ads
އެމްއެމްއޭ: އިންސްޓަންޓް ޕޭމަންޓް ސިސްޓަމް ހޮނިހިރު ދުވަހު ރަސްމީކޮށް އިފްތިތާހުކުރުމަށް އަންނަނީ ތައްޔާރުވަމުން - ފޮޓޯ:ރާއްޖެއެމްވީ
އިންސްޓަންޓް ޕޭމަންޓް ސިސްޓަމް ހޮނިހިރު ދުވަހު ރަސްމީކޮށް އިފްތިތާހުކުރަނީ
ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފުކުރާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (އައިޕީއެސް) ރަސްމީކޮށް އިފްތިތާހު ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތައްޔާރުވެއްޖެއެވެ.
Advertisement

އެމްއެމްއޭއިން ބުނީ އަންނަ ހޮނިހިރު ދުވަހު އައިޕީއެސް ރަސްމީކޮށް އިފްތިތާހު ކުރުމަށް އެ އޮތޯރިޓީން ތައްޔާރުވަމުން އަންނަ ކަމަށެވެ. މި ސިސްޓަމް ރަސްމީކޮށް ބޭނުންކުރަން ފެށުމުގެ ކުރިން އެ އޮތޯރިޓީން ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އާ ގުޅިގެން ޔޫސާ އެކްސެޕްޓަންސް ޓެސްޓުތަކާއި ޕައިލެޓް ޓެސްޓިންގެ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައެވެ. 

އިންސްޓަންޓް ޕޭމަންޓް ސިސްޓަމަކީ ރާއްޖޭގައި ކުރެވޭ މާލީ މުއާމަލާތްތަކުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން އެމްއެމްއޭއިން ފަށާފައިވާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ މުހިންމު ބައެކެވެ. މި ސިސްޓަމް ގާއިމުކުރުމާ އެކު އެކި ބޭންކުތަކުގައި ހުޅުވާފައި ހުންނަ އެކައުންޓުތަކުން އެކަކު އަނެކަކަށް ފަސޭހަކަމާ އެކު ފައިސާ ފޮނުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އޭގެ އިތުރުން މާލީ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް މި ސިސްޓަމް މެދުވެރިކޮށް ރައްޔިތުންނާ ހަަމައަށް އެއް ޕްލެޓްފޯމަކުން އެފަދަ ހިދުމަތްތައް ދިނުމުގެ މަގުފަހިވެގެންދާނެއެވެ.

އާ ޕޭމަންޓު ސިސްޓަމާ އެކު ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގައި ޒަމާނީ ވަސީލަތްތަކުގެ ބޭނުންކޮށްގެން ރައްކާތެރި މާހައުލެއް ގާއިމުކުރެވޭނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ. އެ އޮތޯރިޓީން ބުނެފައިވަނީ މި ޕްރޮޖެކްޓުގެ ފުރަތަމަ މަރުހަލާގައި ޑޮމެސްޓިކް ޓްރާންސެކްޝަންތަކަށް އިސްކަންދިން ނަމަވެސް ދެވަނަ ފިޔަވަހީގައި އެހެން ގައުމުތަކުގެ ނެޝަނަލް ޕޭމަންޓް ސިސްޓަމްތަކާ ގުޅި، ބޭރު ގައުމުތަކާ އެކު ވަގުތުން ވަގުތަށް ފައިސާގެ މުއާމަލާތްތައް ހިންގުމުގެ މަގުފަހިވާނެ ކަމަށެވެ.

އެމްއެމްއޭއިން މި ސިސްޓަމް ގާއިމުކޮށްފައިވަނީ ފިންލޭންޑުގެ ޓިއޭޓޯއެވްރީގެ ސަބްސިޑަރީއެއް ކަމުގައިވާ ޓިއޭޓޯ ލެޓްވިއާ އެސްއައިއޭ އާ ހަވާލުކޮށްގެންނެވެ. ޓިއޭޓޯއެވްރީއަކީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ސިސްޓަމްތަކުގެ ހިދުމަތް ފުޅާދާއިރާއެއްގައި ދެމުން އަންނަ ތަޖުރިބާކާރު ކުންފުންޏެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް