ޗުއްޓީ ނިމި ބޭންކުތައް ހުޅުވަން ދެން އިންތިޒާރުގައި ހުރުން ނޫން ގޮތެއް ނެތެވެ. އެކަމަކު މި ހަގީގަތްތަކަށް ބަދަލު އައުމުގެ ކޮޅުމަތި ފެންނަން ފަށައިފިއެވެ. ފައިސާގެ މުއާމަލާތްތައް އަވަސް ވާނެ ބަދަލެކެވެ. ރައްކާތެރި ބަދަލެކެވެ. އަދި އެހާމެ ފަސޭހަ ބަދަލެކެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތައާރަފުކުރުމަށް ތައްޔާރުވަމުންދާ މޯލްޑިވްސް އިންސްޓެންޓް ޕޭމަންޓް ސިސްޓަމުން މި ބަދަލު ފެނިގެންދެއެވެ.
ފައިސާގެ މުއާމަލާތްތައް ވަގުތުން ވަގުތަށް
ބޭންކު މެދުވެރިކޮށް ވަގުތުން ވަގުތަށް ފައިސާ ފޮނުވާނަމަ މި ވަގުތު އެފަދަ ހިދުމަތެއް ލިބެނީ ފޮނުވާ އެކައުންޓާއި ލިބޭ އެކައުންޓު އެއް ބޭންކެއްގައި އޮންނަނަމައެވެ. ނަމަވެސް، މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް ކުރެވޭ ކޮންމެ މުއާމަލާތެއް ވެސް ވަގުތުން ވަގުތަށް ޕްރޮސެސްވެ ފައިސާ އެކައުންޓަށް ޖަމާވާނެއެވެ. މި ސިސްޓަމްގައި ކުރެވޭ ފައިސާގެ މުއާމަލާތްތަކަކީ ބަންދުގަޑިއަކަށް ހަފުތާ ބަންދަކަށް ހުއްޓުން އަރާނެ ކަމެއް ނޫނެވެ. ކޮންމެ އިރެއްގައި ކޮންމެ ތާކު ހުރެ، ކޮންމެ ބޭންކެއްގެ ކަސްޓަމަރަކަށް ވެސް ފަސޭހަކަމާއެކު ވަގުތުން ވަގުތަށް މި ސިސްޓަމުން ފައިސާގެ މުއާމަލާތްތައް ކުރެވޭނެއެވެ.
ފައިސާގެ މުއާމަލާތްތައް ފަސޭހަވެގެން ދާނެ
ފައިސާ ހޯދުމަށް ފޮނުވާލެވޭ ރިކުއެސްޓުތަކާއި ކަސްޓަމަރުންނަށް ފަސޭހައިން އެކްސަސްވެވޭނެ ގޮތަށް އިންޓަނެޓް ބޭންކިން އަދި މޯބައިލް ފޯނުގެ ޒަރީއާއިން ވަގުތުން ފޮނުވާލެވޭ ޕޭމަންޓްތަކާ އެކު އެތަކެއް ފަސޭހައެއް މި އާއެކު އަންނާނެއެވެ. ބޭންކިންގެ ފުރިހަމަ ހިދުމަތް ލިބިފައިނުވާ ގިނަ ރަށްތަކެއް ހުރިއިރު މި ސިސްޓަމުން ފަހިކޮށްދޭ ހިދުމަތްތަކުގެ ސަބަބުން، މާލީ މުއާމަލާތްތައް ކުރުމަށް އެއްރަށުން އަނެއް ރަށަށް ކުރަން ޖެހޭ ދަތުރުތަކުން އަރައިގަނެވި ރަށުގައި ތިބެ މުއާމަލާތްތައް ނިންމައިލެވެއެވެ.
ރައްކާތެރިކަމާ އެކު ފައިސާގެ މުއާމަލާތްތައް ކުރުން
ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކެކޭ އެއްފަދައިން، މި ސިސްޓަމް މެދުވެރިކޮށް ކުރެވޭ ފައިސާގެ މުއާމަލާތް ކުރެވޭނީ މިފަދަ ސިސްޓަމްތަކުގައި ބޭނުންކުރާ ސަލާމަތީ ކަންކަން ކަށަވަރު ކުރެވިފައިވާ ނިޒާމެއްގެ ތެރެއިންނެވެ. މީގެ އިތުރުން، ފައިސާގެ މުއާމަލާތެއް ކުރުމާ އެކު ފޮނުވި ފަރާތާއި ޖަމާވި ފަރާތަށްވެސް ވަގުތުން ނޮޓިފިކޭޝަނެއް ލިބިގެންދާނެއެވެ. މިއީ ވިޔަފާރީގެ މުއާމަލާތްތަކުގެ ޔަގީންކަން އިތުރެވެ، މުއާމަލާތްތައް މޮނިޓާކޮށް ބެލެހެއްޓުމަށް ލިބިގެންދާނެ ފަސޭހައެކެވެ. ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން މިފަދަ ރައްކާތެރިކަން ޔަގީންކުރެވިފައިވާ ސިސްޓަމެއް މެދުވެރިކޮށް ފައިސާގެ މުއާމަލާތް ކުރުމުން، ނަގުދު ފައިސާ އާއި ޗެކު ފަދަ ވަސީލަތްތައް ބޭނުންކުރަން ޖެހޭ މިންވަރު މަދުވެ އަދި ދިމާވަމުންދާ ހިރާސްތައް ނެތިގެންދާނެއެވެ.
ކުރިމަގުގައި ހުޅުވިގެންދާނެ ފަހި ފުރުސަތުތައް
މި ނިޒާމު ގާއިމުކޮށް ހިދުމަތަށް ހުޅުވާލުމާ އެކު މި ސިސްޓަމްގެ ބޭނުން ކޮށްގެން ޒަމާނީ އަދި އީޖާދީ ހިދުމަތްތައް ފަހިކޮށް، ފުޅާކޮށް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަގު ހުޅުވިގެންދާނެއެވެ. މިގޮތުން، ތަފާތު ހިދުމަތްތަކަށް ފައިސާ ދެއްކުމުގައްޔާއި ވިޔަފާރި މުއާމަލާތްތަކުގައި ޒަމާނީ ޕޭމަންޓްސް އެޕްފަދަ ވަސީލަތްތައް މެދުވެރިކޮށް ސީމްލެސް ޓްރާންސެކްޝަންތައް ހެދޭނެ ފަދަ ހިދުމަތްތައް ތައާރަފުކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މީގެ އިތުރުން، ބޭންކު އެކައުންޓެއް ނެތް ފަރާތްތަކަށްވެސް ފައިސާގެ މުއާމަލާތް ކުރުމުގެ މަގު ފަހިވެގެންދާނެއެވެ. އެގޮތުން، ބޭންކެއްގައި އެކައުންޓެއް ނެތްކަމުގައި ވިޔަސް މި ސިސްޓަމް މެދުވެރިކޮށް ސިސްޓަމްގައި ބައިވެރިވާ ފަރާތެއްގެ ޑިޖިޓަލް ވޮލެޓް ނިޒާމު ބޭނުންކޮށްގެން ބޭންކު އެކައުންޓުތަކަށް ވެސް ފައިސާ ފޮނުވައި އަދި އެ ބޭންކުތައް މެދުވެރިކޮށް ފޮނުވާ ފައިސާ ލިބިގަނެ، ވިޔަފާރިތަކަށާއި އެކިއެކި ހިދުމަތްތަކަށް ފައިސާ ދެއްކުން ފަދަ ކަންތައްތައް ފަސޭހަކަމާ އެކު ކުރެވޭނެއެވެ.
ފައިސާ ދެއްކުމުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނައުމުގެ އަމާޒާ އެކު އެމްއެމްއޭއިން ފަށާފައިވާ މި ޕްރޮޖެކްޓްގެ ފުރަތަމަ މަރުހަލާ ނިމި ހިދުމަތް ފަށާއިރު މި ސިސްޓަމްގައި ބައިވެރިވެފައިވާ ބޭންކުތަކުގެ ކަސްޓަމަރުންނަށް ސިކުންތުކޮޅެއްގެ ތެރޭގައި އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ފޮނުވޭނެއެވެ.
މި ސިސްޓަމްގެ ހިދުމަތް ފަށާއިރު މި ވަގުތު ސިސްޓަމްގައި ބައިވެރިވެ ޓެސްޓުތައް ކުރަމުން ދަނީ ތިން ބޭންކަކުންނެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އެވެ. ރާއްޖޭގެ މާލީ ދާއިރާގައި ހަރަކާތްތެރިވާ އެންމެ ބޮޑެތި ބޭންކުތަކުން މި ސިސްޓަމާ ގުޅިފައިވާއިރު އެހެނިހެން ބޭންކުތަކުންވެސް އަންނަނީ މި ސިސްޓަމްގައި ބައިވެރިވުމަށް ވާން ޖެހޭ ތައްޔާރީތައް ވެ އަވަސް މުއްދަތެއްގެ ތެރޭގައި ހިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ. އެގޮތުން، މިހާރު ކުރިއަށް ދަނީ އެންމެފަހުގެ ޓެސްޓުތައް ހެދުމުގެ މަރުހަލާއެވެ.