ads
އަބްދުﷲ ގާޒީ ހައްޔަރު ކުރި އޮޕަރޭޝަން: ފައިލް ފޮޓޯ
ހިޔާލު: އަބްދުﷲ ގާޒީއަށްވެސް އިންސާފު ލިބެން ޖެހެއެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓިގެން ދިޔައީ ގާނޫނާ ހިލާފަށް ފަނޑިޔާރަކު ހައްޔަރުކޮށް، އެކަމާ ގުޅިގެން ހިނގައިދިޔަ ހަމަ ނުޖެހުންތަކުގެ ތެރެއިންނެވެ. 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރައީސް ނަޝީދު އިސްތިއުފާ ދެއްވީ އެ ހަމަ ނުޖެހުންތަކުގެ ތެރެއިންނެވެ.
Advertisement

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި، ޝަރުއީ ދާއިރާގެ މިނިވަންކަމުގެ ވާހަކަތަކާ އެކު، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި ހަނދާންތައް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވަނީ އާ ކުރައްވާފައެވެ. 

ރައީސް އިބްރާހީމް މުހައްމަދު ސާލިހު އެ ވާހަކަތައް ކިޔައިދެއްވީ އަބްދުﷲ ގާޒީގެ އުފަން ރަށް، ރ. ހުޅުދުއްފާރުގައެވެ.

ހުޅުދުއްފާރުގައި ހުންނަވައި، ޝަރުއީ ދާއިރާގެ ވާހަކަފުޅުތައް ދައްކަވާއިރު ހިތްޕުޅަށް އަރާވަޑައިގަންނަވަނީ 2012 ވަނަ އަހަރުގެ ކުރީގެ ހަނދާންތައް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހް އިޝާރާތްކުރެއްވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ގައުމީ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ވިދާޅުވެ، ސިފައިން މެދުވެރިކޮށް އަބްދުﷲ ގާޒީ ޖެނުއަރީ 2012 ގައި ހައްޔަރު ކުރި ކުރުމަށެވެ.

އެމްއެންޑީއެފުން، ގާނޫނުއަސާސީއާއި ގާނޫނުގައި ބަޔާން ކުރާ އިޖުރާއަތާއި ހިލާފަށް އަބްދުﷲ ގާޒީ ހައްޔަރުކޮށްގެން ގެންދިޔައެވެ. ހައްޔަރު ކުރުމަށްފަހު، ވެސް އަމަލު ކުރީ ގާނޫނުއަސާސީއާ ގާނޫނުތަކާއި ހިލާފަށެވެ. ހައްޔަރު ކުރެވުނު މީހާ ހައްޔަރު ކުރެވުނު ފަހުން 48 ގަޑިއިރުވުމާއި ހަމައަށްވެސް އޭނާ ބަންދުކުރެވިފައިވާ ތަނެއް، އޭނާއާ މުއާސަލާތު ކުރެވެނޭގެ ގޮތެއް، އާއިލާއަށް، އެކުވެރިންނަށް، ބޭރުގެއެހެން ފަރާތަކަށް ގާނޫނީވަކީލަށް އަންގައި ފަހިކޮށެއް ނުދެއެވެ. ހައްޔަރު ކުރެވުނު މީހާ ބަންދުކޮށްފައިހުރީ "ސިއްރު" ތަނެއްގައެވެ. މި "އޮޕަރޭޝަން" ވެގެންދިޔައީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ސިޔާދަތު ގެއްލިގެންދިޔަ އޮޕަރޭޝަނަކަށެވެ. އަދި އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓެން މެދުވެރިވި މައިގަނޑު ސަބަބަށެވެ.

your image ގާޒީ އަބްދުﷲ މުހައްމަދު-- ފައިލް ފޮޓޯ: 

ނަޝީދުގެ ވެރިކަމުގައި ސިފައިންގެ އެހީތެރިކަމާ އެކު އަބްދުﷲ ގާޒީ ބަންދުކޮށްފައި ބެހެއްޓީ ސިފައިންގެ ތަމްރީނުތަކަށް ބޭނުންކުރާ ރަށް ކ. ގިރިފުށީގައެވެ. އަބްދުﷲ ގާޒީ ބަންދުން ދޫކުރީ ފެބްރުއަރީ 7، 2012 ގައި ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ. 

"ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް އިންނެވި ބޭފުޅަކު، ގޭގައި އަވަހާރަފުޅު ލައްވަފާއި އޮއްވައި ކުރިމަތިލާން ޖެހުނު ހާދިސާ. މިއަދު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ވަނީ ސިޔާސީ ނުފޫޒެއް ނެތި އިންސާފު ގާއިމް ކުރުމަށް ދޭންޖެހޭ ހުރިހާ މިނިވަންކަމެއް އަޅުގަނޑުމެން ދީފައި،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގެ ކުރިންވެސް ރައީސް ނަޝީދުވަނީ އެކި ފަހަރު މަތިން ކޯޓުތަކަށް އެކި ކަހަލަ އިންޒާރުތައް ދެއްވާފައެވެ. ޢަބްދުﷲ ގާޒީގެ މައްސަލަ ބަލަން ކެބިނެޓުން ނިންމެވި ކަމަށްވެސް ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން ނަޝީދު ވިދާޅުވެފައިވެއެވެ.

އެނގިވަޑައިގަންނަވާނެ، ބޭންކް އޮފް މޯލްޑިވްސްގެ އޯޑިޓް ރިޕޯޓާ ގުޅިގެން، މޯލްޑިވްސް ޕޮލީސް ސާވިސްއިން ކުރައްވަމުން ގެންދަވާ ތަޙުޤީޤު ކުރިއަށްނުދާތީ، ސަރުކާރުން ޚާއްޞަ ގޮތެއްގައި އެކަން މިހާރުވަނީ ބަލަން ފަށާފައި. މިކަމުގައި ފުލުހުންގެ ތަޙްޤީޤަށް ބޭންކުން ހޯއްދެވުމަށް ބޭނުންވާ މައްލޫމާތު ހޯއްދެވުމަށް އެކަށީގެންވާ ހެއްކާއެކު ޖިނާއީ ކޯޓަށްވަނީ ހުށަހަޅާފައި. އެހެންނަމަވެސް، މިކަމުގައި އެކޯޓުގެ އިސް ޤާޒީ އަލްއުސްތާޒް އަބްދުﷲ މުހަންމަދު އަމަލު ކުރައްވާފައިވަނީ، އެފަދަ މަގާމެއްގައި ހުންނަވާ ބޭފުޅަކު، ޢަމަލު ކުރެއްވުން އެކަށީގެންވާ ގޮތަކަށެއް ނޫން،" - ރައީސް ނަޝީދު -

އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، އެ ކުށް ސާބިތުވުމުން 13 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. އެކަމަކު، ވެރިކަން ބަދަލުވުމާއެކު އެ މަނިކުފާނުގެ ހުކުމް ކޯޓުން ބާތިލްކުރީއެވެ. ހުކުމް ބާތިލު ކުރުމާ ހަމައަށް ނަޝީދު ހުންނެވީ ރާއްޖޭން ބޭރުގައެވެ. 2018 ގެ ކެމްޕެއިންގެ ހުރިހާ ކަމެއް ނިމި، ރައީސް ސާލިހު އިންތިހާބުވުމުން ސުޕްރީމް ކޯޓުން ނަޝީދުގެ ހުކުމް ބާތިލު ކުރެއްވިއެވެ. އެ ހިސާބުން ނަޝީދު އެބުރި މާލެ ވަޑައިގެންނެވިއެވެ. 

ޤާޒީއަކު އޭނާގެ ގޭގައި ހުއްޓާ އަސްކަރިއްޔާއިން ސިފައިން ފޮނުވައިގެން، ހިފާ ހައްޔަރުކޮށް، ސިއްރު ތަނެއްގައި ބަންދުކޮށް، ވާއެއްނުވާ ނާންގާ، 48ގަޑި އިރު ހޭދަކޮއްލި ކޮއްލުމަކީ އެއީ ދައުލަތަށް ކުރެވޭނެ ކަމެއް ނޫނެވެ. އެއީ ރާއްޖޭގެ ޤާނޫނުއަސާސީއާ ޤާނޫނުތަކާއި ހިލާފުވުމެކެވެ. ބައިނަލްއަގްވާމީ ޤާނޫނާ ހިލާފު ވުމެކެވެ. އެހެންކަމުން، މިޤާނޫނުއަސާސީގެދަށުން ވެރިކަން ކުރަންއެގޭ ކަމަށް ބުނާ ބުނުމަކީ ޤާނޫނީގޮތުން އޮއްޓަރެއް ހުރި ވާހަކައެއް ނޫނެވެ.

ހަގީގަތުގައި އަބްދުﷲ ގާޒީއަށްވެސް އިންސާފު ލިބެން ޖެހެއެވެ. އަބްދުﷲ ގާޒީ "ވަގަށް ނެގި" މީހުންނަށް އެކަމުގެ އަދަބު ލިބެން ޖެހެއެވެ. ރައީސް ނަޝީދުގެ މައްޗަށް އިންސާފުވެރި ޝަރީއަތެއް ކުރެވެން ޖެހެއެވެ. އޭރުން ރައީސް ނަޝީދަށްވެސް އަދި އަބްދުﷲ ގާޒީއަށްވެސް އިންސާފު ލިބޭނެއެވެ. 

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް