ads
ހުރާ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ވަނީ ސައިޓް މޮބިލައިޒްކޮށްފައި - ފޮޓޯ:އެމްޓީސީސީ
ހުރާ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތަށް ސައިޓް މޮބިލައިޒްކޮށްފި
ކ. ހުރާ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ސައިޓް މޮބިލައިޒް ކުރެވިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ހުރާ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިދިޔަ އަންގާރަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރެވިފައިވާ ކަމަށެވެ.

ހުރާ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 26،453 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި 40،111 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަ ބޭސިން ފުންކުރުމާއި 5،445 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ. އޭގެ އިތުރުން 86 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 210 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 317 މީޓަރުގެ ބޭރު ރިވެޓްމަންޓްގައި ވެލިބަރުކޮށްފައިވާ ބޭރުތޮއްޓެއް ލުމާއި 370 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް އެ ކުންފުނިން ކުރިއަށް ގެންދާނެއެވެ.

މި މަޝްރޫއާ އެކު، މޫރިންގް ބޯއީސް ހަރުކުރުމާއި 105 މީޓަރު ދިގު ހަތަރު މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި 20 މީޓަރު ދިގު ހަ މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމާއި 1،795 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއަކީ 62.78 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް