ދަނޑުވެެރިޔާ ވެބްސައިޓް އިފްތިތާހުކޮށްފައިވަނީ އެކަމަށްޓަކައި ށ. ގޮއިދޫގައި ބޭއްވި ހާއްސަ ހަފުލާއެއްގައި އެގްރިކަލްޗަ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ.
މި ވެބްސައިޓަކީ އދ. ގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާއި ބެހޭ ޖަމިއްޔާ (އެފްއޭއޯ) އާއި އެގްރިކަލްޗަ މިނިސްޓްރީ ގުޅިގެން އިފްތިތާހުކުރި ވެބްސައިޓެކެވެ.
އެ ހަފުލާގައި ވާހަކަފުޅުދައްކަވަމުން އެގްރިކަލްޗަ މިނިސްޓަރު ވިދާޅުވީ ދަނޑުވެެރިޔާ ވެބްސައިޓުން ދަނޑުވެރިކަމާ ބެހޭ ގިނަ މައުލޫމާތުތަކެއް ފެންނަން ހުންނާނެ ކަމަށެވެ. އެގޮތުން އެކި ވައްތަރުގެ ގޮވާމުގެ ބާވަތްތަކާއި މޭވާ އާއި ތަރުކާރީ އާ ބެހޭ މައުލޫމާތުގެ އިތުރުން ގަސްތަކަށް ޖެހޭ ބަލިތަކާއި އެ ކަންކަން ހައްލުކުރާނެ ގޮތުގެ މައުލޫމާތު އެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވެފައިވަނީ މި ވެބްސައިޓް އެއްކޮށް އަދި ފުރިހަމަ ނުވި ނަމަވެސް ވެބްސައިޓް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އިފާޑްގެ އެހީގައި ދަނޑުވެރިޔާގެ މޯބައިލް އެޕްލިކޭޝަނެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ވެބްސައިޓުގައި ހިމެނޭ މައުލޫމާތުގެ އިތުރަށް އުފެއްދުންތައް މާކެޓުކުރެވޭނެ ގޮތުގެ މައުލޫމާތު އެ އެޕްލިކޭޝަނުގައި ހިމަނާނެ ކަމަށެވެ.
މި ވެބްސައިޓުގެ މައިގަނޑު މަގުސަދަކީ ދަނޑުވެރިންނަށް ބޭނުންވާ ފަންނީ މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެގްރިކަލްޗަ މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި އެ ވެބްސައިޓުން ރާއްޖޭގައި އާންމުކޮށް ހައްދާ ދަނޑުވެރިކަމުގެ ބާވަތްތަކާއި އެ ތަކެތި ހައްދާނެ ގޮތާއި ހައްދާނެ މޫސުމާ އަދި ބޭސް އަޅަންވީ ގޮތް އެނގެން ހުންނާނެ ކަމުގައެވެ.
ދަނޑުވެރިޔާ ވެބްސައިޓް ޑިޒައިން ކުރުމުގައި އިސްކަން ދީފައިވާނީ ދަނޑުވެރިޔާ އާއި މިނިސްޓްރީއަށް ފަސޭހައިން ވާހަކަދެކެވޭ ގޮތައް ކަމަށް އެގްރިކަލްޗަ މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނެފައިވަނީ ދަނޑުވެރިޔާ ސުވާލެއް ކުރުމަށް ބޭނުންވާ ނަމަ އެ މިނިސްޓްރީގެ މާހިރުންނާއި ވާހަކަދެއްކޭނެ ކަމަށެވެ.