ރ.މީދޫގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީއަކީ ޑިމޮކްރަޓިކް ޕާޓީ ކަމަށާއި، ހިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނާނެ ކަމަށެވެ. ޕާޓީގެ ތެރޭގައި އެކަހަލަ ހިޔާލު ތަފާތުވުންތައް އެބަހުރި ކަމަށާއި ނަމަވެސް އެކަމުގެ ސަބަބުން ކުރިއަށް އޮތް އިންތިހާބު ކާމިޔާބު ކުރަން ހުރަސް ނޭޅުމަށް ރައީސް ސޯލިހު ގޮވާލެއްވިއެވެ.
ރައީސް ސޯލިހު ވަނީ ހިޔާލު ތަފާތުވުންތަކާއެކު ވެސް މަސައްކަތް ކުރެވޭނެ ކަމަށާއި ހިޔާލުތަފާތު މެންބަރުން ވެސް އެކުގައި އައުމަށް ގޮވާލައްވާފައެވެ.
ރައީސް ސޯލިހު ވިދާޅުވީ މުޅި ރާއްޖޭގައި ސަރުކާރުން މިހާރު ފަށާފައި ހުރި މަސައްކަތްތަކާއިގެން ކުރިއަށް ދެވުމަކީ މުޅި ރާއްޖެއަށް ވެސް މުހިއްމު ކަމެއް ކަމަށެވެ. 2018 އާއި ހަމައަށް އައުމަށް އެމްޑީޕީގެ މެންބަރުން ކުރަން ޖެހުނު ބުރަ މަސައްކަތް އެމްޑީޕީގެ މެންބަރުންގެ ހަނދާނުގައި ހުންނާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވި އިރު ރިޔާސީ ޕްރައިމަރީއަށްފަހު އުފެދުނު ހިޔާލުތަފާތުވުންތަކުގައި ނާކާމިޔާބުވެވަޑައިގެންނެވުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދުވަނީ ވަކިން ނުކުމެވަޑައިގެން ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދަވާފައެވެ.
އިންތިހާބުގައި ހުރަހަކަށް ނުވުމަށާއި އެކުގައި މަސައްކަތް ކުރުމަށް ރައީސް ސޯލިހު ގޮވާލެއްވި އިރު ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްއިން ދަނީ ވާދަ ކުރަމުންނެވެ. އަދި ދެވަނަ ބުރުގައި ވެސް ރައީސް ސޯލިހުގެ ފަހަތްޕުޅަށް އަރާވަޑައިނުގަންނަވާނެ ކަމަށް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީގައި ޕްލޭނެއް އެބައޮތް ކަމަށާއި އެމްޑީޕީން މުޅި ރާއްޖޭގައި އެއްފަހަރާ ހިނގަމުން ގެންދާ މަޝްރޫއުތައް ޕީޕީއެމަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
ރައީސް ސޯލިހު މީދުއަށް ވެވަޑައިގެންނެވި ވައުދުތައް:
1. ރައްޔިތުން ނިންމާ ގޮތެއްގެ މަތިން ކައިރީގައި އޮތް ފުސްފަރު ހިއްކައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން
2. ސިއްހީ ހިދުމަތް އަޕްގްރޭޑު ކުރުން
3. އިތުރު ކްލާސް ރޫމާއި، އެޑްމިން ބްލޮކެއް ހެދުން
4. އޮޑިިދޯނި ފަހަރު އެހެލާނެ ތަނެއް ހެދުން
5. އިންޖީނުގެ މީހުން އުޅޭ ސަރަހައްދުން ބަދަލުކޮށް އަޕްގްރޭޑު ކުރުން