ނައިބު ރައީސް މިހެން ވިދާޅުވެފައިވަނީ މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް 'ފަވަރަ' އިފްތިތާހުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމްކޮށްގެން ކްރޮސްރޯޑްސްގައި ބޭއްވި އެ ރަސްމިއްޔާތުގައި އިންސްޓަންޓް ޕޭމަންޓް ސިސްޓަމް 'ފަވަރަ' އިފްތިތާހުކޮށްދެއްވާފައި ވަނީ ނައިބު ރައީސެވެ.
ރައީސް އޮފީހުން ބުނީ އެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ދުނިޔެއަށް އަންނަ ބަދަލުތަކާ ފައިހަމަކުރުމަށް ރާއްޖޭގެ ޕޭމަންޓް ސިސްޓަމަށް ގެނައި ބަދަލު ފާހަގަކުރައްވައި އެ ބަދަލުގެ ސަބަބުން ގައުމަށްކުރާނެ ފައިދާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައި ކަމަށެވެ. ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާ ފައިހަމަކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރަނީ ޓެކްނޮލޮޖީގެ ރޮގުންކަން ފާހަގަކުރައްވައި އެ ކަންކަމުން ކުރިއެރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ބުނެފައިވަނީ ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ވަރަށް އީޖާދީ މަސައްކަތްތެރި ޒުވާނުން ތިބިކަން ފާހަގަކުރައްވައި އެ ފަރާތްތަކުން އިގުތިސޯދީ ބަދަލު ގެނެސް އިގުތިސޯދު ދެގުނަކުރުމަށް މަސައްކަތްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވި ކަމަށެވެ. އޭގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރުސަތުތައް ފުޅާކުރުމަށް، ރާއްޖޭގެ އިގުތިސޯދު އިތުރަށް ހަރުދަނާކުރުމަށް ބާރުއެޅުއްވި ކަމަށް އެ އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ގައުމު ބިނާވެގެންދަނީ ވަރަށް ޒިންމާދާރު މަސައްކަތްތަކެއް އެންމެން ގުޅިގެން ކޮށްގެން ކަމަށާއި ގައުމެއް ތަރައްގީ ކުރުމަށް އާބާދީ ކުޑަކަމަށް ނުބަލައި ހުރިހާ ދާއިރާއަކުން މަސައްކަތްކުރުމަށް ނައިބު ރައީސް ފާހަގަކުރެއްވި ކަމުގައެވެ. އީޖާދީ ވިސްނުންގެނެސް ގައުމަށް ބޭނުންވާނެ ހުރިހާ ދާއިރާއަކުން މަސައްކަތްކުރުމާ އެކު، ގައުމަށްޓަކައި އެކި ދާއިރާތަކުން ވިސްނުން ބަހައްޓައި ގައުމު ތަރައްގީކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައި ކަމަށް އެ އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ބުނީ 'ފަވަރަ' މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގެ ސަބަބުން ރާއްޖޭގައި ޕޭމަންޓް ހިދުމަތަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށެވެ. މިކަމުގެ ސަބަބުން ވިޔަފާރިތަކުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރުވެ، އެ ހިދުމަތްތައް އެންމެންނަށްވެސް ލިބިގެންދާނެ ކަމަށް އެ އޮފީހުން ބުނެއެވެ. ރައީސް އޮފީހުން ބުނެފައިވަނީ މި ސިސްޓަމްގެ ފްލެކްސިބަލް ޑިޒައިންގެ ސަބަބުން ރާއްޖޭގެ ކޮންމެ ތަނެއްގައިވެސް ފައިސާ ދެއްކުމުގެ ހިދުމަތް ކުރިއަށް ގެންދިއުމާއި އެކްސެސް ކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ. އޭގެ އިތުރުން ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތައް ހޯދުމުގައި އިތުރަށް ލުއިފަސޭހަ ވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެ އޮފީހުން ބުނި ގޮތުގައި މި ސިސްޓަމް ގާއިމުކުރުމުން ފިންޓެކް އަދި އީ-ކޮމާސްގެ ހިދުމަތްތަކަށް މަގުފަހިކޮށްދޭ ކަމުގައެވެ.