ads
އަންހެން ބާސްކެޓް ޓީމުގެ މެންބަރެއް
އަންހެން ބާސްކެޓް ޓީމު ފުރަތަމަވެސް ޓާގެޓް ކުރީ ރަނަށް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ފެށޭނީ މާދަމާ ނޫން އަނެއް ދުވަހުއެވެ. މަޑަގަސްކަރައިގައި މާދަމާ ނޫން އަނެއް ދުވަހު، ކުޅިވަރުގެ ބޮޑު އީދު ފެށޭއިރު، ދިވެހި ގައުމީ އަންހެން ބާސްކެޓް ޓީމުން މުބާރާތުގައި އަމާޒު ހިފާފައިވަނީ ހަމަ ސީދާ ރަން މެޑަލް ހޯދުމަށެވެ.
Advertisement

ރާއްޖޭގެ ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުގެ ކާމިޔާބީތައް މިހާތަނަށް ގޮސް ހުއްޓިފައި އޮތީ ލޯ މެޑައްޔާ ހިސާބުގަ އެވެ. ލޯ މެޑަލް ތިން ފަހަރެއްގެ މަތިން ހޯދައިފި އެވެ. އެންމެ ފުރަތަމަ 2016 ވަނަ އަހަރު ނޭޕާލްގައި އޮތް ސާބާ މުބާރާތުގަ އެވެ. އޭގެފަހުން، 2019 ވަނަ އަހަރު ނޭޕާލްގައި އޮތް ސައުތު އޭޝިއަން ގޭމްސްގަ އެވެ. އަދި އެންމެ ފަހުން، މިދިޔަ އަހަރު ރާއްޖޭގައި އޮތް ސާބާ ޗެމްޕިއަންޝިޕްގައެވެ.

އެ ކުރިއެރުންތަކުގެ އަލީގައި އަންހެން ޓީމް މިހާރު އޮތީ ރަން މެޑެލް ހޯދުމުގެ އަޒުމުގަ އެވެ. އެ ކަމަށް ޓީމު އޮތީ ފައްކާވެފަ އެވެ. މިދިޔަ އަހަރު ފަހުކޮޅު އޮތް ސާބާ ޗެމްޕިއަންޝިޕަށް ފަހު ގައުމީ ޓީމުގެ ފޯކަސް އޮތީ ފުރަތަމަ ފަހަރަށް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާށެވެ. އަދި އެގޭމްސްގެ ފެށުން ރަން މެޑައްޔަކުން ފަށަން ޓީމްގެ ރޫހު ރަނގަޅެވެ.

އަންހެން ބާސްކެޓްބޯޅަ ޓީމުގެ ކޯޗު ގުރެއިޝް އަފްރާހު (ގުރޭ) ޤަބޫލުކުރަނީ ގްރޫޕްގެ އެއް ވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލަށް ދަތުރުކުރެވޭނެ ކަމަށެވެ. އެއީ ރީޔޫނިއަން އާއި, ޝީޝެލްސް ފަހަތަށް ޖައްސާލުމަށްފަހު އެވެ. ޓީމުގެ ކުޅުންތެރިންގެ ވިސްނުން ހުރީ ރަން މެޑައްޔަށެވެ.

"އަބަދުވެސް އަންހެން ޓީމް މަސައްކަތްކުރާނީ އެއް މުބާރާތަށްފަހު އަނެއް މުބާރާތެއް ރަނގަޅު ކާމިޔާބީއެއް ހޯދަން, ބައިވަރު ކަންތައްތަކެއް ރަނގަޅުކޮށްގެން. އަލަށް ދާ ގޭމްސްއަކަށް ވިޔަސް އަމާޒަކީ ގްރޫޕްގެ އެއްވަނާގައި ސެމީއަށް ދިއުން. 2019 ގައި ޓީމްތަކުން ކުޅުނު މެޗުތައްވެސް ބަލަމުން މިދަނީ. ލިބިފަހުރި މައުލޫމާތުތަކަށް ބޭސްކޮށް ރަނގަޅު ނަތީޖާއަކަށް އުއްމީދުކުރަން. " ޓީމުގެ ކޯޗު ގުރޭ ބުންޏެވެ.

ގުރޭ ގަބޫލުކުރާ ގޮތުގައި މިހާރު ރާއްޖޭގެ ޤައުމީ އަންހެން ޓީމް އޮތީ މި ސަރަހައްދު ނޫނީ މި އަށް ވުރެ ރަނގަޅު ލެވެލްއަކަށް ދެވޭ ހިސާބުގަ އެވެ. މަސައްކަތް ކުރަނީވެސް އެ މިސްރާބަށެވެ.

އަންހެން ޓީމުން ވެސް ވޭތުވެދިޔަ މަދު އަހަރުތަކެއްގައި މުހިއްމު ކުރިއެރުންތަކެއް ހޯދާފައިވާ އިރު، ޓީމުގެ ތަރިންގެ ނަޒަރުގައި މިފަހަރުވީ ލޯ މެޑަލް ރަނަށް ބަދަލު ކޮށްލަން ލިބޭނެ ފުރުސަތެވެ. މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ސާބާ މުބާރާތުން އަންހެން ޓީމަށް ލޯ މެޑަލް ލިބިފައިވާ އިރު، އެ ލޯ މެޑަލް ރަނަށް ބަދަލުކޮށްލަން ޓީމު ތައްޔާރެވެ.

"މިދިޔަ އަހަރުގެ ސާބާ ނިންމާފައި، ކްލަބު މުބާރާތްތައް ނިމުނު ހިސާބުން އައިއޯއައިޖީއަށް މި ތައްޔާރުވަމުންދަނީ. ވަރަށް ރަނގަޅަށް ޓީމް އޮތީ މިހާރު. ވަރަށް ސީރިއަސްކޮށް ރަން މެޑަލް ނަގަން ވެގެން މިއޮތީ. މީގެ ކުރިން ލިބުނު ދެ ލޯ މެޑަލްއާއެކު މިފަހަރު އިރާދަކުރެއްވިއްޔާ މިދަނީ ރަން މެޑަލްއަށް ޓާގެޓް ކޮށްގެން،" ގައުމީ އަންހެން ބާސްކެޓް ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އިސްރާއު އަބްދުއްޝުކޫރު (އިއްކޮ) ބުންޏެވެ.

އަންހެން ޓީމަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ އިންޑިއާގައި ހޯދި ތަމްރީނުތަކެވެ. ސީދާ ގޭމްސް އަށް އަމާޒުކޮށް އިންޑިއާގައި ހޯދި ތަމްރީނުތަކުގެ ތެރެއިން ވާދަވެރި މެޗުތަކެއް ކުޅުނެވެ. އޭގެތެރެއިން ދެ މެޗުން މޮޅުވެ، އެއް މެޗުން ބަލިވިޔަސް ނަތީޖާ ދިޔައީ ކައިރިންނެވެ. އިދިކޮޅުން ކުޅުނީ އައިއޯއައިޖީގައި ކުޅޭ ގައުމުތަކުގައި ހިމެނޭފަދަ ވަރުގަދަ ކުޅުންތެރިންނެވެ. އެހެންކަމުން، އައިއޯއައިޖީއަށް ރަނގަޅަށް ތައްޔާރުވެފައި އޮތްކަމަށް ކުޅުންތެރިން ގަބޫލުކުރެއެވެ.

ފާތިމަތު ރިޝްމާ ފަދަ ތަޖުރިބާ ބޮޑު މަދު ކުޅުންތެރިންގެ ތެރެއަށް ޒުވާން ކުޅުންތެރިންތަކެއް ހިމަނައިގެން ޓީމް އޮތީ ރަނގަޅަށް ބައްޓަން ކޮށްފައެވެ. ސޯޅަ އަހަރުން ދަށާއި 18 އަހަރުން ދަށުގެ ގައުމީ އަންހެން ޓީމް ކުޅުނު މެޗުތަކަށްވެސް ބަލައިގެން ރަނގަޅު ޓީމެއް އެކުލަވާލައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް