ads
ފުޅަދޫގައި އަލަށް އިމާރާތްކުރެވުނު ފެނަކަ އިންޖީނުގެ އާއި އޮފީސް ހުޅުވައިދެއްވީ ރައީސް ސޯލިހު - ފޮޓޯ:ރައީސް އޮފީސް
ފުޅަދޫ ފެނަކައިގެ އާ އިންޖީނުގެ އާއި އޮފީސް ރައީސް ހުޅުވައިދެއްވައިފި
ބ. ފުޅަދޫގައި އަލަށް އިމާރާތްކުރެވުނު އިންޖީނުގެ އާއި އޮފީސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

ފުޅަދޫގައި އަލަށް އިމާރާތްކުރެވުނު ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) ގެ އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ރައީސް ސޯލިހު ހުޅުވައިދެއްވާފައިވަނީ މާޅޮސްމަޑުލުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ރިޔާސީ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ފުޅަދޫގައި ހުޅުވުނު ފެނަކައިގެ އާ އިންޖީނުގޭގެ އިމާރާތާ ގުޅޭގޮތުން ފެނަކައިން ބުނީ މިއީ އެ ކޯޕަރޭޝަނުގެ 29 ވަނަ އިންޖީނުގެ ކަމަށެވެ. ފެނަކައިން ބުނެފައިވަނީ މީގެކުރިން އެ ރަށުގައި ބޭނުން ކުރަމުން އައި އިންޖީނުގޭގެ އިމާރާތަށް 28 އަހަރުވެފައިވާ ކަމަށެވެ.

your imageފުޅަދޫގެ 28 އަހަރުވީ ބާ އިންޖީނުގެ އާއި އޮފީސް - ފޮޓޯ:ފެނަކަ

ކުރީގައި އިންޖީނުގެއެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ 12x7 ފޫޓު ބޮޑުމިނުގެ އިމާރާތެއް ކަމަށް ފެނަކައިން ބުނެއެވެ. ފެނަކައިން ބުނީ ފުޅަދޫގެ އިންޖީނުގޭގައި އޮފީހެއްގެ ގޮތުގައި މީގެ ކުރިން ބޭނުން ކުރަމުން އައީ 12x12 ފޫޓުގެ އޮފީހެއް ކަމަށެވެ. އެތަނުގައި މަސައްކަތް ކުރެވެނީ ދެ މުވައްޒަފުންނަށް ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން ބުނި ގޮތުގައި ފުޅަދޫގައި އަލަށް އިމާރާތްކުރި އިންޖީނުގެއަކީ 30x53 ފޫޓު ބޮޑުމިނުގެ އިމާރާތެއް ކަމުގައެވެ. އެ އިމާރާތުގައި އެއްފަހަރާ 15 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ކުރެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. ފެނަަކައިން ބުނެފައިވަނީ އެ ރަށު އިންޖީނުގޭގެ އާ އޮފީސް އިމާރާތަކީ 30x18 ފޫޓު ބޮޑުމިނުގެ އިމާރާތެއް ކަމަށެވެ.

ފެނަކައިން ބުނީ ކުރީގައި ބޭނުން ކުރަމުން އައި އިންޖީނުގޭގައި ހުރީ އިންޖީނު ރޫމަކާއި ޕެނަލް ރޫމެއް އަދި ސްޓޯރެއް އެކަނި ކަމަށާއި އޭރުގައި އޮފީސް އިމާރާތެއްގެ ގޮތުގައި ހުރީ އޮފީސް އޭރިއާއެއް ކަމަށެވެ. އެހެންނަމަވެސް ހުޅުވުނު އިންޖީނުގޭގައި ސްޓޯރަކާއި ވޯކް ޝޮޕަކާއި އިންޖީން ރޫމަކާއި ކޮންޓްރޯލް ރޫމަކާއި ފިއުލް ޓޭންކަކާއި ޗިމްނީއެއްގެ އިތުރުން ޕޭންޓްރީއެއް ހުންނާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. ފެނަކައިން ބުނި ގޮތުގައި އަލަށް ހުޅުވި އޮފީސް އިމާރާތުގައި ރިސެޕްޝަނަކާއި ލޮބީއަކާއި މެނޭޖަރު ރޫމަކާއި ޕޭންޓްރީއަކާއި ފާހާނާއަކާއި މީޓިން ރޫމަކާ އަދި ސްޓޯރެއް ހިމެނޭނެ ކަމުގައެވެ.

your imageފުޅަދޫގައި އަލަށް އިމާރާތްކުރެވުނު ފެނަކަ އިންޖީނުގެ އާއި އޮފީސް އިމާރާތް - ފޮޓޯ:ފެނަކަ

ފެނަކައިން ބުނެފައިވަނީ މީގެ ކުރިން ބޭނުން ކުރަމުން އައި އިންޖީނުގެ ހުރީ ރަށުގެ މެދުތެރޭގައި ކަމަށް ވީނަމަވެސް އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ބިނާކޮށްފައިވަނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ކަމަށެވެ.

ފުޅަދޫގައި އަލަށް އިމާރާތް ކުރެވުނު އިންޖީނުގެ އާއެކު، ކަރަންޓު ކެޕޭސިޓީ ވަނީ 368 ކިލޯވޮޓުން 538 ކިލޯވޮޓަށް އިތުރުވެގެން ގޮސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް