އައިއޯއައިޖީގައި ލީގު އުސޫލުން ކުރިއަށްދާ ޓީޓީގައި އަންހެން ޓީމުންވަނީ ކުޅުނު ފުރަތަމަ ދެ މެޗުންވެސް މޮޅުވެފައެވެ. ޝީޝެލްސްއާ ދެކޮޅަށް އަންހެން ޓީޓީ ޓީމު ކުޅުނު މެޗު ސީދާ ތިން މެޗުން ގެންގޮސްފައިވާ އިރު، އެ ގޭމްގައި ފާތިމަތު ދީމާ އަލީ ކުޅުނު މެޗުގައި ލައުރާ ސިނޮން ކައިރިން 3-0 ގެ ނަތީޖާއަކުން މޮޅުވިއެވެ.
ދީމާ ސެޓުތައް ގެންދިޔައީ 11-4، 11-4 އަދި 11-2 އިންނެވެ. އައިޝަތު ރަފާ ނާޒިމް އެ ގޭމްގައި ކުޅުނު މެޗުގައި 3-1 ގެ ނަތީޖާއަކުން އަނިއެސާ ބެންސްޓްރޯންގް ބަލިކުރި އިރު، އެ މެޗުގައި ރަފާ ގެންދިޔަ ސެޓުތައް ގެންދިޔައީ 11-8، 11-9 އަދި 11-7 އިންނެވެ. އެ މެޗުގައި ބެންސްޓްރޯންގް ގެންދިޔަ ސެޓު ގެންދިޔައީ 11-5 އިންނެވެ.
ގޭމްގެ ފަހު މެޗުގައި ލައިސާ ފަތުހުﷲ އިސްމައިލް ވަނީ އަނިސާ ލެޕެރޭ ކައިރިން ސީދަ ތިން ސެޓުން މޮޅުވެފައެވެ. ލައިސާ ސެޓުތައް ގެންދިޔައީ 11-4، 11-4 އަދި 11-3 އިންނެވެ.
އަންހެން ޓީޓީ ޓީމުން ރިޔޫނިއަން ކައިރިންވެސް މޮޅުވީ ސީދާ ތިން ގޭމުންނެވެ. އެ ގޭމްގައި ދީމާ ކުޅުނު މެޗުގައި 3-0 އިން މޮފްލެޓް މަރިއޮން ބަލިކުރީ 11-3، 11-7 އަދި 11-5 އިން ސެޓުތައް ގެންގޮސްގެންނެވެ. އަދި ދެވަނަ މެޗުގައި ރަފާ ނުކުމެ، މާލެޓް މަޖާ ބަލިކުރީ 11-9، 11-9 އަދި 11-7 ގެ ނަތީޖާއަކުން ސެޓުތައް ގެންގޮސްގެންނެވެ.
ލައިސާ ފަތުހުﷲ ރިޔޫނިއަންގެ އަލްމެރީ ސޮލެނޭ ކައިރިން 3-1 އިން މޮޅުވެ ރާއްޖެއިން ގޭމް ކާމިޔާބުކުރި އިރު، ލައިސާ މެޗުގައި ގެންދިޔަ ސެޓުތައް ގެންދިޔައީ 11-5، 11-5 އަދި 11-5 އިންނެވެ. އަލްމެރީ ގެންދިޔަ ސެޓު ގެންދިޔައީ 11-7 ގެ ނަތީޖާއަކުންނެވެ.
ދިވެހި ޓީޓީ އަންހެން ޓީމަށް މިހާރު އޮތް ނަތީޖާގައިވެސް މެޑަލް ވަނީ ޔަގީންވެފައެވެ.