ads
ނައިބު ރައީސް ފެން ޕްލާންޓް ބައްލަވާލައްވަނީ: ވިދާޅުވީ ޕްލާންޓާ އެކު އެއްވެސް ދައްޗެއް ނެތި ފެން ފޯރުކޮށްދެވޭނެކަމަށް - ރައީސް އޮފީސް
3،000 ޓަނުގެ ފެން ޕްލާންޓާ އެކު ހުޅުމާލެއަށް ދަތިނުވެ ފެން ފޯރުކޮށްދެވޭނެ
މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ހުޅުމާލޭގައި ގާއިމުކުރި ފެން އުފައްދާ ޕްލާންޓާ އެކު، އެއްވެސް ދައްޗެއް ނެތި ފެން ފޯރުކޮށްދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި އެމްޑަބްލިއުއެސްސީން ގާއިމުކުރި ފެން އުފައްދާ އާ ޕްލާންޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް މިއަދު ވިދާޅުވީ ހުޅުމާލޭގައި އާބާދުވާ މީހުންގެ ނިސްބަތް އިތުރުވަމުން އައުމާ އެކު އެ ތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިނުވެ ފެން ފޯރުކޮށްނުދެވިދާނެކަމުގެ ކަންބޮޑުވުން އޮތް ނަމަވެސް، އެމްޑަބްލިއުއެސްސީން ގާއިމުކުރި އާރް އޯ ޕްލާންޓާ އެކު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިނުވެ ފެން ފޯރުކޮށްދިނުމުގެ ޔަގީންކަން ލިބިގެންގޮސްފި ކަމަށެވެ.

ފެން އުފެއްދުމުގެ މަސައްކަތަކީ ނިމުމެއް އަންނާނެ މަސައްކަތެއް ނޫންކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ މިހާރު ސަރުކާރުން ގޯތި ދޫކުރުމަށް ނިންމާފައިވާ ސަރަހައްދުތަކަށް މީހުން ބަދަލުވާންވާއިރަށް އެ ރައްޔިތުންނަށްވެސް ފެން ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ހަމަޖައްސަން ޖެހޭ ކަމަށެވެ. ނައިބު ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތްތަނުގައިވެސް ރައްޔިތުންނަށް ފެން ލިބުމުގައި ދަތިތަކެއް ކުރިމަތިނުވެ ފެން އުފައްދާ މިންވަރު އިތުރުވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމުގައެވެ.

your imageނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ - ފޮޓޯ:ރައީސް އޮފީސް

ނައިބު ރައީސް ވިދާޅުވީ ފެން ލިބުމުގެ ދަތިކަމެއް އިހްސާސް ކުރަން ޖެހިއްޖެނަމަ ދިރިއުޅުމަށް އެކަމުގެ ސަބަބުން އަސަރު ކުރާ ކަމަށެވެ. ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ފުލް ގިއަރުގައި ފެން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރަން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވެފައިވަނީ ހުޅުމާލޭގައި ގާއިމްކުރި ފެން އުފައްދާ ޕްލާންޓަކީ ދުވާލަކު 3،000 ޓަނުގެ ފެން އުފެއްދޭނެ ޕްލާންޓެއް ކަމަށެވެ. އެ ޕްލާންޓް ގާއިމުކޮށްފައިވަނީ ހިޓާޗީ ފައިނޭންސްގެ އެހީގައި ކަމަށް ޝާހް ވިދާޅުވިއެވެ. ޝާހް ވިދާޅުވި ގޮތުގައި ހުޅުމާލެ ފެނަށް ޖެހިދާނެތީ ގުޅީފަޅުގައި ހުރި 50 ޓަނުގެ ފެން އުފައްދާ ޕްލާންޓެއް ގެނެސްގެން ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރި ކަމުގައެވެ.

އެމްޑަބްލިއުއެސްސީން ބުނީ މާލޭގެ އާބާދީއަށް އަންނަމުންދާ ބަދަލާ އެކު ދުވާލެއްގެ މައްޗަށް ފެން އުފައްދަން ޖެހޭ މިންވަރު އިތުރުވެ، ފެނުގެ ޑިމާންޑް އަންނަނީ ބޮޑުވަމުން ކަމަށެވެ. އެގޮތުން މާލޭގައި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި މިހާރުވެސް 20،000 ޓަނުގެ ފެން އުފައްދަމުން އަންނަ ކަމަށާއި ދުވާލެއްގެ މައްޗަށް 18،000 ޓަނުގެ ފެން ބޭނުން ކުރަމުން އަންނަކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ ހުޅުމާލޭގެ އާބާދީ އިތުރުވަމުން އަންނާތީ ފެނުގެ ޑިމާންޑް ބޮޑުވެ، ދުވާލެއްގެ މައްޗަށް 11،000 ޓަނުގެ ފެން ރައްޔިތުން ބޭނުން ކުރަމުން އަންނަ ކަމަށެވެ. ދުވާލަކު 13،000 ޓަނުގެ ފެން އުފެއްދޭނެ ދެ ޓޭންކް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް