދެކުނުފަޅި ހުޅުވާލުމަށްފަހު، މިހާރު ބޭނުން ކުރާ ރަންވޭ އެއްކޮށް ނަގައި، އާ ރަންވޭގެ އަނެއްކޮޅުން ފެށިގެން މެދާ ހަމައަށް ތަރައްގީކޮށް މުޅި ރަންވޭ އެއްކޮށް ގުޅާލާނެ ކަމަށް އިންދަރު ވިދާޅުވިއެވެ.

އިންދަރު ވިދާޅުވެފައިވަނީ ރަންވޭގެ މަސައްކަތް ކުރިއަށްދަނީ ތާވަލާ އެއްގޮތަށް ކަމަށާއި މުޅި ރަންވޭގެ މަސައްކަތް އަންނަ ނޮވެމްބަރު މަހު ނިންމާލެވޭނެ ކަމަށެވެ.

your imageހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން - ފޮޓޯ:އާރްއޭސީއެލް

އާރްއޭސީއެލްގެ ސީއޯއޯ އަހުމަދު އިބްރާހީމް ވިދާޅުވި ގޮތުގައި ރަންވޭގެ މަސައްކަތް ނިމޭއިރަށް ވަގުތީ ޓާމިނަލް ސެޓަޕެއް ހަދާ އެއާޕޯޓުގެ ހިދުމަތް ފުޅާކުރުމަށް ހަމަޖެހިފައިވާ ކަމުގައެވެ.

އެ ސަރަހައްދުގައި ހުރި ރިސޯޓުތަކުގެ އެދުމާ އެކު މަސައްކަތް ކުރަމުން އަންނަނީ އެއާޕޯޓު ބަންދުނުކޮށް ކަން ފާހަގަކުރައްވާ އަހުމަދު އިބްރާހީމް ވިދާޅުވެފައިވަނީ މަސައްކަތް ކުރަނީ ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00 އިން ފެށިގެން މެންދަމު 2:00 އަށް ކަމަށެވެ.

ރަންވޭ އިންޑް ސޭފްޓީ އޭރިއާ އާއެކު، ތަރައްގީކުރާ ރަންވޭގެ ދިގުމިނުގައި ޖުމްލަ 2،765 މީޓަރު ހުންނާނެއެވެ. މިއީ އެންމެ ބޮޑެތި ބޯޓުތައް ކަމަށްވާ A320 އަދި ބޮއިން 737 މަރުކާގެ ބޯޓު ޖެއްސޭ ފެންވަރުގެ ރަންވޭއެކެވެ.

your imageހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން - ފޮޓޯ:އާރްއޭސީއެލް

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ރަންވޭގެ އިތުރުން އެއާޕޯޓުގައި ތަރައްގީކުރާ ޓާމިނަލް އާއި ސީޕްލޭން ޖައްސާ ސަރަހައްދާއި ފިއުލް ސްޓޯރޭޖާއި ފަޔަ ބިލްޑިންގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި އޭޓީސީ ޓަވަރާއި ކާގޯ ކޮމްޕްލެކްސް އާއި ކަރަންޓު ސަބްސްޓޭޝަނާއި ވޮޗް ޓަވަރު އަންނަނީ އިމާރާތް ކުރަމުންނެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް އިންޑިއާގެ ޖޭއެމްސީ އާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދާ 136.6 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) ގެ މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ދީފައިވަނީ ދެ އަހަރު ދުވަހުގެ މުއްދަތެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް