ބީލަމުގެ އުސޫލުން ޓޫރިސްޓް ރިސޯޓު ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާނުކޮށްފައިވާ ދެ ރަށަކީ ހއ. މެދަފުށި އަދި ށ. ނަލަންދޫއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މި ދެ ރަށް ބީލަމަށް ހުޅުވާލުމުގެ މައިގަނޑު މަގުސަދަކީ ބޮޑުތިލަދުންމަތީގައި ފަތުރުވެރިކަން ކުރިއަރުވައި، އިތުރަށް ތަރައްގީކޮށް އަލަށް ހުޅުވިގެންދާ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ފީސިބަލް ކުރުމަށްޓަކައި އެ ސަރަހައްދުގައި ހިންގޭ އިގުތިސޯދީ ހަރަކާތްތައް އިތުރުކޮށް ވަޒީފާގެ ފުރުސަތުތައް ގާއިމުކުރުން ކަމަށެވެ.
މި ބީލަމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 30 ވާ ބުދަ ދުވަހުގެ 11:00 ގައި ވާޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 21 ވަނަ ދުވަހުގެ 10:00 ކަމަށެވެ.
ބޮޑުތިލަދުންމަތީގެ ދެ ރަށެއްގައި ރިސޯޓު ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވާ ނަމަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެ މިނިސްޓްރީގެ mv.gov.tourism@planning އަށް އީމެއިލް ކޮށްގެން މައުލޫމާތު ސާފުކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.