ads
ދީމާ އަދި ރަފާ
ރަން ހަނދާންތަކާއެކު ޓީޓީ ޓީމު މި ފަހަރުވެސް ރަނަށް
މީގެ ހަތަރު ވަރަކަށް އަހަރު ކުރިން، 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެއިން ޖުމްލަ 15 މެޑަލް ހޯދިއިރު، އެންމެ ގިނަ މެޑަލް ހޯދި ކުޅިވަރަކީ ޓޭބަލް ޓެނިހެވެ. މުޅި ގައުމު އެ ޓީމަކަށް ޓަކައި ފަހުރުވެރިވި ޓީމުގައި ހިމެނޭ، ޓީީޓީ ކުޅުންތެރިން ވަނީ އެ ފަހަރުގެ ގޭމްސްގައި ތިން ރަން މެޑެއްޔާއި ދެ ރިހި މެޑަލް ހޯދައިފަ އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި މެޑަލް ދިފާއުކުރާނެ ކަމަށް އެންމެ ބޮޑަށް އުއްމީދު ކުރެވޭ އެއް ޓީމު ކަމަށްވާ ޓޭބަލް ޓެނިސް ޓީމުން މުޅި އަހަރު ގޭމްސް އަށް ފޯކަސްކޮށް، މަސައްކަތްތަކެއް ކޮށްގެން ގޭމްސް އަށްވަނީ ތައްޔާރުވެފައެވެ. 2019 ވަނަ އަހަރު ބޭއްވި އައިއޯއައިޖީގައި ޓީޓީ އަންހެން ޓީމުން ވަނީ ގިނަ މެޑަލްތަކެއް ހޯދައިފަ އެވެ. އަންހެން ސިންގަލްސް ރަން މެޑަލް އަދި ރިހި މެޑަލްގެ އިތުރުން ޑަބަލްސް އިވެންޓްގެ ރަން މެޑަލް އާއި ޓީމް އިވެންޓްގެ ރަން މެޑަލް ވަނީ ހޯދާފައެވެ.

އެ އަހަރުގެ އައިއޯއައިޖީގައި އެންމެ ވިދުން ގަދަވި އެއް ކުޅުންތެރިއަކީ ރާއްޖޭގެ ޓީޓީ ތަރި ފާތިމަތު ދީމާ އަލީ އެވެ. އެގޮތުން ގޭމްސްގައި ދީމާ ތިން ރަން މެޑެލް ހޯދިއިރު، އަންހެން ސިންގަލްސް ބައިން ރަން މެޑަލް ހޯދީ ފައިނަލް މެޗުގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް އަތުން 4-1 ސެޓުން މޮޅުވެގެންނެވެ. އެއާއެކު، އަންހެން ސިންގަލްސް ބައިން ރަފާ ވަނީ ރިހި މެޑަލް ހޯދައިފައެވެ.

"މިދިޔަ ފަހަރުވެސް ދިޔައީ ގޯލްޑަށް އެސްޕެކްޓްކޮށްގެން، ދެން ވަރަށް މޯޓިވޭޓްވި ރާއްޖޭގެ ކޮންޓީޖެންޓް ސަޕޯޓުކުރަން ތިބީމަ. މިހާރު ގޯލްޑް ލިބިފައި އިނީމަ އެސްޕެކްޓޭޝަން މަތިވާނެ. އެނެގޭނެ ޕްރެޝާއެއްގެ ގޮތުގައި، މޯޓިވޭޝަންއެއްގެ ގޮތުގައިވެސް ދެން ރަފާމެން އުންމީދު މިކުރަނީ ކުރީގެ ސަޕޯޓް މިފަހަރުވެސް ލިބޭނެ ކަމަށް. ދެން އޭތި މޯޓިވޭޝަންއެއްގެ ގޮތުގައި ބަލާ ގޯލްޑަށް އެއިމް ކޮށްގެން ރަފާމެން މިދަނީ" ގައުމީ ޓީޓީ ޓީމުގެ ތަރި ރަފާ ބުންޏެވެ.

ޓީޓީގެ އަންހެން ޑަބަލްސް އިވެންޓުން ރަން މެޑެލް ހޯދީ ދީމާ އާއި ރަފާގެ ޕެއާ އެވެ. މި ބައިން ދީމާ އާއި ރަފާ ރަން މެޑަލް ހޯދީ ފައިނަލް މެޗުގައި ރާއްޖޭގެ މުއީނާ މުޙައްމަދާއި ފާތިމަތު ޖުމާނާ ނިމާލުގެ ޕެއާ ބަލިކޮށްގެންނެވެ. ފައިނަލުގައި ވާދަކުރުމުން، އަންހެން ޑަބަލްސް ބައިން މުއީނާ އާއި ޖުމާނާ އަށް ވެސް ވަނީ ރިހި މެޑަލް ލިބިފައެވެ.

ޓީޓީ އެސޯސިއޭޝަނުން މައުލޫމާތުދޭ ގޮތުން  މި އަހަރުގެ އައިއޯއައިޖީގައި ރާއްޖޭގެ ޓީޓީ ޓީމުގެ އެންމެ ބޮޑު އެއް އާމަޒަކީ އެންމެ ފަހުން ވާދަކުރި ގޭމްސްގައި ހޯދި މެޑަލްތައް ދިފާއުކޮށް، އިތުރު ކާމިޔާބީ ހޯދުމެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ނައިބު ރައީސް އިބްރާހީމް ޝިއުރީ ވިދާޅުވީ މެޑަލް ދިފާއުކުރުމަކީ ވަރަށް ޗެލެންޖިން ކަމެއް ކަމަށާއި، އެކަމަކު އެ ޗެލެންޖަށް ޓީމް ތައްޔާރު ކަމަށެވެ. އޭނާ ވިދާޅުވީ އަމާޒަކީ އެންމެ ފަހުގެ ކާމިޔާބީއަށް ވުރެ ބޮޑު ކާމިޔާބީއެއް ހޯދުން ކަމަށެވެ. އެކަމަށް ރަނގަޅު މަސައްކަތްތަކެއް ކުރެވުނުކަން ޝިއުރީ ފާހަގަކުރެއްވި އެވެ.

ޓޭބަލް ޓެނިސް މުޅި ޓީމް ވަނީ އިންޑިއާ އާއި ކްރޮއޭޝިއާގައި ތިން މަހެއްހާ ދުވަހު ތަމްރީނުތައް ކުރިއަށް ގެންގޮސްފަ އެވެ. އެ ދެ ޤައުމުގެ ކުޅުންތެރިންނާ އެކު ކުޅެ ތަޖުރިބާތަކާއި، ކުރިއެރުންތައް ހޯދިއެވެ.

"ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރެވުނު. ކްރޮއޭޝިޔާގައި ތަމްރީނުތަކެއް ކުރިއަށްގެންދިޔަ. ދެ ކުޅުންތެރިއަކު އިންޑިޔާގައިވެސް ތަމްރީނުހޯދި. މާލޭގައި ކްރޮއޭޝިޔާގެ ކޯޗަކާ ބޭރުން މޮޅު ކުޅުންތެރިން ގެނެސްގެން ތަމްރީނު ހޯދަމުންދަނީ." ޝިއުރީ ވިދާޅުވި އެވެ.

މި ކާމިޔާބީތަކާ އެކު ޓީޓީގެ ވިދުން ރާއްޖޭގައި ގަދަވެގެންދިޔައިރު، މަޑަގަސްކަރައިގައި މި މަހު ފަށާ އައިއޯއައިޖީގައިވެސް ޓީޓީއަށް ކުރެވޭ އުންމީދު ބޮޑެވެ. މި ފަހަރުގެ އައިއޯއައިޖީއަށް އެކުލަވާލި އަންހެން ޓީޓީ ޓީމުގައި 2019 ވަނަ އަހަރު މެޑަލް ހޯދި ތިން ކުޅުންތެރިއަކު ހިމެނެ އެވެ. އެ ކުޅުންތެރިންނަނީ ދީމާ އާއި ރަފާގެ އިތުރުން ޖުމާނާ އެވެ. އެ ކުޅުންތެރިން އަލުން އެނބުރި އައިއޯއައިޖީގައި ވާދަކުރަން އަންނަނީ ކުރީގެ ޖޯޝާއި ފޯރީގެ އިތުރުން އެތައް ބައެއްގެ އުންމީދު ގުޅިފައިވާ ކާމިޔާބީއެއް ހޯދުމަށެވެ.

ރާއްޖޭގެ ޓީޓީ ސްކޮޑްގައި ހިމެނެނީ ހަ އަންހެން ކުޅުންތެރިންނާއި ހަ ފިރިހެން ކުޅުންތެރިންނާ އެކު ޖުމްލަ 12 ކުޅުންތެރިންނެވެ. ކުރީގެ މެޑަލިސްޓުންގެ އިތުރުން އަންހެން ޓީމުގައި ދެން ހިމެނެނީ މިޝްކާ މުހައްމަދު އިބްރާހިމް، ލައިސާ ފަތުހުﷲ، އަދި އައިމިނަތު ޝިއުރާ ޝަރީފް އެވެ. ފިރިހެން ހަ ކުޅުންތެރިންނަކީ މުހައްމަދު ޝައްފާން އިސްމާއިލް، މޫސާ މުންސިފް އަހުމަދު، މުހައްމަދު ޒީސްތު ނަސީމް، އަޚްޔާރު އަހުމަދް، އަހުމަދު ތާބިން ޝުޖާއު އަދި ޒީކް ހަސަން ލަތީފް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް