ކްރޮސްރޯޑްސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފަވަރަ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި އެމްއެމްއޭގެ ވެރިންނާއި ރާއްޖޭގެ ބޭންކުތަކުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް 'ފަވަރަ' އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ މި ސިސްޓަމްއިން މާލީ ދާއިރާއަށް ޒަމާނީ ބަދަލު އައިސް އީޖާދީ އެތައް ކަމެއް ތައާރަފު ވެގެންދާނެ ކަމަށެވެ. ދުނިޔޭގެ ހުރިހާ ހިދުމަތްތައް ދަނީ ޑިޖިޓަލައިޒޭޝަނާ ދިމާލަށް ކަމަށާއި އެމްއެމްއޭއިން މަސައްކަތް ކުރަނީ ރާއްޖޭގެ މާލީ ދާއިރާވެސް އެ ދިމާލަށް ގެންދިއުމަށް ކަމަށް ހާޝިމް ވިދާޅުވިއެވެ. ހާޝިމް ވިދާޅުވެފައިވަނީ ޕޭމަންޓް ސިސްޓަމް ތައާރަފުކުރުމަކީ ބޮޑު ބަދަލެއްގެ ފެށުން ކަމަށެވެ.
ފަވަރަ އިންސްޓަންޓް ޕޭމަންޓް ސިސްޓަމުން ކުރެވޭ ކަންކަން:
- އިންސްޓަންޓް ޕޭމަންޓްސް
- ރިކުއެސްޓް ޓު ޕޭ
- ސްމާޓް އެޑްރެސިން
- އެކައުންޓް ވެރިފިކޭޝަން
މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް 'ފަވަރަ' އަކީ މާލީ ނިޒާމާ ބީރައްޓެހި ފަރާތްތަކަށާއި ބޭންކް އެކައުންޓެއް ނެތް ފަރާތްތަކާއި ރާއްޖޭގެ ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައި ވީނަމަވެސް، މި ސިސްޓަމް މެދުވެރިކޮށް ހިނގާ ކޮންމެ މުއާމަލާތެއްގެ ފަސޭހަތައް އެއްހަމައެއްގައި ލިބިދިނުމަށް މަގުފަހިވާގޮތަށް ފަރުމާކޮށްފައިިވާ ސިސްޓަމެކެވެ.
އެމްއެމްއޭއިން ބުނެފައިވަނީ މި ސިސްޓަމް އާއެކު ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާއަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެގޮތުން ތަފާތު ޒަމާނީ އަދި ޑިޖިޓަލް ޕޭމަންޓު ހިދުމަތްތައް ތައާރަފުކުރުމަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި މި ސިސްޓަމްގެ ހިދުމަތް ފަށާއިރު ސިސްޓަމްގައި ބައިވެރިވެ ޓެސްޓުތައް ކުރަމުން ދަނީ ތިން ބޭންކަކުން ކަމުގައެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ކަމަށް އެ އޮތޯރިޓީން ބުނެއެވެ. އެމްއެމްއޭއިން ބުނީ އެ ބޭންކުތަކުން މި ސިސްޓަމާ ގުޅިފައިވާއިރު، އެހެނިހެން ބޭންކުތަކުންވެސް މި ސިސްޓަމްގައި ބައިވެރިވުމަށް ވާން ޖެހޭ ތައްޔާރީތައް ވެ އަވަސް މުއްދަތެއްގެ ތެރޭގައި ހިދުމަތް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން، މިހާރު ކުރިއަށް ދަނީ އެންމެފަހުގެ ޓެސްޓުތައް ހެދުމުގެ މަރުހަލާ ކަމަށް އެމްއެމްއޭއިން ބުނެއެވެ.
އާ ޕޭމަންޓު ސިސްޓަމާ އެކު ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގައި ޒަމާނީ ވަސީލަތްތަކުގެ ބޭނުންކޮށްގެން ރައްކާތެރި މާހައުލެއް ގާއިމުކުރެވޭނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ. އެ އޮތޯރިޓީން ބުނެފައިވަނީ މި ޕްރޮޖެކްޓުގެ ފުރަތަމަ މަރުހަލާގައި ޑޮމެސްޓިކް ޓްރާންސެކްޝަންތަކަށް އިސްކަންދިން ނަމަވެސް ދެވަނަ ފިޔަވަހީގައި އެހެން ގައުމުތަކުގެ ނެޝަނަލް ޕޭމަންޓް ސިސްޓަމްތަކާ ގުޅި، ބޭރު ގައުމުތަކާ އެކު ވަގުތުން ވަގުތަށް ފައިސާގެ މުއާމަލާތްތައް ހިންގުމުގެ މަގުފަހިވާނެ ކަމަށެވެ.