
މުބާރާތުގައި މިރޭ އާސެނަލް ވާދަކުރީ ފުލަމްއާއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ނިމުނީ ކޮންމެ ޓީމަކުންވެސް ދެލަނޑު އްޖަހާ އެއްވަރުވެގެންނެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ފުލަމްއިންނެވެ. މެޗުގެ ފުރަތަމަ މިނެޓުގައި ފުލަމްއަށް ލީޑު ނަގައިދިނީ އަންދްރޭސް ޕެރޭރާއެވެ. ފުރަތަމަ ހާފު ނިމުނީ އިތުރު ލަނޑެއް ނުޖެހިއެވެ. ދެވަނަ ހާފުގައި އާސެނަލްއިން ކައިރި ކައިރީގައި ދެލަނޑުޖަހާ ނަތީޖާ އަނބުރާލިއެވެ.
ލިބުނު ޕެނަލްޓީއެއްގައި އާސެނަލްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ބުކާޔޯ ސަކާއެވެ. އޭގެ ދެމިނެޓު ފަހުން އެޑީ އެންކެޓިއާ އާސެނަލްއަށް ލީޑު ނަގައިދިނެވެ. މެޗު ނިމެނިކޮށް ފުލަމްއިން އެއްވަރުކުރީ ޖޯ ޕަލީނިއާއެވެ.
މި ނަތީޖާއާއެކު އާސެނަލްއަށް ތިން މެޗުން ލިބެނީ ޖުމްލަ ހަތް ޕޮއިންޓެވެ. މިރޭ އޭއެފްސީ ބޯންމައުތު 2-0 ން ބަލިކުރި ޓޮޓެންހަމްއަށްވެސް ލިބެނީ ހަތް ޕޮއިންޓެވެ. ތާވަލުގެ އެއްވަނާގައި ޓޮޓެންހަމް އޮތީ ފައިދާ ގޯލުންނެވެ. މިރޭގެ މެޗު ކާމިޔާބުކޮށް ތިން ޕޮއިންޓު ހޯދައިގެން އެއްވަނައަށް އެރުމުގެ ފުރުސަތު އާސެނަލްއަށް އޮތެވެ.